ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 18:54
އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ
އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ
ގޫގުލް
އިރާނުގެ ހަމަނުޖެހުން
އިރާނުގައި ހަމަނުޖެހުން އުފައްދަނީ އެގައުމުގެ ދުޝްމަނުން: އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ
މުޒާހަރާތަކުގައި މިހާތަނަށް 21 މީހުން މަރުވެފައިވޭ

އިރާނުގައި ހަމަނުޖެހުން އުފައްދަނީ އެގައުމުގެ "ދުޝްމަނުން" ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އިރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އެކި ސިޓީތަކުގައި ބޮޑެތި މުޒާހަރާތައް ކުރެވެމުންދާއިރު، ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ރަސްމީ ވެބްސައިޓުގައި އަންގާރަ ދުވަހު އެމަނިކުފާނު ވިދާޅުވީ "މި ހިނގަމުންދާ ދުވަސްތަކުގައި އިރާނުގެ ދުޝްމަނުން ގައުމުގައި ހަމަނުޖެހުން އުފައްދަން އެކި އާލަތްތައް ބޭނުން ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ފައިސާ، ހަތިޔާރު، ސިޔާސީ އެކި އުކުޅުތަކާއި އަދި ޖާސޫސީ އާލަތްތައް ހިމެނޭ ކަމަށެވެ.

މީގެ އިތުރަށް ޚާމަނާއީ ވިދާޅުވީ މިހާރު އިރާނުގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން "ރަނގަޅު ވަގުތުގައި" ގައުމުގައި މުޚާތަބު ކުރައްވާނެ ކަމަށެވެ.

ހޯމަ ދުވަހު އީރާނުގެ ރައީސް ހަސަން ރޫހާނީ މުޒާހަރާތަކާ ބެހޭ ގޮތުން ވިދާޅުވީ، މުޒާހަރާތަކާއި ފާޑުކިޔުންތަކަކީ ލިބޭ ފަހި ފުރުސަތެއް ކަމަށާއި އެއީ ބިރެއް ނޫން ކަމަށެވެ. ރޫހާނީ އިތުރަށް ވިދާޅުވީ ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރަން ގައުމުގެ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އިރާނުގެ ރައީސް ރޫހާނީ ކުރިން ވިދާޅުވެފައި ވަނީ ގައުމުގެ ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމުގެ މިނިވަންކަން އެބައޮތް ކަމަށެވެ.

އިރާނުގައި ކުރަމުންދާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު އޮފިޝަލުން އަންގާރަ ދުވަހު ވިދާޅުވީ ވެރިރަށް ތެހެރާނުގައި އެކަނި ވެސް ވޭތުވެދިޔަ ތިން ދުވަސްތެރޭ 450 މުޒާހިރީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން އިރާނުގައި ފެށުނު މުޒާހަރާތަކުގައި މިހާތަނަށް 21 މީހުން މަރުވެފައި ވެއެވެ.

ބުރާސްފަތި ދުވަހު ކުރަން ފެށި މުޒާހަރާތައް ކުރަން ފަށާފައި ވަނީ ގައުމުގެ ކޮރަޕްޝަނުގެ ހާލަތާ ގުޅިގެންނާއި އަދި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ.

ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ފެށި މުޒާހަރާތައް ފުޅާވެ، ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައިވާއިރު، މުޒާހަރާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ރައީސް ހަސަން ރޫހާނީގެ އިސްތިއުފާ އަށް ވެސް ދަނީ ގޮވަމުންނެވެ. މީގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ފުލުހުންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އީރާނުގެ ސަރުކާރުން ކުރަން ނުޖެހޭ ޚަރަދުތައް ކުރަމުންދާ ކަމަށެވެ.

- ކޮމެންޓް