އެޓްލެޓިކޯ މެޑްރިޑްގެ ކުޅުންތެރިޔެއްގެ ގޮތުގައި ސްޕެއިންގެ އިތުބާރު ފޯވާޑް ޑިއޭގޯ ކޮސްޓާ ދައްކާލައިފިއެވެ.
ފާއިތުވެދިޔަ ތިން ސީޒަނުގައި ވެސް ޗެލްސީގެ ފޯވާޑު ލައިން ބެލެހެއްޓި ކޮސްޓާ އެ ޓީމު ދޫކޮށްލީ 66 މިލިއަން ޔޫރޯގެ ފީއަކަށެވެ. އޭނާ ޗެލްސީ ދޫކޮށްލީ އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ޕްލޭންތަކުގައި އޭނާ ނުހިމެނޭ ކަމަށް އެންގުމާއި ގުޅިގެންނެވެ. ކޮސްޓާގެ ބަދަލުގައި ޗެލްސީގެ ފޯވާޑް ލައިން މި ސީޒަނުގައި ބަލަހައްޓަމުން އަންނަނީ ހުނަރުވެރި ފޯވާޑް އަލްވާރޯ މޮރާޓާއެވެ.
ޗެލްސީއަށް ކުޅެން ދެކޮޅު ހެދުމުގެ ގޮތުން އޭނާގެ ފިޓްނެސް އެއްވަރެއްގައި ހިފެހެއްޓުމުގެ ގޮތުން އޭނާވަނީ ބްރެޒިލްގައި އަމިއްލައަށް ފަރިތަކުރުންތަކެއް ކުރިޔަށް ގެންގޮސްފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮސްޓާ ޗެލްސީ ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވާން އެއްބަސްވި ނަމަވެސް ފީފާއިން އެޓްލެޓިކޯއަށް ދީފައިވާ އަދަބުގެ ސަބަބުން އޭނާއަށް އެ ޓީމަ ކުޅެވިފައެއް ނުވެއެވެ. ފީފާއިން އެޓްލެޓިކޯ ސަސްޕެންޑުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުޅުންތެރިން އެ ޓީމަށް ގެނައުމުގައި ގަވާއިދާއި ހިލާފަށް އަމަލުކޮށްފައި ވުމާއި ގުޅިގެންނެވެ.
އެހެން ނަމަވެސް ފީފާގެ ސަސްޕެންޝަން ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހަށް ހަމަވުމާއެކު އެޓްލެޓިކޯއިން ވަނީ އެ ކްލަބުގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ރަސްމީކޮށް ދައްކާލާފައެވެ. ކޮސްޓާ އެޓްލެޓިކޯގައި ބޭނުންކުރާނީ 18 ނަމްބަރު ޖާޒީއެވެ. ކޮސްޓާގެ އިތުރުން އެ ޓީމުން ވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ސެވިއްޔާ ދޫކޮށް އެ ޓީމާއި ގުޅުނު މިޑްފީލްޑަރު ވިޓޯލޯ ވެސް ދައްކާލާފައެވެ.
އެޓްލެޓިކޯގެ ޖާޒީގައި ފެނިލުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޮސްޓާ ބުނެފައިވަނީ ވާދަވެރި މެޗެއްގައި ކުޅެން ކެތްމަދުވެފައި ހުރި ކަމަށާއި ވަރަށް ގިނަ ދުވަހު ވަރަށް ބުރަކޮށް މަސައްކަތް ކުރުމަށް ފަހު ކްލަބާއި ގުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ. އަދި ޓީމަށް އެހީތެރި ވެދިނުމަށް ތައްޔާރަށް ހުރި ކަމަށާއި ލަނޑު ޖަހާނެ ކަމުގެ ފުރިހަމަ ޔަގީންކަން ކޮސްޓާ ވަނީ ދީފައެވެ.
ކޮސްޓާ ބުނެފައިވަނީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެހެން ނަމަވެސް ދެން އަލުން އަނބުރާ ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގައި ނުފެންނާނެ ކަމަށެވެ.
އެޓްލިޓިކޯގެ ކުޅުންތެރިޔެއްގެ ގޮތުގައި ކޮސްޓާ ދައްކާލާފައިވާއިރު އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެ ޓީމު ދޫކޮށްލަން އުޅޭ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އެޓްލެޓިކޯ މިވަގުތު އޮތީ ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް ބާސާއަށް ވުރެ ނުވަ ޕޮއިންޓް މަދުން ލިބި ތާވަލުގެ ދެވަނައިގައެވެ.
މިއީ ކޮސްޓާ އެޓްލެޓިކޯއަށް ކުޅޭ ދެވަނަ ފަހަރަށްވާއިރު އޭނާ އެ ޓީމު ދޫކޮށް 2014 ވަނަ އަހަރު ޗެލްސީއަށް ބަދަލުވީ 38 މިލިއަން ޔޫރޯއަށެވެ. ޗެލްސީއަށް ކުޅުނު 120 މެޗުގައި އޭނާ 59 ލަނޑު ޖަހައިދިން އިރު އޭނާވަނީ ޗެލްސީއާއެކު ދެ ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕެއް ކާމިޔާބު ކޮށްފައެވެ.
އެޓްލެޓިކޯގެ ޖާޒީގައި އޭނާ މި ސީޒަނުގައި ކުޅޭ އެންމެ ފުރަތަމަ މެޗު ވެގެންދާނީ ލަލީގާގައި އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ގެޓާފޭއާ ދެކޮޅަށް އެ ޓީމު ކުޅޭ މެޗެވެ.