ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 22:28
ހުޅަނގު އައްސޭރީގައި މިހާރުވެސް ގަވައިދާ ޚިލާފަށް އިޒްރޭލުން ގެންދަނީ ގެދޮރު އަޅަމުން
ހުޅަނގު އައްސޭރީގައި މިހާރުވެސް ގަވައިދާ ޚިލާފަށް އިޒްރޭލުން ގެންދަނީ ގެދޮރު އަޅަމުން
އޭއެފްޕީ
ފަލަސްތީން-އިޒްރޭލް މައްސަލަ
ހުޅަނގު އައްސޭރީގެ ބޮޑުބައެއް އިޒްރޭލުން ފޭރިގަންނަން އުޅޭތީ ފަލަސްތީނުން އެކަން ކުށްވެރި ކޮށްފި
އިޒްރޭލުން ހިތްވަރު ލިބިގަންނަނީ އެމެރިކާގެ ނޭއްގާނީ ސިޔާސަތު ތަކުން

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކު (ހުޅަނގު އައްސޭރީ) ގެ ބޮޑު ބައެއް އިޒްރޭލުން މިލްކު ކުރަން އުޅޭތީ އެކަން ފަލަސްތީނުން ކުށްވެރި ކޮށްފިއެވެ. ފަލަސްތީނުގެ ފަތަހް ޖަމާއަތުންނާއި ހަމާސް އިންވެސް ބުނެފައިވަނީ މިކަން ކުރުމަކީ ސުލްހައިގެ މަސައްކަތުގައި ބާކީ އޮތް ކުޑަ މިންވަރެއް ވިޔަސް މިކަމުގެ ސަބަބުން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި އެކަން އެ ގޮތައް ކޮށްފި ނަމަ ފަލަސްތީނުން އަކަމާ ދެކޮޅަށް ކުރާ މަސައްކަތް އެތައް ގުނައެއް އިތުރު ވެގެން ދާނޭ ކަމަށެވެ.

ހުޅަނގު އައްސޭރިން އިޒްރޭލު ހިފާފައިވާ ސަރަހައްދުގެ ބޮޑު ބައެއް އިޒްރޭލުގެ ބިމުގެ ގޮތުގައި ކަނޑައެޅުމަށް ފެންނަ ކަމަށް އާދިއްތަ ދުވަހު، ބޮޑުވަޒީރު ނަތަންޔާހޫ ނިސްބަތްވެ ވަޑައިގަންނަވާ ލިކުޑް ޕާޓީގެ 1،500 މެމްބަރުން ވަނީ ވޯޓު ދީފައެވެ. މީގެ އިތުރުން އެ ބިމުގައި އެއްވެސް ހައްދެއް ނެތި އިޒްރޭލުގެ ރައްޔިތުންނަށް ގެދޮރު އިމާރާތް ކުރުމަށް ހުޅުވާލުމަށްވެސް ފާސް ކޮށްފައިވެއެވެ.

މި ކަމާ ބެހޭ ގޮތުން ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ނިސްބަތްވެ ވަޑައިގަންނަވާ ފަތަހް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ:

"މި ނިންމުމަކީ މީގެ ކުރިން ކަމާބެހޭ ގޮތުން ވެފައިވާ އެއްބަސްވުން ތަކާ ޚިލާފް ނިންމުމެއް. އަދި މިއީ އ.ދ. ގެ އެތައް ގަރާރަކާ ޚިލާފް ނިންމުމެއް. މިގޮތުން އެންމެ ފަހުން ފާސް ކުރި އ.ދ. ގެ ގަރާރު ނަމްބަރު 2334 ގައި ހުޅަނގު އައްސޭރި އާއި ޖެރޫސަލަމް އަކީ ހިފައިފައިވާ ބިންތައް ކަމަށް ބުނެފައިވޭ، މިއީ މާފު ނުކުރެވޭނެ ނިންމުމެއް"

ލިކުޑް ޕާޓީގެ މި ނިންމުން ހަމާސް އިން ސިފަ ކޮށްފައިވަނީ އުދުވާނެއްގެ ގޮތުގައެވެ. ހަމާސް އިން އިތުރަށް ބުނެފައިވަނީ އެމެރިކާއިން ގެންގުޅެމުންދާ ސިޔާސަތުތަކުގެ ފައިދާ އިޒްރޭލުން ނަގަމުން ދަނީ ކަމުގައެވެ.

ހުސްވި އަހަރުގެ ޑިސެމްބަރު މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހިފާފައިވާ އިރުމަތީ ޖެރޫސަލަމް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އިއުލާން ކުރައްވާފައެވެ. ޓްރަމްޕްގެ މި ނިންމެވުމާ ދެކޮޅަށް އދ ގެ އާއްމު މަޖިލީހުން ވަނީ ގަރާރެއް ފާސް ކޮށްފައެވެ. އަދި ދުނިޔޭގެ އެތައް ގައުމެއްގައި ޓްރަމްޕްގެ މި ނިންމެވުމާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާ ކޮށްފައިވެއެވެ.

- ކޮމެންޓް