މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓްގައި ކާޑުގެ ސަބްސިޑީއަށް 50 މިލިއަން ރުފިޔާ ހިމަނާފައި އޮތަސް، އަދިވެސް ކާޑުގެ ބާވަތްތައް އަގުހެޔޮ ނުކުރާ ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ކާޑުގެ ބާވަތްތައް އަގުހެޔޮކޮށް ވިއްކުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް އެސްޓީއޯއަށް ފައިސާދެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކާޑުގެ އެ ސަބްސިޑީ ވަނީ ކަނޑާލައިފަ އެވެ.
ރާއްޖެޓީވީގެ "ބޮޑު ސުވާލު" ޕްރޮގްރާމުގައި ޣަފޫރު ވިދާޅުވީ މިސަރުކާރުގެ އަމަލުތައް ހުންނަ ގޮތަށް ބަލާއިރު، ސަރުކާރުގެ ހެޔޮފުޅުކަމުންނޭ ބުނެ، އިންތިހާބުގެ ދިހަ ވަރަކަށް ދުވަސް ކުރިން ކާޑު އަގުހެޔޮ ކުރާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
"އަޅުގަނޑުމެން ބަޖެޓް ފާސްކުރި ދުވަހުވެސް ބުނިން، މިބަޖެޓަކުން ރައްޔިތުންގެ އުއްމީދުތަކެއް ހާސިލެއް ނުވާނޭ. އެއީ ބަޖެޓްގައި ލާރި ނެތިގެނެއް ނޫން. އެއިން ކުރަންޖެހޭ ވައްކަމާއި އެހެނިހެން ކަންތައްތައް އެކުލެވިގެންވާ މިންވަރަށް ބަލާއިރު އެކަމަކީ ރައްޔިތުންގެ އުއްމީދު ހާސިލުވާނެ ކަމެއް ކަމަށް އަޅުގަނޑުންނަށް ތަސައްވުރު ނުކުރެވޭތީ އަޅުގަނޑުމެން އެހެން ބުނީ،" ޣަފޫރު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި ވެސް ޓަރޝިއަރީ ހޮސްޕިޓަލެއް ގާއިމު ކުރާނެ ކަމަށް ބުނެ، އައްޑޫ ކޮންވެންޝަން ސެންޓަރު ހަލާކު ކޮށްލުމަށް ފަހު ހޮސްޕިޓަލެއް އަޅަނީއްޔޭ ބުނެ ވީކަމެއް ނެތް ކަމަށާއި ހަމަ އެގޮތަށް ރަނގަޅަށް ހިންގަމުންދިޔަ ކުޅުދުއްފުށި ހޮސްޕިޓަލު ބޭރު ބަޔަކަށްދީ އެތަންވެސް މިހާރު ދިއްދޫ ހޮސްޕިޓަލަށްވުރެ ފެންވަރު ދަށްވެއްޖެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ ކުޅުދުއްފުށި ހޮސްޕިޓަލް އިންޑިޔާގެ ކުންފުންޏަކާ ހަވާކުރިފަހުން ވެސް ވޭތުވެދިޔަ ހަ މަސްދުވަހު ހޮސްޕިޓަލުގެ މުވައްޒަފުންނަށް މުސާރަ ދިނީ ދައުލަތުގެ ފައިސާއިން ކަމަށެވެ. އެ ހޮސްޕިޓަލާއި ހަވާލުވި ފަރާތުން އެތަން ތަރައްގީކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނުވާކަމަށްވެސް ޣަފޫރު ވިދާޅުވި އެވެ.
"އިނގިލި ދިއްކުރެވޭ ގޮތަށް ހިންގާފައިވާ ބޮޑު ޖަރީމާއެއްގެ ގޮތުގައި އަޅުގަނޑަށް އެކަން ފާހަގަ ކުރެވެނީ. ކުޅުދުއްފުށި ހޮސްޕިޓަލް ހިންގަން 2018 ވަނަ އަހަރުގެ ބަޖެޓްގައި ވެސް އެބައޮތް 84 މިލިއަން ރުފިޔާ ޖަހާފައިވެސް. އެއްވެސްކަމެއް ދެފުށް ފެންނަ ގޮތަށްކުރާ ސަރުކާރެއް ނޫން މިއީ،" ޣަފޫރު ވިދާޅުވި އެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް 50 އަހަރަށް އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ހަވާލުކުރީ މިދިޔަ އަހަރު ޖުލައި މަހު އެވެ.