ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީއަށް ތަޢުރީފްކުރައްވަމުން ގޮސް، އެ ކަމަނާ "ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް" ހައްދަވާ ކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް (ސަން ސިޔާމް) ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެންނަށް ﷲ ދެއްވި ނިޢުމަތަކީ މިއިންނެވި ރާނީ (ފާތުމަތު އިބްރާހިމް ދީދީ) އަޅުގަނޑުމެންނަށް ދެއްވުން. އެރާނީ އެކުރައްވާ ކަމަކީ ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހެދުން. އަންހެނުން އަންހެނުންގެ ބާރުވެރިކަން ހޯދުން. އަދި މީހުންނަށް އޯގާތެރިކަމާއި ލޯބި، އެއީ ކޯއްޗެއްކަން އެރާނީ އެބަދައްކަވާ،" ޚިތާނީ ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބުދަ ދުވަހުގެ ރޭ ސިޔާމް ވިދާޅުވ އެވެ.
ޝިޔާމް މިހެން ވިދާޅުވުމުން ރައީސްގެ އަނބިކަނބަލުން ސިހިވަޑައިގެންނެވި މަންޒަރު ޓީވީއިން ދެއްކިއެވެ. އަދި އެއަށްފަހު ހިނިފުޅުވަޑުވަން މޫނުމަތީގައި އަތްއެޅުއްވުމަށް ފަހު އިސްދަށަށް ޖަހާލެއްވެވި އެވެ.
ރައީސްގެ އަނބިކަނބަލުންނަށް ސުވަރުގޭގައި ގަނޑުވަރުތަކެއް މާތް ﷲ ބިނާކުރައްވާފައިވާކަމަށް ވިދާޅުވެ 2016ވަނަ އަހަރު ސިޔާމް ދެއްކެވި ވާހަކަފުޅަކަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެވާހަކަތައް އަނެއްކާވެސް އޭނާ ވަނީ ބުދަ ދުވަހުގެ ރޭގެ ރަސްމިއްޔާތުގައި ތަކުރާރުކުރައްވާފައެވެ.
އެވާހަކަ ދައްކަވަމުން ނުފަރިތަ ގޮތަކަށް ޝިޔާމް ފާތުމަތު އިބްރާހިމްއަށް މުޚާޠަބްކުރައްވާފައިވަނީ "އެކަނބުލޯގެފާނު"ގެ ނަމުންނެވެ.
އިދިކޮޅު ފަރާތްތައް ލާދީނީ ބައެއްގެ ގޮތުގައި ލޭބަލްކުރުމަށް މަސައްކަތްކުރަމުން ދާއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ އިސްވެރިންގެ ގޮތުގައި ތިއްބަވައިގެން ރައީސް ޔާމީނާއި އެމްޑީއޭގެ ލީޑަރު ޝިޔާމް ދައްކަވާ މިފަދަ ވާހަކަތަކުގެ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ.
ޝިޔާމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ "އެންމެ ފަހުން ތެދު ބަހެއް ބުނެފި" ކަމަށެވެ.
"ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހެދީ ކާކުކަން ޝިޔާމް ވިދާޅުވެއްޖެ" ކަމަށާއި އެ މައްސަލަ ފުލުހުން ތަހުޤީޤް ނުކުރާނަންތޯ ވިދާޅުވެ ޝިފާޒު ވަނީ ސުވާލުކުރެއްވިއެވެ.
ސަރުކާރަށް ތާޢިދުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނަމުން ދަނީ ސިޔާމް ވިދާޅުވާން އުޅުއްވީ ފަސްޓް ލޭޑީ ނުކުޅެދޭ މީހުން ކުޅެދޭ މީހުންނަށް ހައްދަވައިދެއްވި ވާހަކަ ކަމަށެވެ. އެހެން ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެފަދަ ވާހަކައެއްވެސް ވަނީ ދީނާއި ޚިލާފް ވާހަކަޔަކަށް ކަމަށެވެ.