ޕެރިސް ހިލްޓަންއާއި އޭނާގެ ލޯބިވެރިޔާ ކްރިސް ޒިލްކާގެ އެންގޭޖުމެންޓުގައި ޕެރިސް ހިލްޓަންގެ އަތުގައި އެޅުވި އަނގޮޓީގެ އަގަކީ ދެ މިލިއަން ޑޮލަރު ކަމަށް މީޑިއާތަކުން ބުނެފިއެވެ.
ރައްޓެހިވެގެން އުޅޭތާ އަހަރެއްހާ ދުވަސްވެފައިވާ މި ދެ މީހުން އެންގޭޖު ވެފައިވަނީ ކޮލަރާޑޯގެ އެސްޕެންގެ ސްކީ ރިސޯޓެއްގައެވެ. އެ ދެ މީހުން މި ރިސޯޓަށް ގޮސްފައިވަނީ އައު އަހަރު ފާހަގަކުރުމުގެ ގޮތުންނެވެ. މިއީ މި ދެ މީހުންގެ ވެސް ދެވަނަ އެންގޭޖްމަންޓްއެވެ. މި ދެ މީހުން އެންމެ ފުރަތަމަ ދިމާވީ މީގެ އަށް އަހަރު ކުރިން އޮސްކާ އެވޯޑު ހަފްލާއިންނެވެ.
ޕެރިސްގެ މި އަނގޮޓި ފަރުމާ ކުރީ ސެލެބްރިޓީންގެ ގަހަނާ ފަރުމާ ކުރާ މަޝްހޫރު ޑިޒައިނަރެއް ކަމަށްވާ މައިކަލް ގްރީންއެވެ. ޖުމްލަ 22 ކެރެޓު ހުންނަ މި އަނގޮޓީގެ އަގަކީ ދެ މިލިއަން ޑޮލަރު ކަމަށް މީޑިއާތަކުން ބުނެއެވެ. އޭނާ ބުނީ ޒިލްކާ މި އަނގޮޓި ފަރުމާ ކުރުމަށް މީގެ ހަ މަސްކުރިން އޯޑަރު ދިން ކަމަށާއި އަނގޮޓީގައި ހުރި އަލިމަސް ކެފުމަށް ހަތަރު މަސް ދުވަސް ހޭދަވި ކަމަށެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޕެރިސް ބުނެފައި ވަނީ އޭނާގެ ހަޔާތުގެ ބައިވެރިޔަކަށް ވުމަށް ޒިލްކާ އިހުތިޔާރު ކުރެވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި އޭނާއަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ މީހެއް ކަމަށެވެ. އަދި ޒިލްކާ ހަދިޔާ ކުރި އަނގޮޓިއަކީ އޭނާގެ ހަޔާތުގައި ވެސް ފެނުނު އެންމެ ރީތި އަނގޮޓި ކަމަށް ޕެރިސް ހާމަކުރިއެވެ.
ޒިލްކާ ބުނެފައިވަނީ ޕެރިސްއަކީ އޭނާ އެންމެ ގަޔާވާ މީހާ ކަމަށާއި ޕެރިސްއަކީ އޭނާގެ 'ޑްރީމް ގާލް' ކަމަށެވެ. އަދި ހަޔާތުގެ ދުވަސްތައް އޭނާއާއެކު ހޭދަކުރުމަށް ކެތްމަދުވެފައި ހުރި ކަމަށް ޒިލްކާ ބުނެފައިވެއެވެ.
ޕެރިސް ވަނީ އޭނާ ކުރި ޓްވީޓަކުން އެންގޭޖުވިކަން ކަށަވަރު ކޮށްދީފައެވެ. އޭނާގެ ސަޕޯޓަރުން އަންނަނީ މިކަމާއި ގުޅިގެން އޭނާއަށް މަރުހަބާ ކިޔަމުންނެވެ.