ޝަރޫ ލޯންޗް ސަރވިސް މެދުވެރިކޮށް ގަވާއިދާ ހިލާފަށް ފެނަކަ ކޯޕްރޭޝަނަށް ޑޮލަރު ގަންނަން ފައިސާ ދޫކުރި މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލުގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ނިންމައިފިއެވެ.
ގަވާއިދާ ޚިލާފަށް ފެނަކަ އަށް ގިނަ އަދަދެއްގެ ޑޮލަރު ގަނެފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާ ކުރަން ފޮނުވާފައި ވަނީ ނިމާލުގެ އިތުރުން، ފެނަކައިގެ ޑެޕިއުޓީ ޑިރެކްޓަރާއި ޗީފް ޓެކްނިކަލް އޮފިސަރ އަދި ޑިރެކްޓަރުގެ މައްޗަށެވެ. އޭސީސީއިން ހުށަހަޅާފައި ވަނީ، މި ފަރާތްތަކުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށެވެ.
އެހެން ނަމަވެސް، އެ މައްސަލައިގައި ނިމާލާއި އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރާއި ޗީފް ޓެކްނިކަލް އޮފިސަރ އަދި ޑިރެކްޓަރުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމައި، ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުދަ ދުވަހު ވަނީ އެކަން އޭސީސީއަށް އަންގާފައެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވަނީ ބައެއް މީޑިއާތަކަށް އެކަން ކަށަވަރުކޮށް ދެއްވާފައެވެ. ލުތުފީ ވިދާޅުވެފައިވާ ގޮތުގައި، ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލީ ވަރަށް ގިނަ ސަބަބުތަކެއް ދެއްކުމަށް ފަހުގައެވެ. އެކަމާ ގުޅޭ ގޮތުން ކޮމިޝަނުގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ގޮތެއް ނިންމާނެ ކަމަށް ލުތުފީ ވިދާޅުވެފައި ވެއެވެ.
ގަވާއިދާ ޚިލާފަށް ޑޮލަރު ގަންނަން ފައިސާ ދޫކުރި މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީ އިން ނެރުނު ރިޕޯޓުގައިވާ ގޮތުގައި ތިން ފަހަރެއްގެ މަތިން 1.1 މިލިއަން ޑޮލަރު ގަތުމަށްޓަކައި ފެނަކައިން އެޑްވާންސްކޮށް 17.8 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.
މީގެ ތެރެއިން ތިން ލައްކަ ޑޮލަރު ގަތުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ތައްޔާރުކޮށްފައިވާ 4.6 މިލިއަން ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއިކޮށްފައި ވަނީ އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރާއި ޗީފް ޓެކްނިކަލް އޮފިސަރ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް އޭސިސީގެ ރިޕޯޓުގައި ވެއެވެ.
ރިޕޯޓުގައިވާ ގޮތުގައި އެ ވައުޗަރާ ގުޅިގެން ތައްޔާރުކޮށްފައިވާ ޗެކުގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއިކުރައްވާފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ ޑިރެކްޓަރެވެ. މީގެ އިތުރުން، 389,105 ޑޮލަރު ގަތުމަށްޓަކައި ފެނަކައިން ތައްޔާރުކޮށްފައިވާ ހަ މިލިއަން ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއިކުރައްވާފައި ވަނީ ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރާއި ޑިރެކްޓަރެވެ. އަދި 469,000 ޑޮލަރު ގަތުމަށްޓަކައި ފެނަކައިން ތައްޔާރުކޮށްފައިވާ 7.2 މިލިއަން ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއިކުރައްވާފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރު ކަމަށް ބުނެފައި ވެއެވެ.
އޭސީސީގެ ރިޕޯޓުގައިވާ ގޮތުގައި، މި ތިން ފަރާތުން ވެސް ޑޮލަރު ގަތުމަށް ފައިސާ ޚަރަދު ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން، ޝަރޫ ލޯންޗް ސަރވިސްއަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ކުންފުންޏެއްތޯ އާއި ޑޮލަރު ވިއްކުމުގެ މާލީ ގާބިލުކަން ހުރި ކުންފުންޏެއްތޯ ބަލާފައެއް ނުވެއެވެ.
އޭސީސީގެ ރިޕޯޓުގައިވާ ގޮތުގައި، އެޑްވާންސްކޮށް ފެނަކައިން 17.8 މިލިއަން ރުފިޔާ ޚަރަދު ކުރުމުގެ ސަބަބުން ޝަރޫ ލޯންޗް ސަރވިސް އަށް ނާޖާއިޒު ފައިދާތަކެއް ވަނީ ލިބިފައެވެ.