ސަރުކާރާ ދެކޮޅަށް އީރާނުގައި ކުރިއަށް ދާ މުޒާހަރާގައި މިހާތަނަށް މަދުވެގެން ދެ މީހުން މަރުވެއްޖެ ކަމަށް އީރާނުގެ ދަ މެހްރު ނިއުސް އޭޖެންސީން ބުނެފިއެވެ.
އާދިއްތަ ދުވަހު ހާމަ ކުރި މި ޚަބަރުގައި ބުނެފައިވަނީ، ހޮނިހިރު ދުވަހުގެ ރޭ ދެ މީހުން މަރުވީ އީރާނުގެ ދެކުނުކުގެ ސިޓީއެއް ކަމުގައިވާ ދޯރުދް ގައި ކަމަށެވެ.
މި ދެ މަރާ ގުޅޭ ގޮތުން އިރާނުގެ އޮފިޝަލަކު ވިދާޅުވީ، ސަލާމަތީ ބާރުތަކުން މުޒާހަރާ ކުރާ މީހުންނަށް އަމާޒު ކޮށް ބަޑިޖަހާ ފައި ނުވާނެ ކަމަށެވެ. އަދި މިއީ މުޒާހަރާ ކުރާ މީހުންގެ ތެރޭގައި ތިބި ހަމަނުޖެހުން ހިންގާ މީހުންގެ ސަބަބުން ހިނގި ކަމެއް ކަމުގައެވެ.
މުޒާހަރާގައި ދެމީހުން މަރުވުމާ ގުޅިގެން އީރާނުގެ އިންޓީރިއާ މިނިސްޓަރ އަބްދުއް ރަހްމާން ފަޒްލީ ވަނީ ހަމަ ނުޖެހުން ހިންގާ މީހުންނަށް އަމާޒު ކުރައްވާ އިންޒާރު ދެއްވާފައެވެ.
"ދައުލަތުގެ ތަންތަނަށް ގެއްލުން ދީ އާއްމު މަސްލަހަތު ނަގާލާ، ގާނޫނާ ގަވައިދު މުގުރާ ފަރާތްތަކުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ. އަދި އެކަމުގެ އަގު އަދާ ކުރަން ޖެހޭނެ" ޓީވީ މެދުވެރި ކުރައްވާ އަބްދުއް ރަހްމާން އާދިއްތަ ދުވަހު ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
އީރާނުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށުނީ ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު މައްޝަދު ގައެވެ.
މުޒާހަރާ ކުރާ މީހުންގެ މައިގަނޑު ޝަކުވާ އަކީ ތަކެތީގެ އަގު އުފުލެމުން ދިއުމެވެ.
މުޒާހަރާ މިހާރު ވަނީ އީރާނުގެ އިތުރު ސިޓީތަކަށް ފެތުރިފައެވެ. ބުނެވޭ ގޮތުގައި މިއީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އީރާނުގައި ހިނގާ ސަރުކާރާ ދެކޮޅު އެންމެ ބޮޑު މުޒާހަރާ އެވެ.
ސަރުކާރާ ދެކޮޅަށް ކުރިއަށްދާ ހަމަނުޖެހުން ތަކުގައި ވެރިރަށް ތެހެރާނުގައި ކިޔަވާ ކުދިންނާ ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުން ތަކެއް ހިނގާފައެވެ.
ސަރުކާރާ ދެކޮޅު މުޒާހަރާތައް އީރާނުގެ އެކި ސިޓީތަކުގައި ކުރިއަށް ދާ އިރު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހޮނިހިރު ދުވަހު އެއްވުމެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެ އެއްވުމުގެ ބައިވެރިންވަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއީގެ ފޮޓޯފުޅާއި އީރާނުގެ ދިދަ އުފުލާފައިވެއެވެ.