މިއަހަރުގެ ޓެނިސް ސީޒަން ފެށުމުގެ ގޮތުން އޮސްޓްރޭލިއާގެ ބްރިސްބޭންގައި ކުރިޔަށްދާ ބްރިސްބޭން އިންޓަނޭޝަނަލް އޯޕަން ޓެނިސް މުބާރާތުން ކުރީގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ ވަކިވެއްޖެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ކުޅުނު އެއްވެސް މުބާރާތެއްގައި ވާދަކޮށްފައިނުވާ މަރޭ ބްރިސްބޭން އިންޓަނޭޝަނަލްގައި ވާދަކުރަން ނިންމީ އޭނާގެ އަނިޔާ އިން އެއްކޮށް ރަނގަޅުވެ މުބާރާތުގައި ވާދަކުރެވޭނެ ކަމަށް ޑޮކްޓަރުން ލަފާ ދިނުމާ ގުޅިގެންނެވެ. އެހެން ނަމަވެސް އުމުރުން 30 އަހަރުގެ މަރޭގެ އިންސްޓަގްރަމްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ އުނަގަނޑަށް ލިބުނު އަނިޔާ ގޯސްވެފައިވާ ކަމަށާއި އެހެންކަމުން މުބާރާތުން ވަކިވާން ނިންމާފައިވާ ކަމަށެވެ. ހަމައެހެންމެ އަނެއްކާ ވެސް އުނަގަނޑުގެ ސާޖަރީއެއް ހަދަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާގެ ޕޯސްޓުގައިވެއެވެ.
ބްރިސްބޭން އިންޓަނޭޝަނަލް އިން އޭނާ ވަކިވިއިރު އޭނާ ވަނީ އެ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައެވެ. ގަދަ 16ގެ މެޗުގައި އޭނާ ނުކުންނަން ހަމަޖެހިފައި ވަނީ މިހާރު ދުނިޔޭގެ ރޭންކިންގެ 47 ވަނައިގައި އޮތް އެމެރިކާގެ ރަޔާން ހެރިސަންއާ ދެކޮޅަށެވެ.
ތިން ފަހަރެއްގެ މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ މަރޭ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބްރިސްބޭން އިންޓަނޭޝަނަލް ކާމިޔާބުކޮށްފައެވެ. އެއީ 2012 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ މުބާރާތްތަކެވެ. މުބާރާތުން ވަކިވުމަށް ފަހު ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި މަރޭ ބުނީ މުބާރާތުގައި ވާދަކުރެވޭ ވަރަށް އޭނާގެ ފިޓްނެސް ލެވެލް ހުރި ކަމަށް ގަބޫލު ކުރެވުނު ކަމަށާއި އެހެން ނަމަވެސް ކަން ހިނގާފައި ވަނީ އުއްމީދުތަކާ މުޅިން އިދިކޮޅަށް ކަމަށެވެ.
މުބާރާތުން ވަކިވާން ޖެހުމުން ވަރަށް ދެރަވި ކަމަށާއި އެ މުބާރާތާ ގުޅުނީ އަހަރުގެ އެހެން މުބާރާތްތަކުގައި ކާމިޔާބު ހޯދަން މަގެއް ކޮށުމުގެ ގޮތުން ކަމަށް ވެސް މަރޭ ހާމަކުރިއެވެ. އޭނާ ބުނީ ވޭތުވެދިޔަ ހަ މަސް ދުވަހު ވާދަވެރި މުބާރާތެއްގައި ވާދަނުކުރެވުމުން ވަރަށް ހިތްހަމަނުޖެހިފައި ހުރި ކަމަށާއި އަވަސް މުސްތަގުބަލެއްގައި އަނެއްކާ ވެސް ޓެނިސް ކޯޓުން ފެނުމުގެ އުއްމީދުކުރާ ކަމަށެވެ.
މަރޭ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބޭއްވި ޔޫއެސް އޯޕަން މުބާރާތުގައި ވެސް ވާދަކުރާނެކަން އިއުލާނު ކުރުމަށް ފަހު އެ މުބާރާތް ފެށުމަށް ދެ ދުވަހަށް ވެފައިވަނިކޮށް އޭނާގެ ނަން ނަގާފައެވެ. މިދިޔަ އަހަރު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މަރޭ ފެށިއިރު އޭނާ އެ އަހަރު ނިންމާލާފައި ވަނީ އޭޓީޕީ ޓެނިސް ރޭންކިންގެ 16 ވަނައިގައި އޮވެގެންނެވެ.
މަރޭ އެންމެ ފަހުން ޓެނިސް ކޯޓަކުން ފެނިގެން ގޮސްފައި ވަނީ މުބާދަލާ ވޯލްޑް ޓެނިސް ޗެމްޕިއަންޝިޕްގެ އެގްޒިބިޝަން މެޗެއްގައެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާއާ ދެކޮޅަށް ވެސް އެގްޒިބިޝަން މެޗެއްގައި ކުޅެފައެވެ.
ބްރިސްބޭން އިންޓަނޭޝަނަލްއިން މަރޭ ވަކިވެފައިވާއިރު އޭނާ ބުނީ މި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއަން އޯޕަންގައި ވެސް އޭނާ ފެނިގެން ނުދާނެ ކަމަށެވެ. މަރޭ ފާހަގަކުރެވިފައި ވަނީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޓެނިސް ކުޅުންތެރިޔާގެ ގޮތުގައެވެ.