ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ ގަޔަށް ބުދަ ދުވަހު ވަޅި ހަރައި ޒަހަމްކޮށްލި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލީ، ވެހިކަލެއްގައި މޯލްޑިވްސް ޑްރަގް އެޖެންސީއަށް އޭނާ ގެންދަނިކޮށެވެ. އެ މީހާއަކީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ މީހެކެވެ. އެ މާރާމާރީ ހިންގާފައި ވަނީ މިއަދު މެންދުރު ފަހު 1:40 ހާއިރުއެވެ.
އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު، ހާލު ސީރިއަސް ނޫން ކަމަށް ވެއެވެ.
އެ މާރާމާރީ ހިންގިކަން ފުލުހުން ވެސް ވަނީ "ރާއްޖެ" އެމްވީއަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެމީހާގެ ގަޔަށް ވަޅި ހެރިއިރު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައިތޯ ފުލުހުންނަށް ސުވާލު ކުރުމުން، އެކަމުގެ ތަފްސީލެއް އަދި ނުލިބޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.