ޖާނުން ފިދާވެގެން ދިވެހިރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލާފައިވާ ދެ މީހުންނަށް ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.
ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ދައުވާ ކޮށްފައި ވަނީ، ރ. މަޑުއްވަރީ ވިލުދޮޅި އިސްހާގު އަލީ އާއި ޏ. ފުވައްމަލަކު އަލުވިމާގެ ހުސައިން އަފީފުގެ މައްޗަށެވެ.
ހުސައިން އަފީގުގެ މައްޗަށް ޓެރަރިޒަމުގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، އިސްހާގު އަލީގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމުގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާތައް އުފުލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 9 ވަނަ ދުވަހުއެވެ.
މި ދެ މީހުންގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ބުދަ ދުވަހު ބޭއްވިއެވެ. އެ އަޑުއެހުމުގައި ދެ މީހުން ވެސް ބުނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ގާނޫނީ ވަކީލަކާ އެކު ކަމަށެވެ.
އެހެންކަމުން، މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ ވަކީލުން ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޓެރަރިސްޓް ހަމަލާއެއް ދިނުމަށް އެ މީހުން ރޭވީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅިގެންނެވެ. އެކަމަށް ބާރުދޭ ހެކިތަކެއް އެ މީހުންގެ މޯބައިލް ފޯނުން ފުލުހުންނަށް ފެނިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ޖާނުން ފިދާވެގެން ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ އެ ދެ މީހުންގެ މައްޗަށް ދައުވާކުރިއިރު، މާލޭގެ ފަސް ތަނަކަށް ބޮމުގެ ހަމަލާ ދޭން އުޅުނު ކަމަށް ބުނާ މައްސަލައެއްގައި ޖުލައި މަހުގެ ތެރޭގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފައި ވެއެވެ.