ކ. މާލެ
|
31 ޑިސެންބަރ 2017 | އާދީއްތަ 17:25
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އޭޕީ
2017 ރިވިއު
2017 ވަނަ އަހަރު އެންމެ ފާހަގަ ކުރެވުނު 10 ސުރުޚީ
2017 ވަނަ އަހަރަކީވެސް ހައިރާން ކުރަނިވި އެތައް ހާދިސާ އެއް ހިނގި އަހަރެއް

2017 ވަނަ އަހަރަށް އަލްވަދާއު ކިޔާ އިރު، އެތައް އެތައް ކަމެއް އަހަރުގެ ތެރޭގައި ބައިނަލް އަގްވާމީ މައިދާނުގައި ވަނީ ހިނގާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ކަމަށް ފެންނަ 10 ކަމަކަށް ބަލާލާނަމެވެ.

  1. "މޭކް އެމެރިކާ ގްރޭޓް އެގެއިން" ޝިއާރުގެ ދަށުން ކެމްޕޭން ކުރައްވާ، އެމެރިކާގެ މަހުޖަނު ޑޮނަލްޑް ޓްރަމްޕް، އުމުރުފުޅުން 70 އަހަރުގައި އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަތެވެ.
  2. ގަލްފްގެ ނަގާ ކިޔާ ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާ އާއި، ޔުނައިޓެޑް އެރަބް އެމިރޭޓްސް، ބަހުރެއިން އަދި މިސްރު ގުޅިގެން ދިވެހި ރާއްޖެ ވެސް ހިމެނޭ ގޮތުން ކޯލިޝަން އެއް އުފައްދާ ގަތަރާ އެކު އޮންނަ ގުޅުން ކަނޑާލިއެވެ. އެއާއެކު ފަހުގެ ތާރީޚެއްގައި މެދުއިރުމަތީގައި އުފެދުނު އެންމެ ބޮޑު ނުތަނަވަސްކަން އުފެދިގެން ދިޔައެވެ. ގަތަރާއެކު އޮންނަ ގުޅުން ކަނޑާލާ ގަތަރު އެކަހެރި ކުރުމަށް ދެއްކި ބަހަނާ އަކީ އެއީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއް ކަމަށް ބުނެއެވެ.
  3. ޖެރުސަލަމް އަކީ އިޒްރޭލްގެ ވެރިރަށް ކަމުގައި އެމެރިކާގެ ރައީސް އިއުލާން ކުރެއްވިއެވެ. އަދި އިޒްރޭލްގައި ހުންނަ އެމެރިކާގެ އެމްބަސީ ޖެރޫސަލަމް އަށް ބަދަލު ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު ނުރުހުން ފާޅު ކުރުމަށް މަގުތަކަށް ނުކުތެވެ. އދ. ގެ އާއްމު މަޖިލީހުގެ ބައްދަލުވުމެއް ބާއްވާ، އެމެރިކާގެ ރައީސްގެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ފާސް ކުރިއެވެ.
  4. އިރާގާއި ސީރިއާގައި، އިސްލާމިކް ސްޓޭޓްގެ ނަމުގައި ވަކި ދައުލަތެއް އިއުލާން ކޮށްގެން އުޅުނު ޓެރަރިސްޓް ޖަމާއަތް އެ ދެގައުމުން ބަލިކޮށް ނައްތާލެވިއްޖެ ކަމަށް އިއުލާން ކުރެވުނެވެ. އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ސީރިއާގެ ރައްގާ އިން އައިސިސް ބޭރު ކޮށްލެވިއްޖެ ކަމަށް އިއުލާން ކުރި އިރު، ޑިސެމްބަރު 9 ވަނަ ދުވަހު ބަގްދާދް އިން އައިސިސް ފައްސާލެވިއްޖެ ކަމަށް އިރާގުން އިއުލާން ކުރިއެވެ.
  5. އުތުރު ކޮރެއާ އިން ކުރަމުންދާ ނިއުކްލިއަރ ޓެސްޓް ތަކުގެ ތެރެއިން އެންމެ ބާރުގަދަ ޓެސްޓް އަދި ފަހުގެ ތާރީޚުގައި އެގައުމުން ކުރި 6 ވަނަ ނިއުކްލިއަރ ޓެސްޓް ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ކުރިއެވެ.
  6. އުމުރުފުޅުން އެންމެ 39 އަހަރުގައި ފަރަންސޭސި ވިލާތުގެ ރައީސް ކަމަށް އެމަނުއެލް މެކަރޯން އިންތިޚާބުވެ ވަޑައިގަތެވެ. އެމަނިކުފާނު ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވީ އޭގެ އަހަރެއްހާ ދުވަސް ކުރިން އުފެދުނު ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައެވެ.
  7. ރޮހިންޖާ ދަރިކޮޅުގެ މީހުން ނައްތާލުމަށް މިޔަންމާގައި އަނިޔާވެރި ކެމްޕޭނެއް ފެށުމުގެ ނަތީޖާއެއްގެ ގޮތުން ހަ ލައްކަ އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ގައުމު ދޫކޮށް އަވައްޓެރި ބަންގްލަދޭޝް އަށް ހިޖްރަ ކުރިއެވެ.
  8. އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ސްޕޭންގެ ކިބައިން މިނިވަންވުމަށް ފެންނަ ނުފެންނަ ވޯޓެއް ކެޓަލޯނިއާގައި ނެގިއެވެ. ނަމަވެސް އެ ވޯޓަށް ސްޕެއިންގެ ފުލުހުން ހުރަސް އަޅާ އަދި އެންމެ ފަހުން އެއީ ބާތިލް އިންތިޚާބެއް ކަމަށް ސްޕެއިންގެ ކޯޓުން ހުކުމް ކުރިއެވެ.
  9. ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރ ހާވީ ވެއިންސްޓެއިންގެ މައްޗަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ހޮލީވުޑްގެ އެތައް މަޝްހޫރު ތަރިންނެއް ކުރިއެވެ. އޮކްޓޯބަރު މަހުގެ ތެރޭގައި ފެންމަތިވި މިހާދިސާއާ އެކު މުޅި ހޮލީވުޑަށް ސިހުން ގެނުވިއެވެ.
  10. ޒިމްބާބުވޭގެ ވެރިކަމުގައި ހުންނެވި ރޮބަޓް މުގާބޭ، އެގައުމުގެ ސިފައިން ނުކުމެ ވެރިކަމުން ދުރުކުރިއެވެ. އުމުރުފުޅުން 93 އަހަރުގެ މުގާބޭ ވެރިކަމުން ދުރުކުރި އިރު އެ ގައުމުގެ ވެރިކަން 37 އަހަރު އޭނާ ވަނީ ކުރައްވާފައެވެ. މުގާބޭ ވެރިކަމުން ދުރުކުރުމަށް ފަހު ޒިމްބާބުވޭގެ ވެރިކަމަށް ގެނައީ، މުގާބޭގެ ނައިބު ރައީސް ކަމުގައި ހުންނަވަނިކޮށް މަގާމުން ކުއްލި ގޮތަކަށް ދުރު ކުރެއްވި އެމަރސަން މުނަންގަގްވާ އެވެ.
Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް