ރާއްޖެއާއި ޕާކިސްތާނާދެމެދު ކަނޑުގެ މަގުންނާއި ވައިގެ މަގުން ދަތުރުތައް ފަށައި ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޕާކިސްތާނުން ރާއްޖެއަށް އަލަށް ކަނޑައަޅުއްވާ ސަފީރު އެޑްމިރަލް ރިޓަޔާޑް ވަސީމް އަކުރަމަށް ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން އަންގަވައިފިއެވެ.
ރައީސް މަމްނޫން މިހެން އަންގަވާފައިވަނީ ހަންގޭރީއަށް ކަނޑައެޅުއްވި އެމްބެސެޑަރު އިފްތިހާރު އަޒީޒާއި، ދައުރު ހަމަވަމުންދާ ލުބްނާނުގެ އެމްބެސެޑަރު، އަދި ރާއްޖެއަށް ކަނޑައެޅުއްވި އެމްބަސެޑަރއާއިއެކު އަންގާރަ ދުވަހު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ރޭޑީއޯ ޕާކިސްތާނުން ބުނެފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ރައީސް މަމްނޫން ހުސައިން ވަނީ ރާއްޖެއާއެކު އޮންނަ ގުޅުމުގެ އަގު ވަޒަން ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ހަންގޭރީއަށް ކަނޑައެޅުއްވި ސަފީރަށް ވަނީ ހަނގޭރީއާ ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތްކޮށް ދެއްވުމަށް އަންގަވާފައެވެ.
ޕާކިސްތނުގެ ކުރީގެ ބޮޑުވަޒީ ނަވާޒު ޝަރީފް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު، ރާއްޖޭގެ މިނިވަން ދުވަހުގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ދަތުރުފުޅެއް ކުރައްވާފައެވެ.
ކޮރަޕްޝަނުގެ މައްސަލައިގައި އެ މަނިކުފާނު މަގާމުން ވަކިކުރެއްވީ އެ ދަތުރުފުޅު ނިންމެވިތާ ހަތްދިހަ ދެ ގަޑިއިރު ހަމަ ނުވަނީހެވެ.