އިންޓަރނޭޝަނަލް ޕްރެޝަރާ ހެދި ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އެނގޭތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ދަނީ ތެޅިފޮޅެމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓިވީގެ އަންގާރަ ދުވަހުގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރާއްޖޭ ހާރިޖީ ތަޖުރިބާކާރު އަބްދުﷲ ޝާހިދު ވިދާޅުވީ ބައިނަލްއަގްވާމީ ފިއްތުންތަކާއި ބައިނަލްއަގްވާމީ މަޝްރަހުން އަންނަ ޕްރެޝަރުގެ ތެރޭގައި ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާފާނެހެން ރައީސް ޔާމީނަށް ހީފުޅުވެގެން ގޮތް ހުސްވެއްޖެ ކަމަށެވެ. އެހެންކަމުން ދެން އޮތް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީގެ އިސްސަފު ރޫޅާލުން ކަމަށް ސަރުކާރަށް ވިސްނި މިހާރު ކުރަމުންދާ މަސައްކަތަކީ އެއީ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ރައީސް ޔާމީންއަށް ހީފުޅުވަނީ ރައީސް ނަޝީދަށް ޓިކެޓް ލިބިވަޑައިގަންނަވާފާނެހެން. ބައިނަލްއަގްވާމީ ފިއްތުންތަކާއި ބައިނަލްއަގްވާމީ މަޝްރަހުން މިއަންނަ ޕްރެޝަރުގެ ތެރޭގައި ގޮތް ހުސްވީ. އެހެން ވީމަ ދެން އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑުމެންގެ ތެރެ ރޫޅާލަން މަސައްކަތް ކުރުން. އެހާ ދެން އަޅުގަނޑުމެން ވެސް ގަޅިއެއް ނުވާނެ، އެވަރެއް ނުވާނެ އަޅުގަނޑުމެނެއް... އަޅުގަނޑުމެން ރައީސް ޔާމީންއަށް ދައްނަވާލަން އޮތް ވާހަކައަކީ ނޮވެމްބަރު 11ގައި، ނޮވެމްބަރު 17ގައި ރިޔާސީ ގޮނޑީގައި މަނިކުފާނު އިންނެވުމަށް ދެން އުއްމީދު ނުކުރައްވާށޭ،" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ފޮމިއުލާ އިން ވެސް އިންތިހާބު ކާމިޔާބު ވަނީ ރައީސް ނަޝީދަށް ކަން އެނގޭ ކަމަށެވެ.
ޝާހިދު އެގޮތަށް އެ ވިދާޅުވީ ރައީސް ޔާމީން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ޅ. ހިންނަވަރަށް ވަޑައިގެން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ރައީސް ޔާމީން ވަނީ ރިޔާސީ އިންތިހާބުގައި ވޯޓު ލާއިރު ރައްޔިތުން ތިން ކަމަކަށް ވިސްނުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން ބަލަންޖެހޭ ތިން ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ލީޑަރުން ދައްކާ ވާހަކަތަކުގެ ސަބަބުން ދީނީ އަގީދާގެ މަތީގައި ތިބެވިދާނެތޯ ބަލަން ޖެހޭ ކަމަށާއި ބުއްދި އަށް ގަބޫލުކުރެވޭ ވާހަކަ ދައްކާ މީހަކަށް ވޭތޯ ބަލަންޖެހޭ ކަމަށާއި އަދި ދައްކާ ވާހަކަ އަމަލީ ގޮތުން ތަންފީޒު ކުރެވޭނެ ވަރުގެ ތަޖުރިބާއަކާއި އިލްމެއް ހުރި މީހަކަށް ވެސް ވާންޖެހޭ ކަމަށެވެ.
ރައީސް ޔާމީންގެ އެވާހަކަފުޅަށް ރައްދު ދެއްވައި ޝާހިދު ވިދާޅުވީ ރައީސް ޔާމީން ފާހަގަ ކުރެއްވި ތިން ކަމަށް ބިނާކޮށް، ރަސްގެ ލާން ޖެހެނީ ވޯޓު ކަރުދާހުގައި އޮންނަ ރައީސް ޔާމީންގެ ނަންފުޅާ ދިމާލުގައި ކަމަށެވެ.