ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 17:46
އައްމަޑޭއާ މާޒިޔާގެ ޖާޒީ ހަވާލުކުރަނީ
އައްމަޑޭއާ މާޒިޔާގެ ޖާޒީ ހަވާލުކުރަނީ
މާޒިޔާ ސްޕޯރޓްސް ކްލަބް
މާޒިޔާ ސްޕޯޓްސް
އުމެއިރު ނެތްތަން ފޫބެއްދުމަށް މާޒިޔާއިން އައްމަޑޭ ގެނެސްފި
އޭނާ ވަނީ ފާއިތުވެދިޔަ ސީޒަންތަކުގައި މޮޅު ކުޅުމެއް ދައްކާފައި
މާޒިޔާއިން ވަނީ ޑިފެންޑަރު މުޖޭ ވެސް އެ ޓީމަށް ގެނެސްފައި
އަންނަ ސީޒަށް ތައްުޔާރުވުމަށް އެ ޓީމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑުގައި މިދިޔަ ސީޒަނުގައި މުހިންމު ދައުރެއް އަދާކުރި މުހައްމަދު އުމެއިރު އެ ޓީމު ދޫކޮށްލުމާ ގުޅިގެން އެ ޓީމުގެ މެދުތެރެ ބެލެހެއްޓުމުގެ ގޮތުން، ގްރީން ސްޓްރީޓްސްގެ އަހުމަދު ހަސަން (އައްމަޑޭ) އެ ޓީމަށް ގެނެސްފިއެވެ.

އައްމަޑޭ މާޒިޔާއަށް ސޮއި ކޮށްފައިވާއިރު އެ ކްލަބުން ބުނެފައި ވަނީ އޭނާއަކީ ފާއިތުވެދިޔަ ސީޒަންތަކުގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެއް ކަމަށާއި އަންނަ ސީޒަނުގައި އޭނާއަކީ އެ ކްލަބުގައި މުހިންމު ކުޅުންތެރިޔަކަށް ވާނެ ކުޅުންތެރިއެއް ކަމަށެވެ. ގްރީންއަށް ކުޅުމުގެ ކުރިން އޭނާ ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައެވެ. އޭނާއަކީ މަސައްކަތުގެ ރޭޓު ވަރަށް ރަނގަޅު ކުޅުންތެރިއެއް ކަމުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

އެމެއިރު މާޒިޔާ ދޫކޮށް ބަދަލުވެފައި ވަނީ ނިމިގެންދިޔަ ސީޒަނުގައި އެންމެ ކާމިޔާބު ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ.

ހަމައެހެންމެ މާޒިޔާ އިން ވަނީ މީގެ ކުރިން މާޒިޔާ އާއި ވެލެންސިއާއަށް ކުޅުނު ހުނަރުވެރި ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) ވެސް އެ ޓީމަށް ގެނެސްފައެވެ. ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ކުޅުމެއް ދެއްކި މުޖޭއަކީ ވެސް އަންނަ ސީޒަނުގައި މާޒިޔާ ވަރުގަދަ ކުރުމަށް އެ ޓީމަށް ގެނައި ކުޅުންތެރިޔެކެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަމުންދާ މާޒިޔާ އިން ވަނީ އެ ޓީމުގެ ޒުވާން ގޯލްކީޕަރު ހުސައިން ޝަރީފްގެ ކޮންޓްރެކްޓް ވެސް ދިގު މުއްދަތަކަށް އާކޮށްފައެވެ. އެ ކްލަބުން ބުނެފައި ވަނީ 2017 ވަނަ އަހަރު އެ ޓީމާ ގުޅުމަށް ފަހު އޭނާ ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި ޔޫތު ޗެމްޕިއަންޝިޕްގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު ރާއްޖޭގެ އެއް ނަމްބަރު ކީޕަރަށް ވުމުގެ ފެންވަރު އޭނާގެ ކިބައިގައި ހުރިކަން ފެނިގެން ގޮސްފި ކަމަށެވެ.

މި ކުޅުންތެރިންގެ އިތުރުން މާޒިޔާ އިން ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އިތުބާރު ފޯވާޑް ނާއިޒް ހަސަން (ދާދު) ވެސް އެއް އަހަރު ދުވަހުގެ އެއްބަސަވުމެއްގެ ދަށުން އެ ޓީމަށް ގެނެސްފައެވެ. ހަމައެހެންމެ އެ ޓީމުން ވަނީ ޔަސްފާދު ހަބީބް (މުލަކޭ) އާއި ސަމޫހު އަލީ (ސަމުއްޓެ) އާއި މުހައްމަދު އިރުފާން (އިރޭ) ގެ އިތުރުން މޫސާ ޔާމިން (ޔާމްބެ) ގެ ކޮންޓްރެކްޓު ވެސް އައުކޮށްފައެވެ.

މިދިޔަ ސީޒަނުގައި މާޒިޔާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެސްޓިއޯ މާލެ ލީގުގެ ޗެމްޕިއަންކަން ހޯދުން ކަމަށްވާއިރު އެ ޓީމުން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

- ކޮމެންޓް