ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 12:02
ޕަދްމަވަތީގެ ލީޑުރޯލުން ފެންނަ ތިން ތަރިން
ޕަދްމަވަތީގެ ލީޑުރޯލުން ފެންނަ ތިން ތަރިން
ގެޓީ އިމޭޖަސް
ފިލްމް ޕަދްމަވަތީ
ޕަދްމަވަތީ ފާސްކުރީ ޕަދްމާވަތުގެ ނަމަށް!
މި ފިލްމު އެމެރިކާގައި އަޅުވާނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގައި
އިންޑިއާގައި އަޅުވާނެ ދުވަހެއް އަދިވެސް ހާމަކޮށްފައެއް ނުވޭ

ސަންޖޭ ލީލާ ބަންސާލީގެ ލޯބީގެ ތާރީހީ ފިލްމް "ޕަދްމާވަތީ" އަށް ދިމާވި މައްސަލަތަކާ ހުރެ ސެންސަރު ބޯޑުން އެފިލްމު ފާސްނުކޮށްދީގެން އުނދަގޫތަކާއި އޭނާއަށް ވަނީ ކުރިމަތިވެފައެވެ.

ސެންސަރު ބޯޑުން މިފިލްމު ފާސްކޮށްދިނުމުން ވެސް އެ ފިލްމާއި ދެކޮޅު ފަރާތްތަކުން ބުނެފައިވަނީ ފިލްމު އަޅުވާ ކޮންމެ ސިނަމާއެއް ފުނޑާލާނެ ކަމަށެވެ.

މި ފިލްމުގެ ލީޑު ރޯލުން ފެނިގެން ދަނީ ދީޕިކާ ޕަދްކޯނާއި ޝާހިދު ކަޕޫރް އަދި ރަންވީރް ސިންގްއެވެ. މި ފިލްމު ފާސްކުރުމަށް ފަހު ސެންސަރު ބޯޑުން މި ފިލްމަށް ކިޔަން ނިންމީ "ޕަދްމާވަތު"އެވެ.  މީގެ އިތުރުން މި ފިލްމުގެ މިހާރު ނިކުމެފައިވާ ލަވަ "ގޫމަރު" ގެ ބައެއް ލަފުޒުތައް ބަދަލުކުރަން ވެސް ވަނީ ޝަރުތު ކޮށްފައެވެ.

މި ފިލްމު ސެންސަރު ބޯޑުން ފާސްކުރުމަށް ފަހު އެޕްލިކޭޝަންސްތައް ޕާދްމަވަތީ ޓީމާއި ހަވާލުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.  

ރާޖްޕޫތު ކަރްނީ ސޭނާއިން ވަނީ ފިލްމު ފާސްކޮށްދޭން ނިންމުމުން  އެކަމާ ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ. އެމީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފިލްމު ފާސްކޮށްދޭން ނިންމުމަކީ އިންޑިއާގައި ހަމަނުޖެހުން ނަގާލުމަށް މަގުފަހި ކުރުވުން ކަމަށެވެ. އަދި މި ފިލްމު އެޅުވުމުން ހިނގައިދާ ހަމަނުޖެހުންތަކަށް އިންޑިއާގެ ސަރުކާރުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ރާޖްޕޫތު ގުރޫޕުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މި ފިލްމު އެޅުވުމަށް އެންމެ ފުރަތަމަ ހަމަޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ 1 ގައެވެ. މި ފިލްމު އެދުވަހަށް އަޅުވަން އިއުލާން ކުރުމާއެކު ރާޖްޕޫތު ގުރޫޕުން ވަނީ މި ފިލްމު އެޅުވުމާއި ދެކޮޅަށް މުޒާހަރާތައްކޮށް ފިލްމުގެ ކާސްޓުންނަށް މަރުގެ އިންޒާރުތައްދީފައެވެ. އެގޮތުން އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ނަދަން ހަރިޔާނާގެ ކުރީގެ ޗީފް މީޑިއާ ކޯޑިނޭޓަރ ސޫރަޖް ޕަލް އަމޫވަނީ ދީޕިކާއާއި ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ ބޯ ބުރިކޮށްލި ބަޔަކަށް 1.5  މިލިއަން އިންޑިއާ ރުޕީސް ދޭނެ ކަމަށް ބުނެ ވަނީ އަގުކިޔާފައެވެ. އެހެން ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް މާފަށް އެދިފައެވެ.

ޕާދްމަވަތީގެ ޓީމަށް ކުރިމަތިވަމުންދާ އިންޒާރު ތަކާހެދި އެޓީމުގެ ސެކިއުރިޓީ އަދިވެސް ވަނީ ވަރުގަދަ ކޮށްފައެވެ. ސެންސަރު ބޯޑުން މި ފިލްމު ފާސްކުރިކަމުގައި ވިއަސް މި ފިލްމު އިންޑިއާގައި އަޅުވާނެ ދުވަހެއް އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މި ފިލްމު އެމެރިކާގައި އަޅުވާނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގައެވެ.

- ކޮމެންޓް