ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ ގަޔަކަށް މިއަދު ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ މީހެއްގެ ގަޔަކަށް ވަޅި ހަރައި ޒަހަމްކޮށްލީ، ވެހިކަލެއްގައި މޯލްޑިވްސް ޑްރަގް އެޖެންސީއަށް އޭނާ ގެންދަނިކޮށެވެ. އެ މީހާއަކީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ މީހެކެވެ. އެ މާރާމާރީ ހިންގާފައި ވަނީ މިއަދު މެންދުރުފަހު 1:40 އެހާކަންހާއިރުއެވެ.
އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު، ހާލު ސީރިއަސް ނޫން ކަމަށްވެއެވެ.
އެ މާރާމާރީ ހިންގިކަން ފުލުހުން ވެސް ވަނީ "ރާއްޖެ" އެމްވީއަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެމީހާގެ ގަޔަށް ވަޅި ހެރިއިރު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައިތޯ ފުލުހުންނަށް ސުވާލު ކުރުމުން، އެކަމުގެ ތަފްސީލެއް އަދި ނުލިބޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ރާއްޖެއެމްވީއަށް ވިދާޅުވީ މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލި ޒުވާނަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ދެވެން ނެތް ކަމަށެވެ.