ބޮލީވުޑްގެ ކިންގްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ޝާހުރުކް ޚާން ސިނގިރެޓް ބުއިން ހުއްޓާލުމަށް މަސައްކަތް ކުރާތާ ވަނީ އެތައް ދުވަހެއް ވެފައެވެ.
އެހެން ނަމަވެސް އެކަން އޭނާއަށް ވަނީ ދަތި ކަމަކަށް ވެފައެވެ.
ޝާހުރުކް ޚާން މިވަނީ އަނެއްކާ ވެސް ސިނގިރެޓް ބުއިމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. ޝާހުރުކް ޚާން ބުނީ އޭނާއަށް ސިނގިރެޓް ބުއިން އެއްކޮށް ހުއްޓާނުލެވުނު ކަމުގައި ވިއަސް މިހާރު އޭނާއަށް އެކަން ކޮންމެ ވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
ޝާހުރުކް ޚާން ވަނީ އޭނާއަށް ސިނގިރެޓް ބުއިން މަދުކުރެވުނު ސަބަބު ކިޔާދީފައެވެ. އޭނާ ބުނީ މިވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާ އަށް ނުބެލި ހުރި ފިލްމުތައް ބެލުމަށް ވަރަށް ބޮޑު އިސްކަމެއް ދެވުނު ކަމަށެވެ. އެ ފިލްމުތައް ބެލުމުގައި އޭނާ ބިޒީ ވެލުމުން އޭނާއަށްވީ ސިނގިރެޓް ކޮންޓްރޯލް ކުރުމަށް ލިބުނު އެހީއެއް ކަމަށެވެ.
ޝާހުރުކްޚާން މިހާރު ޝޫޓްކުރަމުން ދަނީ އަނަންދް އެލް ރާއިގެ ފިލްމެކެވެ. އެ ފިލްމުގައި އޭނާއާއި އެކު ފެނިގެން ދާނީ ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރުމާއެވެ.
މީގެ އިތުރުން ޝާހުރުކް ޚާން ލީޑް ރޯލުން ފެނިގެންދާ "ޑޮން" ފްރަންޗައިޒްގެ ތިންވަނަ ފިލްމު "ޑޮން 3" ގެ ޝޫޓިން މިއަހަރު ފަށާނެއެވެ. "ޑޮން" ފްރަންޗައިޒް ފިލްމު އުފައްދާ ޕްރޮޑަކްޝަން ކޮންޕެނީ އެކްސެލް އެންޓަޓައިންމަންޓުން މި ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އިއުލާން ކުރާނެ ކަމަށް މިފިލްމުގެ ޑައިރެކްޓަރ ރިތޭޝް ސިދުވާނީ ވަނީ ބުނެފައެވެ.