ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި ބޭނުން ކޮށްފާނެކަމުގެ ކަންބޮޑުވުމާ އެކު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ނޯވޭ އިން ނިންމާފައިވާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީ އިން އަލްޖަޒީރާގައި ބުނެފިއެވެ.
ސްކެނޑިނޭވިއަންގައި ހިމެނޭ ނޯވޭ އިން ބުނީ އެ ގައުމުގައި އުފައްދާ ގޮވާތަކެތި، މިހާރު ތިން އަހަރު ފުރުމާ ގާތްވެފައިވާ ސުންނާފަތިކުރަނިވި ހަނގުރާމައިގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް ޔުއޭއީގެ އަސްކަރިއްޔާގެ ބައިވެރިވުން ޔަމަނުގައި އޮތުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ޔޫއޭއީއަކީ، ޔަމަނުގެ ވެރިރަށް ސަންއާ އާއި އެ ގައުމުގެ އުތުރުގެ ބޮޑުބައެއް ކޮންޓްރޯލް ކުރަމުންދާ ހޫސީންނާ ދެޅަށް ސައުދީ އަރަބިއްޔާ އާއި ގުޅިފައިވާ ފައުޖުން ކުރަމުންދާ ހަނގުރާމައިގެ ބައިވެރިއެކެވެ.
ހަނގުރާމަވެރިންނަށް އަމާޒުކޮށް އެ ކޯލިޝަނުން ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުއެވެ.
ބައިނަލްއަގްވާމީ މުޖުތަމައު އިން ގަބޫލުކުރާ ގޮތުގައި ޔަމަނުގެ ސަރުކާރަކީ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީ ކަމަށްވާއިރު ހަމަލާތައް ފެށި ސަބަބަކީ ރައީސް ހާދީގެ ސަރުކާރުގެ ބާރުތައް އިޔާދަކުރުމެވެ.
އދ. ގެ ތަފާސް ހިސާބުތައް ބުނާ ގޮތުން އެ ދުވަހުން ފެށިގެން 60،000 މީހުން މަރުވެ ނުވަތަ ޒަޚަމްވެފައިވާ އިރު އިތުރު ތިން މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ. ޔަމަނުގެ އިންސާނީ ހާލަތާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ނޯވޭ އިން 2016 ވަނަ އަހަރު ވަނީ ޔޫއޭއީއަށް 9.7 މިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރާއި ވަޒަން ވިއްކާފައެވެ. އަދި 2015 ވަނަ އަހަރު 41 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއއްކާފައެވެ. ނޯވޭއަކީ 17 ވަނައަށް ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު ވިއްކާ ގައުމެވެ.