ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 19:01
އިރާނުގައި ކުރެވެމުންދާ މުޒާހަރާތަކުގެ ތެރެއިން
އިރާނުގައި ކުރެވެމުންދާ މުޒާހަރާތަކުގެ ތެރެއިން
އަލްޖަޒީރާ
އިރާނުގެ މުޒާހަރާތައް
އިރާނުގައި ކުރަމުން ދާ މުޒާހަރާތަކަކީ ގާނޫނާ ހިލާފު މުޒާހަރާތަކެއް ކަމަށް ސަރުކާރުން ބުނެފި
މުޒާހަރާތައް ކުރަން ފަށާފައި ވަނީ ގައުމުގެ ކޮރަޕްޝަނުގެ ހާލަތާ ގުޅިގެންނާއި އަދި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުން

އިރާނުގެ އެކި ސިޓީތަކުގައި ސަރުކާރާ ދެކޮޅަށް މިހާރު ކުރެވެމުންދާ މުޒާހަރާތަކަކީ "ގާނޫނާ ހިލާފު އެއްވުންތަކެއް ކަމަށާއި" އެފަދަ މުޒާހަރާތަކުގައި ބައިވެރިނުވުމަށް އިރާނުގެ ސަރުކާރުން ގޮވާލައިފިއެވެ.

ބުރާސްފަތި ދުވަހު ކުރަން ފެށި މުޒާހަރާތައް ކުރަން ފަށާފައި ވަނީ ގައުމުގެ ކޮރަޕްޝަނުގެ ހާލަތާ ގުޅިގެންނާއި އަދި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ. މުޒާހަރާތަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯތުތައް ބުނާއިރު ހައްޔަރު ކުރީ ކިހާ އަދަދެއްގެ ބައެއް ކަމެއް އަދި ނޭނގެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ގައުމުގެ އެކި ސިޓީތަކުގައި ކުރަން ފެށި މުޒާހަރާތައް ހުއްޓުމެއް ނެތި ވެރިރަށް ތެހެރާނާ އަދި އެހެނިހެން ވެސް ސިޓީތަކުގައި ދަނީ ކުރިއަށެވެ.

މުޒާހަރާތަކާ ބެހޭ ގޮތުން އިރާނުގެ އިންޓީރިއާ މިނިސްޓަރު އަބްދުއްރަހްމާން ރަހްމާނީ ފަޒްލީ ވަނީ މުޒާހަރާތަކުގައި އާންމުން ބައިވެރިނުވުމަށާއި ބައިވެރިނުވާން ޖެހޭ ސަބަބަކީ މުޒާހަރާތަކުގައި ބައިވެރިވާ ނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވެ އަދި ރައްޔިތުންނަށް ވެސް ދަތިތަކާ ކުރިމަތިވާނެތީ ކަމަށް ވިދާޅުވެފައެވެ.

މުޒާހަރާތައް އެންމެ ފުރަތަމަ ފަށާފައި ވަނީ އީރާނުގެ ދެވަނަ އަށް އެންމެ ބައިބޯ ސަހަރު ކަމަށްވާ އެގައުމުގެ އިރު އުތުރުގެ މަޝްހަދުގައެވެ.

ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވުމުގެ މައްސަލާގައި ފެށި މުޒާހަރާތަށް ފުޅާވެ، ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައިވާއިރު، މުޒާހަރާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ރައީސް ހަސަން ރޫހާނީގެ އިސްތިއުފާ އަށް ވެސް ދަނީ ގޮވަމުންނެވެ. މީގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ފުލުހުންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ އީރާނުގެ ސަރުކާރުން ކުރަން ނުޖެހޭ ޚަރަދުތައް ކުރަމުންދާ ކަމަށެވެ. މުޒާހަރާގެ ބައިވެރިން މިމޭރުމުން އަޑު އުފުލާފައި ވަނީ، ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާއި، އީރާގާއި ސީރިއާ އަދި ޔަމަނުގެ ހަނގުރާމާގައި ހަރަކާތްތެރިވާ ޝިއައީންގެ ގްރޫޕްތަކާއި، ފަލަސްތީނުގެ ހަމާސް ޖަމާއަތަށް އީރާނުން ޚަރަދު ކުރާ މައްސަލައިގައެވެ.

ދުނިޔޭގެ ބާރުތަކާ އެކު އީރާނުން 2015 ވަނަ އަހަރު އެކުލަވާލި ނިއުކްލިއާ އެއްބަސްވުމާ ގުޅިގެން އެގައުމުގެ އިގްތިސާދަށް ދިރުން ލިބިގެންދާނެ ކަމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީ ކުރިން ވިދާޅުވެފައިވެއެވެ. ނިއުކްލިއާ އެއްބަސްވުމާއި އެއް ގޮތަކަށް، ބައިނަލްއަގްވާމީ މުޖުތަމައުއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލި ނަމަވެސް، އެގައުމުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް މިހާރު ވެސް ހުރީ 12.4 އިންސައްތައިގައެވެ.

- ކޮމެންޓް