އިސްރާއީލުގައި ތިބި އެފްރިކާގެ ރެފިއުޖީން އެ ގައުމުދޫކޮށް ދިއުމަށް ނުވަތަ ޖަލުގެ އަދަބާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބުނެ އިސްރާއީލުން ނޯޓިސްނެރެފިއެވެ.
އިސްރާއީލުގައި ތިބި ރެފިއުޖީންނަށް ކުރިޔަށް އޮތް 90 ދުވަހުގެ ތެރޭ އެގައުމު ދޫކޮށް ދިއުމަށް ގިނަވެގެން 3،500 އެމެރިކާ ޑޮލަރުގެ މިންވަރަށް ފައިސާ ދެވޭނެ ކަމަށް ބުނެފައިވެއެވެ.
އެ މީހުންގެ އަމިއްލަ ގައުމަށް ނުވަތަ އެހެން ގައުމަކަށް ދިއުމަށް އިޚްތިޔާރު ލިބިގެންދާނެއެވެ.
އިސްރާއީލުގެ އިދާރާތަކުން ވަނީ އެމީހުން އެގައުމުން ނުފައިބައިފިނަމަ އޭޕްރީލް މަހުން ފެށިގެން އެމީހުން ޖަލަށް ލާން ފަށާނެ ކަމަށް ބުނެފައެވެ.
އދ.ގެ ރެފިއުޖީންނާބެހޭ އިދާރާއިން ވަނީ އިސްރާއީލުގެ އެ ޕްލޭނަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އަދި އިސްރާއީލުގެ ގާނޫނުތަކާ ވެސް ޚިލާފު ނިންމުމެއް ކަމަށް ބުނެފައެވެ.
އިސްރާއީލުގެ ސަރުކާރުން ބުނީ އެ މީހުން އެނބުރި ދިއުމަކީ އިހުސާންތެރިކަމެއް ކަމަށާއި އަދި އެއީ"އިސްވެ ކުރާކަމެއް" ކަމަށެވެ.
އިސްރާއީލުގެ އަމުރުގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަޅުވެތިކަމާއި އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށް ވެފައިވާ ފަރާތްތައް ނުހިމެއެވެ.
އިސްރާއީލުގެ ޕޮޕިއުލޭޝަން އެންޑް އިމިގްރޭޝަން އޮތޯރިޓީގެ ތަރުޖަމާނު ބީބީސީގައި ވިދާޅުވީ އެގައުމަށް
38،000 "އިންފިލްޓްރޭޓަރސް" އެތެރެވެފައިވާ ކަމަށާއި އޭގެ ތެރެއިން ބަންދު ކުރެވިފައި ތިބީ 1،420 މީހުން ކަމަށެވެ.
ރަސްމީކޮށް ލިޔެކިޔުމާއެކު ސަރަހައްދީ ރޮނގު ހުރަސްކޮށްގެން ނޫންގޮތަކަށް އިސްރާއީލަށް ވަދެފައިވާ ފަރާތްތަކަށް އެ ގައުމުގައި ބޭނުން ކުރަނީ" އިންފިލްޓްރޭޓަރސް" އެވެ.