ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 19:28
ވެންޑައިކް ލިވަޕޫލްގެ ހަތަރު ނަމްބަރު ޖާޒީ ހިފަހައްޓާލައިގެން
ވެންޑައިކް ލިވަޕޫލްގެ ހަތަރު ނަމްބަރު ޖާޒީ ހިފަހައްޓާލައިގެން
ގެޓީ އިމޭޖަސް
ވެންޑައިކް ލިވަޕޫލްއަށް
ލިވަޕޫލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ވެންޑައިކް ދައްކާލައިފި
ވެންޑައިކް ލިވަޕޫލްއަށް ސޮއިކޮށްފައި ވަނީ 75 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުން
އޭނާ ލިވަޕޫލްއަށް ސޮއިކުރީ މިނިމުނު ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު
ލިވަޕޫލްގައި އޭނާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ނަމްބަރު ޖާޒީ

ސައުތްހެމްޕްޓަން ދޫކޮށް ލިވަޕޫލްއަށް ބަދަލުވި ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ދައްކާލައިފިއެވެ.

އޭނާ ލިވަޕޫލްއަށް ސޮއިކުރީ މިނިމުނު ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ވެންޑައިކް ލިވަޕޫލްއަށް ސޮއިކޮށްފައި ވަނީ 75 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި ޓްރާންސްފާއާ އެކު އޭނާ ވެގެން ގޮސްފައި ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަށެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ސިޓީއާ ގުޅުނު ފްރާންސްގެ ބެންޖަމިން މެންޑީ އަތުގައެވެ. މޮނާކޯ ދޫކޮށް އޭނާ ސިޓީއަށް ބަދަލުވީ 52 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ހަމައެހެންމެ މި ޓްރާންސްފާއާ އެކު އޭނާ ވެގެން ގޮސްފައި ވަނީ ލިވަޕޫލްގެ ތާރީހުގައި ވެސް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މިރެކޯޑު އޮންނަނީ ޖަރުމަނުގެ އާރްބީ ލީޕްޒީގް ދޫކޮށް އެ ޓީމަށް ބަދަލުވާން ނިންމި ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ އަތުގައެވެ. އޭނާ ލިވަޕޫލްއަށް ސޮއެކުރަން ހަމަޖެހިފައި ވަނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައެވެ. އޭނާ ލިވަޕޫލްއަށް ބަދަލުވަނީ 48 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

މީގެ ކުރިން ސެލްޓިކްއަށް ވެސް ކުޅުނު ވެންޑައިކް ލިވަޕޫލްއަށް ބަދަލުވުމާ އެކު އެ ޓީމުން ސައުތްހެމްޕްޓަންއަށް ދޭ ޓްރާންސްފާ ފީގެ 10 އިން ސައްތަ ސެލްޓިކްއަށް ވެސް ލިބޭނެއެވެ. ލިވަޕޫލް އިން ވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް އޭނާ ގެނައުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެ ޓީމުން ސިއްރިއްޔާތުގައި އޭނާއާ ބައްދަލުކުރިކަން ފަޅާއެރުމުން އެކަން ފީފާއަށް ހުށަހަޅާނެ ކަމަށް ބުނެ ސައުތްހެމްޕްޓަންއިން އިންޒާރު ދިނުމާ ގުޅިގެން ލިވަޕޫލްއިން އެފަހަރު އެ މަސައްކަތް ހުއްޓާލިއެވެ.

ލިވަޕޫލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މީޑިއާއަށް ފެނިލުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވެންޑައިކް ބުނެފައި ވަނީ އެ ކްލަބަށް ސޮއި ކުރެވުމުން ވަރަށް އުފާވެފައި ހުރި ކަމަށާއި އެ ކްލަބުގެ އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިވެދިނުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ. ހަމައެހެންމެ ލިވަޕޫލްއަކީ ވަރުގަދަ ތާރީހެއް އޮތް ކްލަބެއް ކަމަށާއި މިއީ ވެސް އޭނާ އެ ކްލަބަށް ހިތްޖެހުނު އެއް ސަބަބު ކަމަށް ވެންޑައިކް ބުނެފައިވެއެވެ.

ހަމައެހެންމެ އޭނާ ބުނީ އެ ކްލަބާ އެކު ތަށި ހޯދުމަށް އުއްމީދުކުރާ ކަމަށާއި ޗެމްޕިއަންސް ލީގުގައި ކުޅުމަށް ވަރަށް އުއްމީދުކުރާ ކަމަށެވެ. މީގެ އިތުރުން އެ ކްލަބުގެ ސްޓޭޑިއަމަކީ ވަރަށް ހާއްސަ ސްޓޭޑިއަމެއް ކަމަށާއި މިވަގުތު އޭނާގެ ދެވަނަ ގެއެއްގެ ގޮތުގައި އެ ސްޓޭޑިއަމް ބަލައިގަންނަ ކަމަށް ވެސް ވެންޑައިކް ބުނެފައިވެއެވެ.

ލިވަޕޫލްގައި އޭނާ ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ނަމްބަރު ޖާޒީއެވެ. މީގެ ކުރިން މި ޖާޒީ ބޭނުންކޮށްފައި ވަނީ އެ ޓީމަށް ކުޅުނު އައިވޮރީ ކޯސްޓުގެ ޑިފެންޑަރު ކޮލޯ ޓޫރޭއެވެ.

އުމުރުން 26 އަހަރުގެ ޑިފެންޑަރުގެ ކެރިއަރު ފަށާފައި ވަނީ ނެދަލޭންޑްސްގެ ޓީމެއް ކަމަށްވާ ގްރޮނިގެން އިންނެވެ. އޭގެ ފަހުން އޭނާ ސްކޮޓްލޭންޑުގެ ސެލްޓިކްއަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ. އެ ޓީމުގައި ކާމިޔާބު ދެ ސީޒަން ހޭދަކުރުމަށް ފަހު އޭނާ ސައުތްހެމްޕްޓަންއަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ. އެ ޓީމަށް 67 މެޗު ކުޅެފައިވާ ވެންޑައިކްއަކީ 2016 ވަނަ އަހަރު ހޮވި އެ ކްލަބުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

- ކޮމެންޓް