ކ. މާލެ
|
31 ޑިސެންބަރ 2017 | އާދީއްތަ 12:23
ކޮލެރާ އަކީ ފަސޭހަކަމާއެކު ފަރުވާ ކުރެވޭ ބައްޔެއް ނަމަވެސް، ފަރުވާ ލަސްވެއްޖެނަމަ ފުރާނައަށް ނުރައްކާވޭ
ކޮލެރާ އަކީ ފަސޭހަކަމާއެކު ފަރުވާ ކުރެވޭ ބައްޔެއް ނަމަވެސް، ފަރުވާ ލަސްވެއްޖެނަމަ ފުރާނައަށް ނުރައްކާވޭ
ރޮއިޓަރސް
ކޮލެރާގެ ބަލިމަޑުކަން
ކޮލެރާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޒެމްބިއާގެ ސަލާމަތީ ބާރުތަކުން ނިކުމެއްޖެ
ކޮލެރާގެ ބަލިމަޑުކަމުގެ ސަބަބުން ވެރިރަށް ލުސާކާގައި އެކަނިވެސް 41 މީހަކު މަރުވެފައިވޭ
ޒެމްބިއާގައި ކޮލެރާ ފެތުރެން ފަށާފައިވަނީ ސެޕްޓެމްބަރު މަހު
ކޮލެރާ ފެތުރުން ހުއްޓުވުމަށް އަސްކަރިއްޔާގެ ފައުޖުތަކުން ވަނީ މަސައްކަތް ފަށާފަ

ޒެމްބިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮލެރާގެ ބަލިމަޑުކަމާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ނިކުމެއްޖެ އެވެ.

ޒެމްބިއާގެ ރައީސް އެޑްގާ ލުންގޫގެ އަމުރުފުޅަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ކޮލެރާގެ ބަލިމަޑުކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ނިކުމެފައިވަނީ، ބަލިމަޑުކަމުގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް އިތުރުވަމުންދާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮލެރާގެ ސަބަބުން ޒެމްބިއާގެ ވެރިރަށް ލުސާކާގައި އެކަނިވެސް 41 މީހަކު މަރުވެފައިވާއިރު، ސެޕްޓެމްބަރު މަހު ފެތުރެން ފެށުނު ކޮލެރާގެ ބަލިމަޑުކަމުގެ އަސަރު 1500 އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވެއެވެ.

ފޭސްބުކް މެދުވެރިކޮށް ހުކުރު ދުވަހުގެރޭ އާއްމު ކުރެއްވި ޕޯސްޓެއްގައި ރައީސް ލުންގޫ ވިދާޅުވީ، ކޮލެރާ ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގެ ދިފާއީ ބާރަށް ނިސްބަތްވާ ހުރިހާ ފައުޖުތައް ނެރެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވެރިރަށް ލުސާކާގައި ކޮންމެ ދުވަހަކު އިތުރު 60 މީހުންނަށް ކޮލެރާ ފެތުރެމުންދާ ކަމަށާއި، މިބަލިމަޑުކަމުގެ ތެރޭގައި މިހާތަނަށް 41 މީހަކު މަރުވެފައިވާތީ އެކަމާއި ހިތާމަކުރައްވާ ކަމަށެވެ.

ދުނިޔޭގެ ސިއްހީ ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ރެކޯޑްތައް ދައްކާ ގޮތުން، ލުސާކާގެ އެންމެ ބައިބޯ ދެ ސަރަހައްދުގައި ކޮލެރާގެ ބަލިމަޑުކަން ފެތުރެން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އަދި، އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިބަލިމަޑުކަމުގެ ތެރޭގައި މީހުން މަރުވާން ފަށާފައިވާ ކަމަށް ޑަބްލިއު.އެޗް.އޯ އިން ބުނެއެވެ.

ޒެމްބިއާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި ބަލިމަޑުކަން ފެތުރުނު ނިސްބަތް އާދަޔާޚިލާފަށް އިތުރުވެފައިވެއެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ހަފްތާއެއްގެ ތެރޭޣައި އެކަނިވެސް ކޮލެރާގެ 136 ކޭސް އެއް ރިޕޯޓްކޮށްފައިވެއެވެ.

ލުސާކާގައި ކޮލެރާގެ ބަލިމަޑުކަމެއް ފެށިފައިވަނީ، ފެން ތަގައްޔަރުވުމާއި، އާއްމު ސާފުތާހިރުކަން ކުޑަވުމާއި ގުޅިގެން ކަމަށް ލުންގޫ ވިދާޅުވިއެވެ. އަދި ބަލިމަޑުކަން ފުޅާވެފައިވަނީ، މަގުމަތީގައި ކާބޯތަކެތި ވިއްކާ ފަރާތްތަކާއި ބާޒާރުތަކުން ވިއްކާ ކާބޯތަކެތީގައި ކޮލެރާ ވައިރަހުގެ އަސަރު ހުރުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ލުންގޫ ވިދާޅުވީ، ކޮލެރާގެ ބަލިމަޑުކަން ބާރަށް ފެތުރެމުންދާ ސަރަހައްދުތައް ސާފުކުރުމަށް މަގުމަތީގައި ކާބޯތަކެތި ވިއްކާ ތަންތަނާއި ބާޒާރުތަކުގެ އިތުރުން އާއްމުން އެއްވެ އުޅޭ ތަންތަން ބަންދުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކޮލެރާ އަކީ ފެނުގެ ޒަރިއްޔާ އިން އުފެދޭ، ބަލިމަޑުކަމެކެވެ. މިބަލީގެ އަލާމަތްތަކުގެ ތެރޭގައި އާދަޔާޚިލާފަށް ބޭރަށް ހިންގުން ހިމެނެއެވެ. މިއީ ފަސޭހަކަމާއެކު ފަރުވާ ކުރެވޭ ބައްޔެއް ނަމަވެސް، ފަރުވާ ނެގުން ލަސްވެއްޖެނަމަ މިބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވެއެވެ.

ޑަބްލިއު.އެޗް.އޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮލެރާގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރު، ގާތްގަނޑަކަށް ލައްކަ އަކަށްވުރެ ގިނަ މީހުން މަރުވެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް