ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 19:42
ޕައުލޯ ޑިބާލާ
ޕައުލޯ ޑިބާލާ
ގޯލް.ކޮމް
ޕައުލޯ ޑިބާލާ
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ޑިބާލާ ވާނެ: އަލެގްރީ
އުމުރުން 24 އަހަރުގެ ފޯވާޑުގެ ކުރިމަގާ ބެހޭ ގޮތުން ވަނީ ސުވާލު އުފެދިފައި

ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާއަކީ މުސްތަގުބަލުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ ކުޅުންތެރިޔާ ކަމަށް އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފިއެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި ޑިބާލާއަށް ޔުވެންޓަސްގެ ފުރަތަމަ އެގާރައިން އަލެގްރީ ފުރުސަތުދީފައި ނުވާއިރު އޭނާ ވަނީ ޔުވެންޓަސް އެންމެ ފަހުން ކުޅުނު މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ ޔުވެންޓަސް އިން 3-1 އިން ހެލާސް ވެރޯނާ ބަލިކުރި މެޗުގައި އެ ޓީމަށް ދެ ލަނޑު ޖަހައިދީފައެވެ. ޑިބާލާގެ މޮޅު ކުޅުމާ އެކު ޔުވެންޓަސް އިން 2017 ވަނަ އަހަރު ނިންމާލާފައި ވަނީ އިޓާލިއަން ސެރީއޭގެ އެއްވަނައިގައި އޮތް ނަޕޯލީއަށް ވުރެ ޕޮއިންޓެއް ފަހަތުންނެވެ.

އުމުރުން 24 އަހަރުގެ ފޯވާޑުގެ ކުރިމަގާ ބެހޭ ގޮތުން ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އަލެގްރީ ބުނެފައި ވަނީ އުނދަގޫ ދުވަސްކޮޅަކަށް ފަހު އަނެއްކާ ވެސް ލަނޑު ލިސްޓުތަކުން އޭނާއަށް ޖާގަ ލިބުމުން އުފާވެފައި ހުރި ކަމަށާއި ކުރިޔަށް ހުރި މެޗުތަކުގި ޑިބާލާގެ ކުޅުން އިތުރަށް ރަނގަޅުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރޮނާލްޑޯ އާއި މެސީއަށް އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި އަބަދަކު ދެމިނުތިބެވޭނެ ކަން ފާހަގަކުރަމުން އަލެގްރީ ބުނެފައި ވަނީ ޑިބާލާއަކީ މުސްތަގުބަލުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ ކުޅުންތެރިޔާ ކަމަށެވެ. އަދި އޭނާއާ އެކު ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާއަކީ ވެސް އެ މަގާމަށް ވާދަކުރާނެ ކުޅުންތެރިޔެއް ކަމަށް އަލެގްރީ ބުނެފައިވެއެވެ.

ޑިބާލާއަކީ މުސްތަގުބަލު އޮތް ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ ދުނިޔޭގެ ފުޓްބޯޅަ 'ޑޮމިނޭޓް' ކުރެވޭ ފެންވަރު ހުރި ކުޅުންތެރިޔެއް ކަމަށް އަލެގްރީ ފާހަގަކުރިއެވެ.

އެ ޓީމުގެ މެނޭޖްމަންޓާއި ޑިބާލާއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެގޮތުން އެ ޓީމުގެ ނައިބު ރައީސް، ޕަވެލް ނެޑްވެޑް ޑިބާލާގެ ދިރިއުޅުމާ ބެހޭ ގޮތުން ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާ އެ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާ ގުޅިގެން އަލެގްރީ ވަނީ ޑިބާލާއާ އޭނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފައެވެ. އަދި ޓީމުން ފުރުސަތު ދީފައި ނުވާ ދުވަސްތަކުގައި އޭނާގެ ނިންމުންތަކަށް ޑިބާލާ އިހުތިރާމުކުރި ކަމަށް ވެސް އަލެގްރީ ބުނެފައިވެއެވެ. މިކަމާ ގުޅިގެން ޔޫރަޕުގެ އެންމެ ބޮޑެތި ޓީމުތަކުން ޑިބާލާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެއެވެ. އޭގެ ތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން އިނގިރޭސިވިލާތުގެ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން މެންޗެސްޓާ ސިޓީ ހިމެނެއެވެ.

ޔުވެންޓަސް މިވަގުތު އޮތީ އިޓާލިއަން ސެރީއޭގެ ދެވަނައިގައެވެ. 48 ޕޮއިންޓާއެކު އެ ޓީމު ދެވަނައިގައި އޮތްއިރު އެއްވަނައިގައި 47 ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ.

ޕަލެރާމޯ ދޫކޮށް ޑިބާލާ ޔުވެންޓަސްއަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ. އޭނާވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 82 މެޗުގައި 42 ލަނޑު ޖަހާފައެވެ. ހަމައެހެންމެ މި ސީޒަނުގައި އެ ޓީމަށް ކުޅުނު 26 މެޗުގައި އޭނާވަނީ 15 ލަނޑު ޖަހާފައެވެ. އޭގެތެރެއިން ފަސް މެޗު އޭނާ ފަށާފައިވަނީ ބެންޗުންކަން ފާހަގަކޮށްލެވެއެވެ.

- ކޮމެންޓް