ދިއްގަރު ދާއިރާގެ ޕީޕީއެމްގެ ޕްރައިމަރީގައި ފާރިސް މައުމޫނާ ދެކޮޅަށް ރައީސް ޔާމީން 8 މިލިއަން ރުފިޔާ ޚަރަދުކުރެއްވިކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ފާރިސް މައުމޫން މިނިވަން ކުރަން ޖެހޭކަމަށް ވިދާޅުވެ، މަހުލޫފު ޓްވިޓަރގައި ވިދާޅުވީ ފާރިސްގެ ކުށެއް ނެތްކަމަށާއި، ފާރިސް ޖަލުގައި ބަންދުކޮށްގެން އުޅެނީ ބޮޑު ބޭބެ، ރައީސް ޔާމީންގެ ކޮރަޕްޓް ސަރުކާރާއި ދެކޮޅަށް ތެދުވެވަޑައިގަތުމުންކަމަށެވެ.
މަހުލޫފު މިހެން ވިދާޅުވެ، ޓްވީޓްކުރައްވާފައިވަނީ ފާރިސް މައުމޫން ރިޝްވަތު ދެއްވި ވަގުތެއް، އަދި ރިޝްވަތު ދެއްވި ތަނެއް ދައުލަތަށް ބުނެ ނުދެވޭކަމަށް ވިދާޅުވެ ފާރިސްގެ ދައްތަ ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއް ރީޓްވީޓްކުރައްވަމުންނެވެ. ޔުމްނާ ވިދާޅުވީ ފާރިސްއާއި ދެކޮޅަށް ސާބިތުހިފޭ މައްސަލައެއް ނެތްކަމަށާއި، ފާރިސްއާއި ދެކޮޅަށް ދައުވާކުރަމުންދަނީ އޭނާ ކުރައްވާ މަސައްކަތްޕުޅު ހުއްޓުވަން ކަމަށެވެ.
At first Yameen spent over 8M against MP @afarismaumoon in PPM primary campaign for Dhiggaru Constituency seat and now he’s jailed for standing against his uncles’s kleptocratic government. He’s innocent, he should be freed immediately @maumoonagayoom https://t.co/7aGZkCEC93
— Ahmed Mahloof (@AhmedMahloof) January 3, 2018
މި ޓްވީޓާއި ގުޅިގެން، އެމައުލޫމާތު ލިބިވަޑައިގަތީ ކިހިނެއްތޯ ރާއްޖެއެމްވީ އިން ދެންނެވުމުން މަހުލޫފު ވިދާޅުވީ އެމައުލޫމާތު ދެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށެވެ. ދިއްގަރު ދާއިރާގެ ގޮނޑިއަށް ފާރިސް މައުމޫން އިންތިޚާބު ވެވަޑައިގަތީ، އެދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެން، އެގޮނޑި ހުސްވުމުން، 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ. އަދި އެގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީގެ ދުވަސްވަރު، ރާއްޖޭގެ ފުޓުބޯޅައިގެ ތެރޭގައި ނަގާކިޔާ ބައެއް ބޭފުޅުން ދިއްގަރަށާއި، ދާއިރާގެ ރަށްރަށަށް ވަޑައިގެން، ފާރިސްއާއި ދެކޮޅަށް ކެމްޕޭން ކުރެއްވިކަމަށް އޭރުވެސް އަޑުތައް ފެތުރުނެވެ.
ދިއްގަރު ދާއިރާގެ ޕްރައިމަރީގައި ފާރިސް "ކަޓުވާލުމަށް" ރައީސް ޔާމީން 8 މިލިއަން ރުފިޔާ ޚަރަދުކުރެއްވިކަމަށް މަހުލޫފު ތުހުމަތުކުރައްވާފައިވާއިރު، ފާރިސްގެ ކެމްޕޭންގައި ރައީސް ޔާމީން އެރަށަށް ވަޑައިގަތީވެސް އެންމެ ފަހު ދަނޑިވަޅުގައެވެ. އަދި ކެމްޕޭންގެ ކުރީކޮޅު ފާރިސްގެ ކެމްޕޭންގައި މުޅިންވެސް އުޅުއްވީ ބައްޕާފުޅާއި، ޕީޕީއެމްގެ އެހެން މެމްބަރުންނެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ކެމްޕޭނަށް މާބޮޑު ސަމާލުކަމެއް ނުލިބުމުން އޭރުވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.