ކ. މާލެ
|
3 ޖެނުއަރީ 2018 | ބުދަ 16:15
ޓީސީގެ ކުޅުންތެރިންނާއި މެނޭޖްމަންޓު ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު
ޓީސީގެ ކުޅުންތެރިންނާއި މެނޭޖްމަންޓު ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު
މުހައްމަދު ޝަރުހާން
ޓީސީ ސްޕޯޓްސް ކްލަބް
އަންނަ ހުކުރު ދުވަހު ޓީސީގެ ފަރިތަކުރުންތައް ފަށަނީ
ފަރިތަކުރުންތައް އަވަހަށް ފެށުމަށް ނިންމާފައިވަނީ އޭއެފްސީ ކަޕްގެ ޕްރެލިމިނަރީ ބުރުގައި ވާދަކުރުމަށް ތައްޔާރުވުމުގެ ގޮތުން
ޓީސީއިން ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލާއި އެފްއޭ ކަޕްގެ ފައިނަލް އިތުރުން ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފަ
އެ ޓީމުން ވަނީ ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދާފަ

މި ފެށޭ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީސީ ސްޕޯޓްސް ކްލަބްއިން އެ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ނިންމައިފިއެވެ.

އެ ޓީމުން ފަރިތަކުރުންތައް އަވަހަށް ފެށުމަށް ނިންމާފައިވަނީ އޭއެފްސީ ކަޕްގެ ޕްރެލިމިނަރީ ބުރުގައި ވާދަކުރުމަށް ތައްޔާރުވުމުގެ ގޮތުންނެވެ. މި ބުރުގައި ޓީސީ ވާދަކުރަން ޖެހޭނީ ބަންގްލަދޭޝް  ޕްރިމިއާ ލީގުގެ ހަތަރު ވަނަ ހޯދައިގެން އޭއެފްސީ ކަޕްގެ ޕްރެލިމިނަރީ ބުރުން ޖާގަ ހޯދި އެ ގައުމުގެ ސައިފް ސްޕޯޓިން ކްލަބާ ދެކޮޅަށެވެ. އެ ޓީމަށް ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ހަތަރު ވަނަ ކަށަވަރު ވެގެންދިޔައީ ޝެއިހް ރުސެލްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދުމާއި ގުޅިގެން ލިބުނު ތިން ޕޮއިންޓްއިންނެވެ.

ޓީސީއާއި ސައިފް ސްޕޯޓިން ކްލަބް ކުޅޭ ޕްރެލިމިނަރީ ބުރުގެ ފުރަތަމަ މެޗު އޮންނަނީ މި މަހުގެ 23 ވަނަ ދުވަހު ބަންގްލަދޭޝްގައެވެ. އަދި ދެވަނަ ލެގު އޮންނާނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައެވެ. ޓީސީއަށް ޕްރިލިމިނަރީ ބުރު ފަހަނައަޅައި ދެވިއްޖެނަމަ އެ ޓީމު ދެން ކުޅެން ޖެހޭނީ ޕްލޭއޮފްގެ ދެ ލެގެވެ. ޕްލޭއޮފްގައި އެ ޓީމު ނުކުންނާނީ އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑާއި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ނިމިގެންދިޔަ ސީޒަނުގައި ޓީސީއިން ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލާއި އެފްއޭ ކަޕްގެ ފައިނަލް އިތުރުން ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފައެވެ. މި ހުރިހާ މުބާރާތެއްގައި ވެސް ޓީސީ ފަހަތަށް ޖައްސާލުމަށްފަހު ތަށި އުފުލާލާފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއެވެ.

މިކަމާ ގުޅިގެން އެ ޓީމުން އަންނަނީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ޓީމުން ވަނީ މިދިޔަ ސީޒަނުގައި ށ. މިލަންދޫ ޓީމުން ވިދާލި ހުނަރުވެރި ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) އެ ޓީމަށް ގެނެސްފައެވެ. ހަމައެހެންމެ އެ ޓީމުގެ ފަސް ކުޅުންތެރިޔަކު ވަނީ އެ ޓީމުގެ ކޮންޓްރެކްޓް އައުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ އަހުމަދު ފައްރާހު، އިބްރާހިމް ވަހީދް ހަސަން، އަހުމަދު ރިލްވާން އާއި މުހައްމަދު އައްޒާމްގެ އިތުރުން ނިމިގެންދިޔަ ސީޒަނުގައި އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ހުނަރުވެރި ފޯވާޑް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. އެހެން ނަމަވެސް ފާއިތުވެދިޔަ ސީޒަން ތަކުގައި އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) ވަނީ އެ ޓީމު ދޫކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަށް ބަދަލުވެފައެވެ.

ފުރަތަމަ ޑިވިޝަނަށް ޅަ ޓީމެއްގެ ގޮތުގައި ފާހަގަކުރެވުނު ޓީސީ ވަނީ ފާއިތުވެދިޔަ ތިން ސީޒަނުގައި ހޯދި ނަތީޖާތަކާއެކު ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވެން ފަށާފައެވެ. އެ ޓީމުން ވަނީ ފާއިތުވެދިޔަ ތިން ސީޒަނުގައި ވެސް ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފައެވެ. ހަމައެހެންމެ ނިމިގެންދިޔަ ދެ ސީޒަނުގައި ވެސް އެ ޓީމުން ވަނީ ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕްގެ ފައިނަލުގައި ވާދަކޮށްފައެވެ.

އެ ޓީމުން ވަނީ ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަންކަން ވެސް މިދިޔަ އަހަރު ހޯދާފައެވެ.

- ކޮމެންޓް