ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 19:00
މުބާރާތުގެ ތައްޓާ އެކު ރޮބް ކްރޮސް: ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ބަލިކޮށްފައި
މުބާރާތުގެ ތައްޓާ އެކު ރޮބް ކްރޮސް: ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ބަލިކޮށްފައި
ގެޓީ އިމޭޖަސް
ޑާޓް
ދުނިޔޭގެ ޑާޓް ޗެމްޕިއަންކަން އަލަށް ވާދަކުރި ރޮބް ކްރޮސް ހޯދައިފި
ކްރޮސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހަތް ސެޓު ދެ ސެޓުން ޓެއިލާގެ މައްޗަށް ކުރި ހޯދައިގެން

ޕީޑީސީ ވޯލްޑް ޑާޓް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އެ މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރި ރޮބް ކްރޮސް ހޯދައިފިއެވެ.

 އުމުރުން 27 އަހަރުގެ ކްރޮސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ އެންމެ ކާމިޔާބު ޑާޓް ކުޅުންތެރިޔާ ކަމަށްވާ ފިލް ޓެއިލާ ފައިނަލުގައި ބަލިކޮށްގެންނެވެ. ކްރޮސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހަތް ސެޓް ދެ ސެޓުން ޓެލާގެ މައްޗަށް ކުރި ހޯދައިގެންނެވެ. އޭނާ މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު އޭނާ ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ ގޮތުގައި ޑާޓް ކުޅެން ފެށީ 2017 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

މިއީ ޓެއިލާ ކުޅުމަށް ހަމަޖެހިފައިވާ އެންމެ ފަހު މުބާރާތަށްވާއިރު ކްރޮސް ވަނީ މުބާރާތުގެ ތަށި އުފުލާލުމުގެ ފުރުސަތު ޓެއިލާއަށް ދީފައެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ޑާޓް ކުޅުންތެރިޔާ ކަމަށްވާ ޓެއިލާއަކީ މި މުބާރާތް 16 ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔެކެވެ.

މުބާރާތް ކާމިޔާބު ކުރުމަށް ފަހު ވާހަކަ ދައްކަމުން ކްރޮސް ބުނެފައި ވަނީ 1990 ވަނަ އަހަރު ޓެއިލާ އޭނާގެ އެންމެ ފުރަތަމަ މުބާރާތް ކާމިޔާބުކުރިއިރު އޭނާ ހުރީ ކުޑަކުއްޖެއްގެ ގޮތުގައި ކަމަށާއި އޭނާ ބަލިކޮށް ތަށި އުފުލާލެވުމަކީ ދެކެމުން އައި ހުވަފެނެއް ހަގީގަތަށް ވުން ކަމަށެވެ. އަދި 2017 ވަނަ އަހަރަކީ އޭނާގެ އަހަރު ނޫން ކަމަށާއި އެ އަހަރު ހާއްސަ ކުރެވޭނީ ޓެއިލާ ރިޓަޔާކުރަން ނިންމާފައިވާތީ އޭނާއަށް ކަމަށް ކްރޮސް ބުނެފައިވެއެވެ.

ކެރިއަރުގެ އެންމެ ފަހު މެޗުން ބަލިވި ނަމަވެސް ޓެއިލާ ބުނެފައި ވަނީ މީގެ 25 އަހަރު ކުރިން ފެށި މަސައްކަތުގައި އޭނާއަށް ވާސިލުވާން ޖެހޭ ހުރިހާ މަގާމަކަށް ވާސިލްވެވިފައިވާ ކަމަށާއި މިއީ އޭނާ ކުޅުން ހުއްޓާލަން ޖެހޭ އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލްކުރާ ކަމަށެވެ. ހަމައެހެންމެ ކްރޮސްއަކީ ޑާޓުގެ މުސްތަގުބަލު ކަމަށާއި ހިތްވަރާއެކު މަސައްކަތް ކޮށްފި ނަމަ އޭނާއަށް ޓެއިލާގެ މަގާމާ އަރާ ހަމަކުރެވޭނެ ކަމަށް ވެސް ޓެއިލާ ހާމަކުރިއެވެ.

ޓެއިލާ އެންމެ ފުރަތަމަ ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 1990 ވަނަ އަހަރުއެވެ. އެނާއަކީ 1992 ވަނަ އަހަރު އުފެއްދި ވޯލްޑް ޑާޓްސް ކައުންސިލް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ކުޅުންތެރިޔެކެވެ. މިދިޔަ އަހަރުގެ ތެރޭގައި އޭނާ ވަނީ ބައިވެރިވި މުބާރާތްތަކުގެ އަދަދު މަދުކޮށް ރިޓަޔާ ކުރާނެކަން އިއުލާނުކޮށްފައެވެ.

އޭނާއަކީ ދުނިޔޭގެ އެންމެ ކާމިޔާބު ޑާޓް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔާއެވެ. އޭނާ 16 ފަހަރެއްގެ މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ވަނީ ހަ ފަހަރެއްގެ މަތިން ޑާޓް ގްރޭން ސްލޭމް ކާމިޔާބުކޮށްފައެވެ.  

- ކޮމެންޓް