ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 17:33
އިރާނުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން
އިރާނުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން
އަލްޖަޒީރާ
އިރާން ހަމަނުޖެހުން
އިރާނުގައި ހޯމަ ދުވަހުގެ ރޭ ކުރި މުޒާހަރާ: ނުވަ މަރު
މުޒާހަރާތައް ދަނީ ހުއްޓުމެއް ނެތި ކުރިއަށް

އިރާނުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރެވެމުންދާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު ހޯމަ ދުވަހުގެ ރޭ ކުރެވުނު މުޒާހަރާތަކުގައި ނުވަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހޯމަ ދުވަހުގެ ރޭ ކުރެވުނު މުޒާހަރާތަކުގައި ނުވަ މީހުން މަރުވީ އިރާނުގެ ސަލާމަތީ ބާރުތަކާއި އާންމުންނާ މެދު ހިނގި ކުރިމަތިލުންތަކުގައެވެ.

އިރާނުގައި ކުރަމުންދާ މުޒާހަރާތައް ހަވަނަ ދުވަހަކަށް ކުރިމަތިލާފައިވާއިރު ހޯމަ ދުވަހުގެ ރޭ މަރުވި މީހުންގެ ތެރެއިން ހަމީހުން މަރުވީ މުޒާހިރީން ފުލުހުންގެ މަރުކަޒަކަށް ވަންނަން އުޅުމުން ހިނގި ހަމަނުޖެހުންތަކުގައެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން އިރާނުގައި މިފަހުން ފެށުނު މުޒާހަރާތަކުގައި މިހާތަނަށް 21 މީހުން މަރުވެފައި ވެއެވެ. އަދި ވެރިރަށް ތެހެރާނުގައި އެކަނި ވެސް ހޮނިހިރު ދުވަހުން ފެށިގެން 450 މީހުން ހައްޔަރުކޮށްފައި ވެއެވެ.

ހޯމަ ދުވަހު އީރާނުގެ ރައީސް ހަސަން ރޫހާނީ މުޒާހަރާތަކާ ބެހޭ ގޮތުން ވިދާޅުވީ، މުޒާހަރާތަކާއި ފާޑުކިޔުންތަކަކީ ލިބޭ ފަހި ފުރުސަތެއް ކަމަށާއި އެއީ ބިރެއް ނޫން ކަމަށެވެ. ރޫހާނީ އިތުރަށް ވިދާޅުވީ ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރަން ގައުމުގެ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އިރާނުގެ ރައީސް ރޫހާނީ ކުރިން ވިދާޅުވެފައި ވަނީ ގައުމުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމުގެ މިނިވަންކަން އެބައޮތް ކަމަށެވެ.

ބުރާސްފަތި ދުވަހު ކުރަން ފެށި މުޒާހަރާތައް ކުރަން ފަށާފައި ވަނީ ގައުމުގެ ކޮރަޕްޝަނުގެ ހާލަތާ ގުޅިގެންނާއި އަދި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ.

ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ފެށި މުޒާހަރާތައް ފުޅާވެ، ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައިވާއިރު، މުޒާހަރާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ރައީސް ހަސަން ރޫހާނީގެ އިސްތިއުފާ އަށް ވެސް ދަނީ ގޮވަމުންނެވެ. މީގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ފުލުހުންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އީރާނުގެ ސަރުކާރުން ކުރަން ނުޖެހޭ ޚަރަދުތައް ކުރަމުންދާ ކަމަށެވެ.

- ކޮމެންޓް