ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 00:21
2018އަށް އެންމެ ފުރަތަމަ މަރުޙަބާ ކީ އެއް ސިޓިއަކީ ސިޑްނީ
2018އަށް އެންމެ ފުރަތަމަ މަރުޙަބާ ކީ އެއް ސިޓިއަކީ ސިޑްނީ
އިންޑިޕެންޑެންޓް
2018 އަށް މަރުހަބާ ކިޔުން
އިރުމަތީ ބިތުގެ ޤައުމުތަކުން 2018 އަށް މަރުހަބާ ކިޔައިފި
ސިޑްނީގެ އާ އަހަރުގެ ބަޑިބޭހުގެ ކުޅިވަރުތައް ބަލަން މިލިއަނަކަށްވުރެ ގިނަ މީހުން ޖަމާވި
އެމެރިކަން ސަމޯއާއިން 2018އަށް މަރުހަބާ ކިޔާނީ ރާއްޖެ ގަޑިން ޖެނުއަރީ 1ވަނަ ދުވަހުގެ ހަވީރު 4:00ގައި

ދުނިޔޭގެ އިރުމަތީ ބިތުގައި ހުރި ޤައުމުތަކުން 2017ވަނަ އަހަރަށް އަލްވަދާޢު ކިޔައި، 2018ވަނަ އަހަރަށް މަރުޙަބާ ކިޔައިފިއެވެ.

2018ވަނަ އަހަރަށް އެންމެ ފުރަތަމަ މަރުޙަބާ ކިޔާފައިވަނީ ޕެސިފިކްގެ ޖަޒީރާ ޤައުމުތައް ކަމަށްވާ، ކިރިބަތީ، ކްރިސްމަސް އައިލެންޑްސް، ޓޮންގާ އަދި ސަމޯއާ އަށެވެ.

އެންމެ ފުރަތަމަ 2018އަށް މަރުހަބާ ކިޔާފައިވާ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް ހިމެނެއެވެ. ރާއްޖެ ގަޑިން ޑިސެމްބަރު 31ވަނަ ދުވަހު ހަވީރު 4:00ގައި ނިއުޒިލޭންޑުން 2018އަށް މަރުހަބާ ކީއިރު، ރާއްޖެ ގަޑިން 6:00 ޖެހި އިރު އޮސްޓްރޭލިއާގެ ސިޑްނީގައި 2018 އިގެ ފެށުން ވަނީ ފާހަގަކޮށްފައެވެ. ޖަޕާނުގެ ވެރިރަށް ޓޯކިޔޯ ގަޑިން ރޭގަނޑު 12:00 ޖަހާފައިވަނީ ރާއްޖެ ގަޑިން ރޭގަނޑު 8:00ގައެވެ. އަދި ރާއްޖެ ގަޑިން ރޭގަނޑު 9:00ގައި ޗައިނާގެ ވެރިރަށް ބެއިޖިންގ އަދި ހޮންކޮންގގައި އާ އަހަރު ފެށުން ފާހަގަކުރިއެވެ.

ނިއުޒިލޭންޑްގެ އޮކްލަންޑްގައި ހަވާގެ ކުޅިވަރުތަކާއިއެކު އާ އަަހަރު ފެށުން ފާހަގަކުރިއިރު، އޮސްޓްރޭލިއާގެ ސިޑްނީގައި ހަވާ އެރުވުމާއިއެކު އާ އަހަރު ފާހަގަކުރުމަށް ސިޑްނީ އޮޮޕެރާ ހައުސް އަދި ބްރިޖް ހިމެނޭ ސަރަހައްދަށް މިލިއަނަށްވުރެ ގިނަ މީހުން އެއްވިއެވެ.

 

ނިއުޒިލޭންޑްގެ އޮކްލެންޑްގައި އާ އަހަރު ފާހަގަކުރަނީ
ސިޑްނީ ބްރިޖްގައި އާ އަހަރު ފާހަގަކުރަން ހަވާ އަރުވަނީ

އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގްގައިވެސް ކުލަ ގަދަކޮށް 2018 ފެށުން ފާހަގަކޮށްފައިވެއެވެ. ބައެއް ނޫސްވެރިން ބުނާ ގޮތުގައި ޖަޕާނުގެ ޓޯކިޔޯގައި އޮތް ބަޑިބޭހުގެ ކުޅިވަރުތަކަށްވުރެ ޕިޔޮންގްޔަންގްގައި އޮތް ކުޅިވަރުތައް ފުރިހަމައެވެ. އުތުރު ކޮރެއާ އޮންނަނީ ޖަޕާނާއި ދެކުނު ކޮރެއާ އާއި އެއް ޓައިމް ޒޯނެއްގައި ނަަމަވެސް އެޤައުމުން ވަނީ 2015 ވަނަ އަހަރު އެޤައުމުގެ ގަޑި ޖަޕާނާއި ދެކުނު ކޮރެއާގެ ގަޑިއަށްވުރެ 30 މިނެޓް އަވަސްކޮށްފައެވެ. އެހެން ކަމުން އެޤައުމަށް އާ އަހަރު އައިސްފައިވަނީ އެދެޤައުމަށްވުރެ ބައިގަޑިއިރު ކުރިންނެވެ.

 

އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގްގައި އާ އަހަރު ފާހަގަކުރަން ހަވާ އަރުވަނީ

 އޭޝިއާގެ އެހެން ޤައުމުތަކަށްވުރެ ކުލަ ގަދަކޮށް ކޮންމެ އަހަރަކުވެސް އާ އަހަރު ފާހަގަކުރާ ހޮންގްކޮންގްއިން މިއަހަރުވެސް އާ އަހަރު ފާހަގަކޮށްފައިވަނީ ވަރަށް ކުލަގަދަކޮށެވެ. އެގޮތުން 10 މިނެޓް ވަންދެން ހުއްޓުމެއް ނެތި ހޮންގްކޮންގްގެ ވިކްޓޯރިއާ ހާބަރގައި ހަވާ އަރުވާފައިވެއެވެ.

ހޮންގްކޮންގްގެ ވިކްޓޯރިއާ ހާބަރގައި ހަވާ އަރުވަނީ

ތައިލެންްޑްގެ ވެރިރަށް ބެންކޮކްގައިވެސް ބަޑިބޭހުގެ ކުޅިވަރުތައް އެޤައުމުގެ ސަރުކާރުން މަނާކޮށްފައި އޮތުމަށްފަހު އާ އަހަރާއި ދިމާކޮށް ބަޑިބޭސް ބޭނުންކުރުމުގެ ވަގުތީ ހުއްދައެއް ދިނުމާއި ގުޅިގެން ކުލަގަދަކޮށް އާ އަހަރު ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި އާ އަހަރު ފާހަގަކުރުން މާދަމާގެ ނިޔަލަށް ކުރިއަށްދާއިރު، ޤައުމުތަކައި ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ދީފާނެ ޓެރަރިސްޓް ޙަމަލާއަކަށް ތައްޔާރުވެފައިވާއިރު، އަލިފާނުގެ ޙާދިސާއެއް ފަދަ ޙާދިސާއެއް ހިނގާފާނެކަމަށްވެސް ގިނަ ސިޓީތައް އޮތީ ތައްޔާރީ ޙާލަތުގައެވެ.

 

ހޮންގްކޮންގްގެ ވިކްޓޯރިއާ ހާބަރގައި ހަވާ އަރުވާއިރު އެޤައުމުގެ ރައްޔިތުން ފޮޓޯ ނަގައި، ސެލްފީ ނަގަނީ

އެންމެ ފަހުން އާ އަހަރު އަންނާނީވެސް ޕެސިފިކް ކަނޑުގެ ޖަޒީރާ ޤައުމުތަކަށެވެ. އެގޮތުން ޕެސިފިކްގެ އިރުމަތީ ބިތުގެ ޤައުމުތަކަށް އާ އަހަރު އަންނާނީ ހޯމަ ދުވަހުއެވެ. އެންމެ ފަހުން އާ އަހަރު އަންނަ ޤައުމަކަށްވާނީ ޕެސިފިކްގައި އޮންނަ އެމެރިކާގެ ރަށެއް ކަމަށްވާ އެމެރިކަން ސަމޯއާއަށެވެ. އެމެރިކަން ސަމޯއަށް އާ އަހަރު އަންނާނީ ރާއްޖެ ގަޑިން ޖެނުއަރީ 1 ވަނަ ދުވަހުގެ ހަވީރު 4:00ގައެވެ.

- ކޮމެންޓް