ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 12:28
އައު އަހަރު ފެށުމަށް ބަޑިބޭހުގެ ކުޅިވަރު ކުޅުމުގެ ތެރޭގައި ޒަޚަމްވި ތުއްތު ކުއްޖެއް
އައު އަހަރު ފެށުމަށް ބަޑިބޭހުގެ ކުޅިވަރު ކުޅުމުގެ ތެރޭގައި ޒަޚަމްވި ތުއްތު ކުއްޖެއް
ޓްވިޓަރ
އައު އަހަރު ފެށުން
އައު އަހަރު ފެށުން ފާހަގަ ކުރުމުގެ ތެރޭގައި ފިލިޕީންސްގައި ގިނަ ބަޔަކު ޒަޚަމް ވެއްޖެ
ޒަޚަމްވި މީހުންގެ ތެރޭގައި 11 މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނޭ

އައު އަހަރު ފެށުން ފާހަގަ ކުރުމަށް އާއްމުން ހިންގި ބަޑިބޭހުގެ ހަރަކާތްތަކުގެ ސަބަބުން ފިލިޕީންސްގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމް ވެއްޖެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހޯމަ ދުވަހު ހާމަ ކޮށްފިއެވެ.

މީލާދީ އައު އަހަރު ފެށުމަށް ފިލިޕީންސްގައި އާއްމުން ބަޑިބޭހުގެ ކުޅިވަރު ކުޅުމަކީ ކޮންމެ އަހަރަކުވެސް ހިނގަމުން އަންނަ ކަމެކެވެ. މި ހާދިސާ ހިނގި އިރު ރައީސް ޑުޓާޓޭ ވަނީ ބަޑިބޭސް ބޭނުން ކުރުން ކޮންޓްރޯލް ކުރުމަށް ހުސްވި އަހަރުގެ ޖޫން މަހު އަމުރެއް ނެރުއްވާފައި ކަން ވެސް ފާހަގަ ކުރެވެއެވެ.

ބާރު އަޑުފައްގަނޑާއެކު ބަޑިބޭހުގެ ކުޅިވަރު ކުޅުމާއި، އައު އަހަރު ފެށުމާ ދިމާކޮށް ވައިގެ ތެރެއަށް ބަޑި ޖެހުން ފަދަ ކަންކަން ފިލިޕީންސްގައި ކުރިއަށް ގެންދަނީ ބާރު އަޑުފައްގަނޑުގެ ސަބަބުން ނުބައި ރޫހުތައް ފައްސާލެވޭނެ ކަމަށް ގަބޫލު ކުރެވިފައި އޮންނާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލިޕީންސްގެ ހެލްތް ސެކްރެޓަރީ ވިދާޅުވީ، 2018 ވަނަ އަހަރު ފެށުން ފާހަގަ ކުރުމުގެ ތެރޭގައި ޒަޚަމްވި ކަމަށް ރެކޯޑް ކުރެވިފައިވަނީ، 191 މީހުން ކަމަށާއި މިއީ ފާއިތުވި 5 އަހަރުގެ އެވްރެޖަށްވުރެ 77 އިން ސައްތަ ދަށް އަދަދެއް ކަމަށް ވިޔަސް، އައު އަހަރު ފާހަގަ ކުރުމުގައި އާއްމުން ބަޑިބޭސް ބޭނުން ކުރުން މަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އާއްމުން ބަޑިބޭސް ބޭނުން ކުރުން ކޮންޓްރޯލް ކުރުމުގެ މަގްސަދުގައި ފިލިޕީންސްގެ ރައީސް ހުސްވި އަހަރުގެ ޖޫން މަހު ނެރުއްވި އަމުރުގައިވަނީ، ބަޑިބޭސް ބޭނުން ކުރެވޭނީ އެކަމަށް ހުއްދަ ކުރެވިފައި ސަރަހައްދު ތަކުގައި ކަމަށާއި، އަދި އެކަމަށް ތަމްރީނާއި ލައިސަންސް ލިބިފައިވާ ފަރާތެއްގެ ހާޒިރުގައި ކަމަށެވެ.

އައު އަހަރު ފާހަގަ ކުރުމުގެ ތެރޭގައި ބަޑިބޭހުގެ ސަބަބުން އަނިޔާ ލިބުނީ ވެރިރަށް މެނީލާގެ މަގުމަތީގައި ބަޑިބޭސް ރޯކުރަން އުޅުމުގެ ތެރޭގައި ކަމަށް ފިލިޕީންސްގެ އޮފިޝަލުން ހާމަ ކޮށްފައިވެއެވެ.

ޒަޚަމްވި މީހުންގެ ތެރޭގައި 11 މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.

- ކޮމެންޓް