މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިންގ ބޭނުން ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް އަހުމަދު އަލީ ވިދާޅުވީ ރިޔާސީ އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިންގ ބޭނުން ކުރުމާ މެދު އަދި ކޮމިޝަނުން ގޮތެއް ނުނިންމާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީއިން އިތުރަށް ކުރި ސުވާލުތަކަށް އޭނާ ޖަވާބެއް ނުދެއްވި އެވެ.
އެހެން ނަމަވެސް، ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރުގެ ތެރޭގައި އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމްތަކެއް ރާއްޖެ ގެނެއުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިންގ ތައާރަފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް، ޕީޕީއެމް ފިޔަވަައި ދެން ތިބި ޕާޓީތަކުން އެކަމާ ދެކޮޅު ހެދުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން ބޭނުން ކޮށްފައިނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނު ކުރިން ވިދާޅުވެފައިވާ ގޮތުގައި އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމް ބޭނުންކުރަނީ ވޯޓު ކަރުދާސް ގުނުމަށް އެކަނި އެވެ. އަދި އެ މެޝިނުން ގުނުމަށްފަހު ބޭނުންނަމަ މިހާރުވެސް ވޯޓު ކަރުދާސް ގުނަމުން އަންނަ ގޮތަށް ގުނުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ސުލައިމާން ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ތައާރަފްކުރާ އީވޯޓިން ސިސްޓަމަކީ އިންޓަނެޓާ ގުޅިފައިވާ އެއްޗެއް ނޫން ކަމަށް ވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވެފައިވެއެވެ.
ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މިޝަނުން 2016 ވަނަ އަހަރު ބުނެފައިވަނީ، އިލެކްޓްރޯނިކް ވޯޓިންގ އަކީ 350،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ގައުމަކާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އަދި އެ ނިޒާމު ތައާރަފު ކުރުމުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެވޭނެ ކަމުގެ ޔަގީންކަން ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން އިތުރު ކޮށްދޭން ޖެހޭނެ ކަމަށް ވިލާތުގެ އިއްތިހާދުން ބުނެފައިވެއެވެ.