އިރާނުގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް އެގައުމުގެ ސިޓީތަކުގައި ކުރަމުންދާއިރު، ބުދަ ދުވަހު ސަރުކާރަށް ތާއިދު އޮތްކަން ހާމަކޮށް އެތައް ހާސް ބަޔަކު އެކި ސިޓީތަކުގައި އަޑު އުފުލައިފިއެވެ.
އިރާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް 21 މީހުން މަރުވެފައިވާ އިރު ބުދަ ދުވަހު ސަރުކާރަށް ތާއިދު އޮތްކަން ހާމަކޮށް ބޭއްވި އެއްވުމުގެ މަންޒަރު ދައުލަތުގެ ޓީވީ އިން ވަނީ ވަގުތުން ދުރަށް ދައްކާފައެވެ. އެގޮތުން އިރާނުގެ ސިޓީތައް ކަމަށްވާ ކާމަންޝާހް، އިލްހާމް އަދި ޖޯގަންގައި ބޭއްވި އެއްވުންތަކުގެ މަންޒަރު ވަނީ ދައްކާފައެވެ. މިމަންޒަރުތަކުގައި އެއްވުމުގެ ބައިވެރިން ގައުމީ ދިދަ ހިފައިގެން ތިބި މަންޒަރާއި އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފޮޓޯފުޅު ހިފައިގެން ތިބި މަންޒަރު ފެނެއެވެ.
ބައެއް ސިޓީތަކުގައި ސަރުކާރަށް ތާއިދު އޮތްކަން ދައްކަން ބޭއްވި އެއްވުންތަކުގައި، އެއްވުމުގެ ބައިވެރިން ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އިސަރާއީލަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔާފައެވެ.
އީރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އެކި ސިޓީތަކުގައި ބޮޑެތި މުޒާހަރާތައް ކުރެވެމުންދާއިރު، ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ރަސްމީ ވެބްސައިޓުގައި އަންގާރަ ދުވަހު އެމަނިކުފާނު ވިދާޅުވީ "މި ހިނގަމުންދާ ދުވަސްތަކުގައި އިރާނުގެ ދުޝްމަނުން ގައުމުގައި ހަމަނުޖެހުން އުފައްދަން އެކި އާލަތްތައް ބޭނުން ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ފައިސާ، ހަތިޔާރު، ސިޔާސީ އެކި އުކުޅުތަކާއި އަދި ޖާސޫސީ އާލަތްތައް ހިމެނޭ ކަމަށެވެ. މީގެ އިތުރަށް ޚާމަނާއީ ވިދާޅުވީ މިހާރު އިރާނުގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން "ރަނގަޅު ވަގުތުގައި" ގައުމުގައި މުޚާތަބު ކުރައްވާނެ ކަމަށެވެ.
އިރާނުގެ މިހާރުގެ ސަރުކާރަކީ "ޚުދުމުޚުތާރު" އަދި "ކޮރަޕްޓް" ސަރުކާރެއް ކަމަށާއި އަދި އިރާނުގެ މުޒާހަރާތައް ކުރިއަށްދާ ގޮތް އެމެރިކާ އިން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް އަންގާރަ ދުވަހު ވަނީ އިރާނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.
ބުރާސްފަތި ދުވަހު ކުރަން ފެށި މުޒާހަރާތައް ކުރަން ފަށާފައި ވަނީ ގައުމުގެ ކޮރަޕްޝަނުގެ ހާލަތާ ގުޅިގެންނާއި އަދި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ.
ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ފެށި މުޒާހަރާތައް ފުޅާވެ، ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައިވާއިރު، މުޒާހަރާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ރައީސް ހަސަން ރޫހާނީގެ އިސްތިއުފާ އަށް ވެސް ދަނީ ގޮވަމުންނެވެ. މީގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ފުލުހުންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އީރާނުގެ ސަރުކާރުން ކުރަން ނުޖެހޭ ޚަރަދުތައް ކުރަމުންދާ ކަމަށެވެ.