ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 10:40
ހުޅަނގު އައްސޭރި އާ ގުޅުން ހުރި ގަރާރަށް އިޒްރޭލުގެ ލިކޫޑް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ މެމްބަރުން ވޯޓު ލަނީ
ހުޅަނގު އައްސޭރި އާ ގުޅުން ހުރި ގަރާރަށް އިޒްރޭލުގެ ލިކޫޑް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ މެމްބަރުން ވޯޓު ލަނީ
ރޮއިޓަރސް
އިސްރާއީލް ފަލަސްތީނު މައްސަލަ
މުސްލިމުން ރުޅިއެރުވުމުގެ އިތުރު ފިޔަވަޅަކަށް އިޒްރޭލުން ތައްޔާރުވެއްޖެ
ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކޮށްފައިވާ ސަރަހައްދަކީ އިޒްރޭލުގެ އިސްތިގްލާލް ހިނގާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ގޮވާލާ ގަރާރު ފާސްކޮށްފައިވަނީ ވެރިކަން ކުރާ ޕާޓީއިން
ލިކޫޑް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމަށް ބޮޑުވަޒީީރު ނަތަންޔާހޫ ހާޒިރުވެވަޑައިގެންފައެއްނުވޭ

ފަލަސްތީނުގެ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަތުމަށް ނިންމުމާއި ގުޅިގެން ފަލަސްތީނުގައި އިންތިފާޟާ އެއް ފެށިފައިވަނިކޮށް، އަނެއްކާވެސް މުސްލިމުން ރުޅިއެރުވުމުގެ އިތުރު ފިޔަވަޅަކަށް އިޒްރޭލުން ތައްޔާރުވެއްޖެ އެވެ.

އިޒްރޭލުގައި ވެރިކަން ކުރާ ލުކޫޑް ޕާޓީއިން ވަނީ، އިޒްރޭލުން ހިޞާރުކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް، އިޒްރޭލުގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ހަމަޖެއްސުމަށް އެގައުމުގެ ވެރިންނަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ.

އިޒްރޭލުން ހިޞާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއްގައި ގަވާއިދާއި ޚިލާފަށް ޔަހޫދީން އާބާދު ކޮށްފައިވާއިރު، އެސަރަހައްދުތަކަކީ އިޒްރޭލުގެ އިސްތިގްލާލް ހިނގާ ސަރަހައްދުތަކެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅުމަށް ގޮވާލާ ގަރާރު ފާސްކޮށްފައި ވަނީ ވެރިކަން ކުރާ ލިކޫޑް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމެއްގައެވެ.

މިގަރާރަކީ އިޒްރޭލުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް އޭގެ މައްޗަށް އަމަލުކުރަން ލާޒިމް ގަރާރަކަށް ނުވި ނަމަވެސް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕާޓީގެ ތެރޭގައި ސިޔާސީ ގޮތުން ބާރުވެރި ނިންމުމަކަށް މިގަރާރު ވެގެންދާނެ އެވެ.

ހުޅަނގު އައްސޭރިއާއި ގުޅޭ ގަރާރު ފާސް ކުރުމަށް ބޭއްވި ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމުގައި ބޮޑުވަޒީރު ނަތަންޔާހޫ ބައިވެރިވެވަޑައިގެންފައެއްނުވެއެވެ.

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ އަރަބި މެމްބަރުންނާއި ހަވާލާދީ އަލްޖަޒީރާ އިން ބުނީ، ލިކޫޑް ޕާޓީގެ ސެންޓްރަލް ކޮމިޓީއިން ފާސްކުރި ގަރާރު އޮތް ގޮތަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހައިފިނަމަ، އެއީ ފަލަސްތީނާއި އިޒްރޭލުގެ ޞުލްޙައިގެ މަސައްކަތްތައް ނިމުމަކަށް އައުމުގެ ސިގްނަލެއް ކަމަށެވެ.

ހުޅަނގު އައްސޭރީގައި ވެރިވެގެންފައިވާ ބިންތަކުގައި، ބައިނަލްއަގްވާމީ ގާނޫނުތަކާއި ޚިލާފަށް ގާއިމްކޮށްފައިވާ ޔަހޫދީ އާބާދީތަކުގެ މައްސަލައަކީ، ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމް ކުރުމުގެ މަސައްކަތަށް އޮތް އެންމެ ބޮޑު ހުރަހެވެ.

ހުޅަނގު އައްސޭރި އާ ގަރާރެއް ލިކޫޑް ޕާޓީގެ ސެންޓްރަލް ކޮމިޓީން ފާސްކޮށްފައިވަނީ، ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަތުމާއި ގުޅިގެން ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ނިންމުން މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވުމާއި ގުޅިގެން އިޒްރޭލުން ވެރިވެގެންފައިވާ ބިންތަކުގައި ފަލަސްތީނުގެ ރައްޔިތުން ދަނީ އިހްތިޖާޖް ކުރަމުންނެވެ. މީގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މުސްލިމުން ދަނީ އެމެރިކާގެ ނިންމުމާއި ދެކޮޅަށް އިހްތިޖާޖް ކޮށްފައެވެ.

- ކޮމެންޓް