އިރާނުގެ އެކި ސިޓީތަކުގައި ސަރުކާރާ ދެކޮޅަށް މިހާރު މުޒާހަރާ ކުރެވެމުން ދާއިރު، ސަރުކާރަށް ތާއިދު އޮތްކަން ހާމަކުރުމުގެ ގޮތުން ހޮނިހިރު ދުވަހު މުޒާހަރާއެއް ބާއްވައިފިއެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ވެރިރަށް ތެހެރާނުގައި ދެހާހެއްހާ ރައްޔިތުން ވަނީ ސަރުކާރުގެ ޕޮލިސީތަކަށް ތާއިދުކޮށް އަޑުއުފުލާފައެވެ. އިރާނުގެ ދައުލަތުގެ މީޑިއާތަކުން ވަނީ ސަރުކާރަށް ތާއިދު އޮތްކަން ހާމަކުރުމުގެ ގޮތުން ބޭއްވި އެއްވުމުގެ މަންޒަރުތައް ދައްކާފައެވެ.
އިރާނުގެ އެކި ސިޓީތަކުގައި ސަރުކާރާ ދެކޮޅަށް މިހާރު ކުރެވެމުންދާ މުޒާހަރާތަކަކީ "ގާނޫނާ ހިލާފު އެއްވުންތަކެއް ކަމަށާއި" އެފަދަ މުޒާހަރާތަކުގައި ބައިވެރިނުވުމަށް އިރާނުގެ ސަރުކާރުން ވަނީ ގޮވާލާފައެވެ.
ބުރާސްފަތި ދުވަހު މުޒާހަރާތައް ކުރަން ފަށާފައި ވަނީ ގައުމުގެ ކޮރަޕްޝަނުގެ ހާލަތާ ގުޅިގެންނާއި އަދި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ. މުޒާހަރާތަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯތުތައް ބުނާއިރު ހައްޔަރު ކުރީ ކިހާ އަދަދެއްގެ ބައެއް ކަމެއް އަދި ނޭނގެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ގައުމުގެ އެކި ސިޓީތަކުގައި ކުރަން ފެށި މުޒާހަރާތައް ހުއްޓުމެއް ނެތި ވެރިރަށް ތެހެރާނާއި އެހެނިހެން ވެސް ސިޓީތަކަށް ވަނީ ފެތުރިފައެވެ.
އިރާނުގެ އެކި ސިޓީތަކުގައި ސަރުކާރާ ދެކޮޅަށް މިހާރު ކުރެވެމުންދާ މުޒާހަރާތައް "ދުނިޔެ އިން ބަލަމުންދާ ކަމަށް" ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނުގެ ސަރުކާރަށް އިންޒާރު ދެއްވާފައެވެ. ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ "ޚުދުމުޚުތާރު ސަރުކާރާ މެދު ހިތްހަމަނުޖެހިގެން އަދި ސަރުކާރުގެ ކޮރަޕްޝަނާ މެދު ހިތްހަމަ ނުޖެހިގެން އިރާނުގެ ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކުގެ ރިޕޯޓުތައް ލިބިވަޑައިގެންފައިވާ" ކަމަށެވެ. އަދި އިރާނުގެ ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ ހައްގަށް އެގައުމުގެ ސަރުކާރުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި "ދުނިޔެއިން ވަރަށް ގާތުން އިރާނުގެ ހާލަތު ބަލަމުންދާ" ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.