ގަމު ހަވިއްތައަކީ ދިވެހި ރާއްޖޭގެ ތާރީހާ ގުޅިލާމެހިފައިވާ ތަނަކެއެވެ. ދިވެހި ބަހުގެ ރަދީފުގައި ބުނެފައިވާ ގޮތުން ހަވިއްތައަކީ ބުދު ދީނުގެ މީހުން އަޅުކަން ކުރުމަށް ހަދާފައިވާ ތަންތަނެވެ. އެހެންކަމުން ގަމު ހަވިއްތައަކީ ދިވެހި ރާއްޖޭގެ ތާރީޙްގެ ތަރިކައެކެވެ. ގަމު ހަވިއްތަ ރަމްޒުކޮށްދެނީ ދިވެހި ރާއްޖެ އިސްލާމްވުމުގެ ކުރިން ގަމު ރައްޔިތުން ދިރިއުޅުނު ގޮތެވެ. ދިވެހި ރާއްޖޭގެ ތާރީހާ ގުޅިފައިވާ ގަމު ހަވިއްތަ މިއަދު ފެންނަނީ ވީރާނާ ވެގެންދާ މަންޒަރެވެ. ގަމު ރައްޔިތުންގެ ލޯ ކުރިމަތީގައެވެ.
ގަމު ކުރިމަގު އަވަށު ކުރީގެ ކަތީބު އުމަރު އާދަމް ވިދާޅުވީ 1922 ވަނަ އަހަރުގެ ތެރޭގައި އެޗްސީޕީ ބެލް ނަމަކަށް ކިޔާ މީހަކު ގަމު ހަވިއްތަ ކޮންނަވާ ދިރާސާ ކުރެއްވި ކަމަށެވެ. ތާރީހީ ފޮތްތަކުން އެނގޭ ގޮތުގައި ހަވިއްތަ ކޮންނެވުމުގެ މަސައްކަތް ބެލް ކުރައްވާފައި ވަނީ 1922 ވަނަ އަހަރުގެ މާރޗް 12 އިން 19 އަށެވެ. ބެލްގެ މި މަސައްކަތުގައި ލ. އަތޮޅުގެ 200 އެއްހާ މީހުން ބައިވެރިވި ކަމަށް އެ އަތޮޅު ދުވަސްވީ މީހުން ބުނެއެވެ. ބެލްގެ މި މަސައްކަތް ވަނީ އޭނާގެ މޮނޯގްރާފްގައި ލިޔުއްވާފައެވެ.
ގަމު ހަވިއްތައަކީ އިހުގައި ބުދު ދީނުގެ ދީނީ އެކުވެއްޏެއް ހުރި ތަނެންކަން ބެލްގެ ލިޔުންތަކުން އެނގެއެވެ. ބެލް 1922 ވަނަ އަހަރު އޭނާގެ މޮނޯގްރާފްގައި ބަޔާންކޮށްފައި ވަނީ އެތަނުން ނެގި ބައެއް އާސާރީ ތަރިކަތައް ސިލޯނަން ގެންދެވި ކަމަށެވެ.
އުސްމިނުގައި ގާތްގަނޑަކަށް 35 ފޫޓު ހުންނަ ގަމު ހަވިއްތަ ހިމެނޭ ސަރަހައްދަނީ މޫދާ ކައިރި ސަރަހައްދަކެވެ. އެހެންކަމުން 2000 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ދިވެހި ބަހާއި ތާރީއަށް ޙިދުމަތް ކުރާ ގައުމީ މަރުކަޒުން އިސްނަގައިގެން އެ ސަރަހައްދާ ދިމާ މޫދުގައި 550 ފޫޓުގެ ތޮށި ގަނޑެއް ލިއެވެ. އެއީ އެސަރަހައްދު ގިރަމުންދާތީއެވެ. ހައްތެލި ހިމާޔަތް ކުރުމުގެ ގޮތުންނެވެ. އެހެންނަމަވެސް އޭގެ ފަހުން ގަމު ހައްތެލި ހިމާޔަތް ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
މިއަދު އެ ސަރަހައްދަށް ނަޒަރު ހިންގާލުމުން ހައްތެލި ހިމާޔަތް ކުރުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަން ފާހަގަކޮށްލެއެވެ. ގަމުގެ ދުވަސްވީ މީހުން ބުނާ ގޮތުން ހައްތެލި ކުރިން ހުރީ ވަރަށް އުސްކޮށެވެ. އެހެންނަމަވެސް މިހާރު ވިއްސަކަށް ފޫޓު ތިރިވެފައިވާ ކަމަށް އެމީހުން ބުންޏެއެވެ.
އެ ސަރަހައްދު ދަނީ ވީރާނާ ވަމުނެވެ. ފެންނަނީ ވިނަތަކުން ހަވިއްތަ ފޮރުވެމުންދާ މަންޒަރެއެވެ. މިފަދަ އާސާރީ ތަނެން ނުވަތަ ބިނާއެއް ގަމުގައި ހުންނަ އިރު، އެ ސަރަހައްދު ހިމާޔަތް ކުރުމަކީ ގަމު ކައުންސިލްގެ ވެސް ޒިންމާއެކެވެ. އެހެންނަމަވެސް ގަމު ކައުންސިލަށް ވެސް މިއަދު ވަނީ ހަވިއްތަ ހިމާޔަތް ކުރުމަށް ނުކުޅުދިފައެވެ. ގަމަށް އަންނަ މީހުން ހަވިއްތަ ބެލުމަށް ވަރަށް ގިނައިން ޒިޔާރަތްކުރެއެވެ. އެހެންނަމަވެސް މިއަދު ފެންނަނީ ހަވިއްތައެއް ނޫނެވެ. އެކަށީގެންވާ މަސައްކަތްތަކެއް ނޮކޮށްފި ނަމަ މި ބިނާ ވަރަށް އަވަހަށް ލޯ ކުރިމަތިން ގެއްލުމުގެ ފުރުސަތު އެބައޮތެވެ.