އިނގިރޭސިވިލާތުގެ ލިވަޕޫލްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ހޯދުމަށް ސްޕެއިންގެ ބާސެލޯނާއިން އަދި ބިޑު ނުކުރާ ކަމަށް ބީބީސީއިން ބުނެފިއެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް ބާސާއިން ވަނީ ކުޓީނިއޯ ހޯދުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ހޯދުމަށް ބާސާއިން ތިން ފަހަރެއްގެ މަތިން ބިޑުކޮށްފައިވެއެވެ. އޭގެ ތެރޭގައި 130 މިލިއަން ޕައުންޑްގެ ބިޑެއް ވެސް ހިމެނުނު ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ. މިދިޔާ ހޫނު މޫސުމުގެ ޓްރާންސްފާގައި ކުޓީނިއޯ ވެސް ވަނީ އޭނާ ބާސާއަށް ވިއްކާލަދިނުމަށް ލިވަޕޫލްގެ މެނޭޖްމަންޓުގައި އެދިފައެވެ. އެހެން ނަމަވެސް އެ ކްލަބުން ވަނީ އޭނާގެ އެ އެދުމަށް ފުރަގަސްދީ އެނާ އެ ކްލަބުގައި މަޑު ކުރުވާފައެވެ.
އެހެން ނަމަވެސް ބީބީސީއިން ބުނީ މި ޖެނުއަރީ މަހުގެ ނިޔަލަށް ހުޅުވިފައިވާ ޓްރާންސްފާ މާކެޓުގައި އަނެއްކާ ވެސް ކުޓީނިއޯ ހޯދުމަށް ބާސާއިން ބިޑުކުރަން ނިންމާފައިވާ ކަމަށެވެ. އެ ޓީމުން އަދި ބިޑެއް ކޮށްފައި ނުވާ ކަމަށާއި ލިވަޕޫލްއިން އޭނާ ވިއްކާލާނީ ކުރިން ހުށަހެޅި ވަރަށްވުރެ ބޮޑު އަދަދެއް ހުށަހެޅުމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ބީބީސީއިން ބުނާ ގޮތުގައި ލިވަޕޫލްގެ މެނޭޖްމަންޓުން ކުޓީނިއޯ ވިއްކާލުމަށް ފަސްޖެހޭ މައިގަނޑު ސަބަބަކީ އޭނާ އެ ކްލަބް ދޫކޮށްލައިފި ނަމަ އެ ޓީމުން މި ސީޒަނުގައި ތައްޓެއް ހޯދުމަށް ކުރަމުން އަންނަ އުއްމީދުތައް ވެއްޔާ މޮޑެވިދާނެތީއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ލިވަޕޫލް ޖާގަ ހޯދުމާއި ޕްރިމިއާ ލީގުގައި އެ ޓީމުން ދައްކަމުން އަންނަ ރީތި ކުޅުމުގައި ކުޓީނިއޯގެ ހިއްސާ ބޮޑެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ އޭނާ ވިއްކާލުމަށް ބޭނުންނުވާ ކަމަށާއި އޭނާއަކީ ޓީމަށް އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށް ބުނެފައެވެ. ކްލޮޕް ބުނީ ބާސާގެ ސަބަބުން ކުޓީނިއޯއަށް ނޭދެވޭ އަސަރު ކުރި ކަމަށާއި މި ހުޅުވުނު ފިނި މޫސުމުގެ ޓްރާންސްފާގައި އެކަން އެގޮތަށް ހިނގަން ބޭނުންނުވާ ކަމަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުޓީނިއޯ ލިވަޕޫލްގައި މަޑުކުރުވުމުގެ ގޮތުން ކްލޮޕް ވަނީ އޭނާއަށް ކެޕްޓަން ބޭންޑް ހުށަހަޅާފައެވެ.
މީގެކުރިން ބާސާގެ ސީއީއޯދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި އަނެއްކާ ވެސް ކުޓީނިއޯ ގަތުމަށް ބާސާއިން ބިޑު ކުރާނެ ކަމަށެވެ. އޭނާ ބުނެފައި ވަނީ ކްލަބުގެ ޓެކްނިކަލް ސްޓާފުން ކުޓީނިއޯ ވިޔަސް ނުވަތަ އެހެން ކުޅުންތެރިޔަކު ގަންނަން އެދުނު ކަމުގައި ވިޔަސް އެކަމަށް ތައްޔާރަށް ތިބި ކަމަށާއި އެހެން ނަމަވެސް ޓްރާންސްފާ މާކެޓުގެ ހުރިހާ ކަމެއް ވެސް ހިނގަމުންދާނީ ވަރަށް ވިސްނުންތެރި ކަމާއި ރޭވުންތެރި ކަމާއެކު ކަމަށެވެ.
ބާސާއިން ރޭވުންތެރިކަމާއެކު ކަންކަން ކުރިޔަށް ގެންދާނެ ކަމަށް ބުނި ނަމަވެސް ފިނި މޫސުމުގެ ޓްރާންސްފާގައި ކުޓީނިއޯ އެ ޓީމަށް ގެންގޮސްފިނަމަ އޭނާއަށް ޗެމްޕިއަންސް ލީގުގައި ނުކުޅެވޭނެއެވެ. ޔުއެފާގެ ގަވާއިދު ބުނާ ގޮތުން ކޮންމެ ސީޒަނެއްގައި ކުޅުންތެރިޔަކަށް ކުޅެވޭނީ އެންމެ ކްލަބްއަކަށެވެ.
ބާސާއިން ކުޓީނިއޯ ގަންނަން އަނެއްކާވެސް ބިޑް ކުރާނެ ކަމަށް ރިޕޯޓުތައް ބުނާއިރު އޭނާ ވަނީ 2022 ވަނަ އަހަރާ ހަމަޔަށް ލިވަޕޫލްއާއެކު ކޮންޓްރެކްޓް ހަދާފައެވެ. ލިވަޕޫލްގައި އޭނާ މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް ފުޓްބޯޅައިގެ ދުނިޔޭގެ ނަން މަޝްހޫރު އެތަކެއް ފަރާތްތަކުން އަންނަނީ އޭނާ އެހެން ޓީމަކަށް ބަދަލުވުމަށް ގޮވާލަމުންނެވެ.