ރައީސް އަބްދުﷲ ޔާމީނާއި، ސަރުކާރުން ބުނާހާ ކަމެއް ކުރާއިރު، އިންސާފުގެ ވަގުތު އައުމުން އެބޭފުޅުން ސަލާމަތްކޮށްދޭނެ ބަޔަކު ނުތިބޭނެ ކަމަށް ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަބުދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. މަޖީދު ވިދާޅުވީ މަޖިލިސް މެމްބަރުންނާއި، އޮފީސްތަކާއި މުއައްސަސާތަކުގެ ވެރިންނަށް ތިއްބަވާ ބޭފުޅުން ސަލާމަތްކޮށްދޭން އެބޭފުޅުންގެ މަތިން ތިއްބަވާ ބޭފުޅުން ނާންނާނެކަން ވިސްނަންވާނެކަމަށެވެ. މިސާލު ނަންގަވަމުން ޑރ މަޖީދު ވިދާޅުވީ ކުރީގެ ޕީޖީއާއި، ކުރީގެ ނައިބު ރައީސާއި، ކުރީގެ މަޖިލީހުގެ ނައިބު ރައީސާއި، މިހެން ގޮސް ކިތަންމެ ބޭފުޅުންނެއް ރައީސް ޔާމީންގެ ޙިމާޔަތުގައި ތިއްބެވިނަމަވެސް، އެންމެ ފަހު ވަގުތު ސަރުކާރުން އެބޭފުޅުންލީ ޖަލަށްކަމަށެވެ.
"މިއަދުވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީމަ ދެލޯ އަނދިރިކަމަށް ހެދިގެން ނުފެންނަ ކަމަށް ހެދިގެން ހިތު ހުރި ގޮތަކަށް، ބުނާހާ ކަންތައްތަކެއް ކުރަމުން ގެންދާ ބޭފުޅުން ހަމަ ވިސްނަން އެބަޖެހޭ އެބޭފުޅުންނަށް ހަމަ ދުނިޔެ މަތީގައި އެދުވަސް ދެއްކެވުން ވަރަށް ގާތް،" ޑރ މަޖީދު ވިދާޅުވިއެވެ.
ޑރ. މަޖީދު ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމާއި ސަރުކާރުން ހިންގާ ނޭއްގާނީ ކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް ދުނިޔެ މަތީގައި އެކަމުގެ ސަޒާ ނުލިބުނު ނަމަވެސް، ހަމަ ޔަޤީނުންވެސް އެކަންތައްތަކުގެ ހިސާބު ބެއްލެވޭނެ ދުވަހެއް އަންނާނެކަމަށެވެ. އަދި އެކަންތައްތަކަށް ފުރިހަމަ ޖަޒާ ލިބޭ ދުވަސްވެސް އަންނާނެކަމަށެވެ.
އަދި އާޚިރަތް ދުވަހުން، ތިމާއަށް ނުބައި ކަންތަކަށް އަމުރުކުރީ ވެރިންކަމަށް ބުނެ، އެކަމުގެ އަޒާބުން ރެކެވޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ޑރ. މަޖީދު ވިދާޅުވިއެވެ. އަދި އެމީހަކު ކުރި ކުށެއްގެ ޒިންމާ އުފުލާނީ އެމީހަކު އަމިއްލައަށް ކަމަށްވެސް ޑރ މަޖީދު ވިދާޅުވިއެވެ.