ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 20:16
ކްރޮއޭޝިއާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު މޮޑްރިޗް
ކްރޮއޭޝިއާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު މޮޑްރިޗް
ގެޓީ އިމޭޖަސް
ލޫކާ މޮޑްރިޗް
ކްރޮއޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މޮޑްރިޗް އަށް
މިއީ އޭނާ މި މަގާމު ހޯދި ހަވަނަ ފަހަރު

ވޭތުވެދިޔަ 2017 ވަނަ އަހަރު ކްރޮއޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު، ރެއާލް މެޑްރިޑްއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ހޯދައިފިއެވެ.

މޮޑްރިޗްއަށް މި މަގާމު ލިބިފައިވަނީ ކްލަބް ފެންވަރުގައާއި ގައުމީ ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެގޮތުން ރެއާލްއިން މިދިޔަ އަހަރު ސްޕެނިޝް ލަލީގާއާ ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކޮޕާ ޑެލްރޭގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މޮޑްރިޗް ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ހަމައެހެންމެ އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ކްރޮއޭޝިއާ ކޮލިފައި ކޮށްދިނުމުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިފަހަރުގެ އެވޯޑާއެކު އޭނާވަނީ ހަފަހަރެއްގެ މަތިން މި އެވޯޑު ހޯދައި، މި އެވޯޑު އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާއާ އަރާހަމަކޮށްފައެވެ. މޮޑްރިޗްގެ އިތުރުން ކްރޮއޭޝިއާގެ ކުރީގެ ފުޓްބޯޅަ ތަރި ޑާވޯ ސޫކާ ވެސް ވަނީ މި އެވޯޑު ހަ ފަހަރު ހޯދާފައެވެ.

އުމުރުން 32 އަހަރުގެ މޮޑްރިޗް ވަނީ މި ސީޒަނުގައި މިހާތަނަށް 12 މެޗު ރެއާލްއަށް ކުޅެދީފައެވެ. އަނިޔާގެ ސަބަބުން އޭނާއަށް ބައެއް މެޗުތައް ގެއްލުނުއިރު، އޭނާގެ ޓީމު މިވަގުތު އޮތީ ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް ބާސާއަށްވުރެ 14 ޕޮއިންޓް ފަހަތުން ތާވަލުގެ ހަތަރުވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް