ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 19:32
އަތީގް ނިއުގެ ކޮންޓްރެކްޓުގައި ސޮއި ކުރުމަށް ފަހު
އަތީގް ނިއުގެ ކޮންޓްރެކްޓުގައި ސޮއި ކުރުމަށް ފަހު
ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް
ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާ ނިއުއަށް ސޮއިކޮށްފި
އޭނާއަކީ އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ
އަންނަ ސީޒަނަށް ނިއު އިން އަންނަނީ ގިނަ ތައްޔާރީތަކެއް ވަމުން

ނިމިގެންދިޔަ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުނަރުވެރި ފޯވާޑް އިބްރާހިމް އަތީގް ހަސަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.

އޭނާ ނިއުއާ ގުޅިފައި ވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުން ކަމަށްވާއިރު އޭނާއަކީ ނިމިގެންދިޔަ ޔޫތު ޗެމްޕިއަންޝިޕްގެ ރަނަރަޕްކަން މާޒިޔާއިން ހޯދިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން އޭނާއަކީ އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެއެވެ.

ތިން ތައްޓާއެކު ނިއު އިން މިދިޔަ ސީޒަން ނިންމާލިއިރު އެ ޓީމުން އަންނަނީ މި ފެށޭ ސީޒަނުގައި އެ ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ޓީމުން ވަނީ މިދިޔަ ސީޒަނުގައި މާޒިޔާގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އުމެއިރުގެ އިތުރުން ވެލެންސިޔާއަށް ކުޅުނު ހުނަރުވެރި ޑިފެންޑަރު ހިޝާން ސަލީމް (ކޮކީ) އެ ޓީމަށް ގެނެސްފައެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުގައި ތިބި ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް ވަނީ އާކޮށްފައެވެ. އޭގެ ތެރޭގައި އެ ޓީމުގެ ދެ ކީޕަރުން ކަމަށްވާ އިމްރާން މުހައްމަދު (އިންމަ) އާއި މުހައްމަދު ފައިސަލްގެ އިތުރުން އަކްރަމް އަބްދުލް ޢަނީ، ހަސަން އަދުހަމް، އަހުމަދު އަބްދުﷲ، ރިލްވާން ވަހީދު އަދި މިދުހަތް ފަހުމީ ހިމެނެއެވެ. މި ކުޅުންތެރިންގެ އިތުރުން ނިއުގެ ކޯޗު އަންނަ އަހަރުގެ ނިޔަލަށް އެއްބަސްވުން އާކޮށްފައިވާއިރު، ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އެލްޑޯ އަދި ކަންޑޭލާ ވެސް ވަނީ އެއްބަސްވުން އާކޮށްފައެވެ. ހަމައެހެންމެ ހަމްޒާ މުހައްމަދާއި އަލީ ފާސިރުގެ އިތުރުން އިބްރާހިމް ރަޝީދު ވަނީ އެ ޓީމުގައި ދިގު މުއްދަތެއް ވަންދެން މަޑުކުރަން އެއްބަސްވެފައެވެ.

ހަމައެހެންމެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް އެ ޓީމުގެ ކޮންޓްރެކުޓުގައި ވަރަށް އަވަހަށް ސޮއިކުރުމަށް ވަނީ ނިންމާފައިވާ ކަމަށް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.

ނިއު އިން އަންނަ ސީޒަނާ ކުރިމަތިލާނީ ސަރަހައްދީ ފެންވަރުގައި ވެސް ކާމިޔާބު ހޯދުމުގެ އުއްމީދުގައެވެ.

- ކޮމެންޓް