ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 22:30
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ގޫގުލް
އިރާން-އެމެރިކާ
އިރާނުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތައް "ދުނިޔެއިން ބަލަމުންދާ ކަމަށް" ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
އިރާނުގެ ސަރުކާރުން ބުނެފައި ވަނީ މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ "ގާނޫނާ ހިލާފު އެއްވުންތަކެއް ކަމަށް"

އިރާނުގެ އެކި ސިޓީތަކުގައި ސަރުކާރާ ދެކޮޅަށް މިހާރު ކުރެވެމުންދާ މުޒާހަރާތައް "ދުނިޔެ އިން ބަލަމުންދާ ކަމަށް" ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނުގެ ސަރުކާރަށް އިންޒާރު ދެއްވައިފިއެވެ.

ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ "ޚުދުމުޚުތާރު ސަރުކާރާ މެދު ހިތްހަމަނުޖެހިގެން އަދި ސަރުކާރުގެ ކޮރަޕްޝަނާ މެދު ހިތްހަމަ ނުޖެހިގެން އިރާނުގެ ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކުގެ ރިޕޯޓުތައް ލިބިވަޑައިގެންފައިވާ" ކަމަށެވެ. އަދި އިރާނުގެ ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ ހައްގަށް އެގައުމުގެ ސަރުކާރުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި "ދުނިޔެއިން ވަރަށް ގާތުން އިރާނުގެ ހާލަތު ބަލަމުންދާ" ކަމަށް ވެސް ޓްރަމްޕް ވިދާާޅުވިއެވެ.

އިރާނުގެ އެކި ސިޓީތަކުގައި ސަރުކާރާ ދެކޮޅަށް މިހާރު ކުރެވެމުންދާ މުޒާހަރާތަކަކީ "ގާނޫނާ ހިލާފު އެއްވުންތަކެއް ކަމަށާއި" އެފަދަ މުޒާހަރާތަކުގައި ބައިވެރިނުވުމަށް އިރާނުގެ ސަރުކާރުން ވަނީ ގޮވާލާފައެެވެ.

ބުރާސްފަތި ދުވަހު މުޒާހަރާތައް ކުރަން ފަށާފައި ވަނީ ގައުމުގެ ކޮރަޕްޝަނުގެ ހާލަތާ ގުޅިގެންނާއި އަދި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ. މުޒާހަރާތަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯތުތައް ބުނާއިރު ހައްޔަރު ކުރީ ކިހާ އަދަދެއްގެ ބައެއް ކަމެއް އަދި ނޭނގެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ގައުމުގެ އެކި ސިޓީތަކުގައި ކުރަން ފެށި މުޒާހަރާތައް ހުއްޓުމެއް ނެތި ވެރިރަށް ތެހެރާނާއި އެހެނިހެން ވެސް ސިޓީތަކަށް ވަނީ ފެތުރިފައެވެ.

މުޒާހަރާތަކާ ބެހޭ ގޮތުން އިރާނުގެ އިންޓީރިއާ މިނިސްޓަރު އަބްދުއްރަހްމާން ރަހްމާނީ ފަޒްލީ ވަނީ މުޒާހަރާތަކުގައި އާންމުން ބައިވެރިނުވުމަށާއި ބައިވެރިނުވާން ޖެހޭ ސަބަބަކީ މުޒާހަރާތަކުގައި ބައިވެރިވާ ނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވެ އަދި ރައްޔިތުންނަށް ވެސް ދަތިތަކާ ކުރިމަތިވާނެތީ ކަމަށް ވިދާޅުވެފައެވެ.

މުޒާހަރާތައް އެންމެ ފުރަތަމަ ފަށާފައި ވަނީ އީރާނުގެ ދެވަނަ އަށް އެންމެ ބައިބޯ ސަހަރު ކަމަށްވާ އެގައުމުގެ އިރު އުތުރުގެ މަޝްހަދުގައެވެ.

- ކޮމެންޓް