ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 09:11
ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާއިން ނިން،މި ނިންމުން ބަލައިގަތީ މަދު ގައުމަކުން
ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާއިން ނިން،މި ނިންމުން ބަލައިގަތީ މަދު ގައުމަކުން
ބީބީސީ
ގުދުސްގެ މައްސަލަ
އެމެރިކާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު އަނެއްކާވެސް ވޮޝިންގޓަނަށް
ސަފީރު ވިދާޅުވީ ރައީސް އައްބާސްއާއި ބައްދަލު ކުރެއްވި ކަމަށް
އައްބާސް ވިދާޅުވީ އެމެރިކާގެ ފަރާތުން ސުލްހައަށް ހުށަހަޅާ ޕްލޭނެއް ބަލައިނުގަންނާނެކަމަށް

ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަތް މައްސަލައިގައި، "އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް' އެމެރިކާގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު އަނބުރާ ޤައުމަށް ގެންދެވުނުތާ އެއްދުވަސްތެރޭ އަނެއްކާވެސް ވޮޝިންގޓަނަށް ވަޑައިގަންނަވަން ނިންމައިފިއެވެ.

ސަފީރު ހުސާމް ޒަމްލަތް ވިދާޅުވީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި އޭނާ ވަކިން ބައްދަލު ކުރައްވާފައިވާކަމަށެވެ.

ވަގުތުން ވޮޝިންގޓަނަށް ވަޑައިގަތުމަށް އޭނާއަށް ލަފާދެއްވިކަމަށް ސަފީރު ވިދާޅުވިއެވެ.

އާދީއްތަ ދުވަހު އައްބާސް ވިދާޅުވީ ރައީސް ޓްރަމްޕްގެ ނިންމެވުމާއި ގުޅިގެން އެމެރިކާގެ ފަރާތުން ސުލްހައަށް ހުށަހަޅާ އެއްވެސް ޕްލޭނެއް ބަލައިނުގަންނާނެކަމަށެވެ.

ފަލަސްތީނުން މި ނިންމުން ނިންމާފައިމިވަނީ ޕާކިސްތާނުގައި ހުންނަވާ ފަލަސްތީނުގެ މަންދޫބުވެސް އަނބުރާ ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. ޕާކިސްތާނުގައި ހުންނަވާ ސަފީރު ގެނެސްފައިވަނީ ޤުދުސްގެ ދިފާޢުގައި އެޤައުމުގައި ބޭއްވި އެއްވުމެއްގައި، އިންޑިއާއިން ޓެރަރިސްޓެއްކަމަށް ކަނޑައަޅާފައިވާ ހާފިޒް ސަޢީދާއިއެކު ހުންނެވުމާއި ގުޅިގެން، އިންޑިއާއިން އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ.

ގުދުސް އަކީ އިސްރާއީލުގެ ވެރިރަށްކަމަށް ކަނޑައަޅައި، ތެލްއަވީވުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރަން ނިންމެވިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވާފައިވަނީ ނިމިގެންދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

މި ނިންމެވުމާއެކު ފަލަސްތީނުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގެންދަނީ އެމެރިކާއާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

މީގެ އިތުރުން އެމެރިކާގެ ނިންމުން ބަލައިނުގަތުމަށް އދ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރު 128 ގައުމުގެ ތާއީދާއެކު ވަނީ ފާސްކޮށްފައެވެ.

 

- ކޮމެންޓް