ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 16:27
ކޯޓުން ބޭރުގައި ވަރިކުރުމާ ދެކޮޅަށް އިންޑިއާގައި މުޒާހަރާކުރި ބައެއް
ކޯޓުން ބޭރުގައި ވަރިކުރުމާ ދެކޮޅަށް އިންޑިއާގައި މުޒާހަރާކުރި ބައެއް
ޑީއެންއޭ އިންޑިއާ
އިންޑިއާގެ ޤާނޫނުހަދާ މަޖިލިސް
އިންޑިއާގެ މުސްލިމުން، ކޯޓުން ބޭރުގައި ވަރިކުރުން ޖިނާއީ ކުށަކަށް ހަދަނީ
މި ޤާނޫނު މިހާރު ވަނީ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއަށް ފޮނުވާފައި
ކޯޓުން ބޭރުގައި ވަރިކޮށްފި ނަމަ ތިން އަހަރުގެ ޖަލު ޙުކުމެއް، ކަފާލާތުގެ ފުރުޞަތެއް ނެތް
މުސްލިމުންގެ މެދުގައި ޤާނޫނާ މެދު ވަނީ ޚިޔާލު ތަފާތުވެފައި

އިންޑިއާގެ މުސްލިމުން، ކޯޓުން ބޭރުގައި ވަރިކުރުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ޤާނޫނެއް އެކުލަވާލައި، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން އެ ޤާނޫނު ފާސްކޮށްފިއެވެ.

އިންޑިއާގައި މީހުން ތަބާވާ އެކި ދީންތަކުގެ ތެރެއިން ކޯޓުން ބޭރުގައި ވަރިކުރުން ދީނީ ގޮތުން ހުއްދަ ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. އެހެންކަމުން، މި ޤާނޫނަކީ އެ ޤައުމުގެ މުސްލިމުންގެ ތެރޭގައި އާންމުވެފައިވާ "ޓްރިޕްލް ތަލާޤް" ނުވަތަ ކޯޓުން ބޭރުގައި ވަރިކުރުމުގެ އާދަ ހުއްޓުވުމަކަށް ގެނައުމަށް ފަރުމާކޮށްފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގައި ބުނާ ގޮތުން ފިރިހެނަކު ކޯޓުން ބޭރުގައި އޭނާގެ އަނބިމީހާ ވަރިކޮށްފި ނަމަ، ކަފާލާތުގެ ފުރުޞަތާއި ނުލައި އޭނާ ހައްޔަރުކޮށް، ގިނަވެގެން ތިން އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ.

އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން މިފަދަ ޤާނޫނެއް ފާސްކުރިއިރު، ކޯޓުން ބޭރުގައި ވަރިވުން ހުއްދަކުރާ ޤަނޫނެއް ބާތިލް ކުރުމަށް މި އަހަރުގެ އޯގަސްޓް މަހު، އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ ކޯޓުން ބޭރުގައި ވަރިކުރުމުގެ ސަބަބުން އަންހެނުންގެ ޙައްޤުތައް ގެއްލި، އެމީހުން ބިކަވާ ކަމަށް ބުނެ، މުސްލިމު އަންހެނުންގެ ގްރޫޕަކުން އެ ކޯޓުގައި ޕެޓިޝަން ކުރުމުންނެވެ.

މި ޤާނޫނާ ގުޅޭ ގޮތުން އިންޑިއާގެ ޤާނޫނާ ބެހޭ މިނިސްޓަރު ރަވީ ޝަންކަރް ޕްރަސާދް ވިދާޅުވެފައި ވަނީ، ކޯޓުން ބޭރުގައި ވަރިކުރުން ހުއްޓުވޭނީ މިފަދަ ޤާނޫނެއް އޮވެގެން ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އިއްދައިގެ ދުވަސްވަރުގެ ޚަރަދާއި ދަރިންގެ ޚަރަދުގެ ކަންކަން ހަމަޖައްސާނެ ގޮތާ ގުޅޭ ގޮތުން ހަދަންޖެހޭ އުސޫލުތައް ހެދުމަށް ވެސް މިފަދަ ޤާނޫނެއްގެ ސަބަބުން ފަސޭހަވެގެން ދާނެ ކަމަށެވެ.

ޤާނޫނީ ދާއިރާތެ ރެއިން މި ޤާނޫނަށް ބޮޑު ތަރުޙީބެއް ލިބުނު ނަމަވެސް، އޯލް އިންޑިއާ މުސްލިމް ޕަރސަނަލް ލޯ ބޯޑުން ވަނީ، ކޯޓުން ބޭރުގައި ވަރިކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމުން، މި މައްސަލައަށް ހައްލެއް ހޯދާނެ އެހެން ގޮތެއް ވިސްނަން ޖެހޭ ކަމަށާއި، ދީނީ ގޮތުން ހުއްދަ ކަމަކަށް ކުށް ކަނޑައަޅައި މިގޮތަށް ޤާނޫނު ނުހެދޭނެ ކަމަށް ބުނެފައެވެ.

މި ޤާނޫނަށް ތާޢީދުކުރާ ބަހާރަތިޔަ މުސްލިމް މަހީލާ އާންދޮލަން ޖަމިއްޔާގެ ބާނީ، ޒާކިއާ ސޮމަން ވިދާޅުވެފައި ވަނީ ޤާނޫނުގެ ސަބަބުން، ވަރިކުރެވޭ އަންހެނާއަށް ގެއްލިގެންދާ އެތައް ޙައްޤެއް ގެއްލިގެން ދިއުމުން އެ ފަރާތްތައް ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި 545 މެންބަރުން ތިއްބަވާ އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ، ނުވަތަ ލޯކް ސަބާގައި ތިއްބަވަނީ 23 މުސްލިމު މެންބަރުންނެވެ. ލޯކް ސަބާ އިން މި ޤާނޫނު ފާސްކުރުމާ އެކު މި ޤަނޫނު މިހާރު ވަނީ ޤާނޫނުހަދާ މަޖިލީހުގެ މަތިގެ ނުވަތަ ރާޖިޔަ ސަބާއަށް ފޮނުވާފައެވެ. 24 މުސްލިމު މެންބަރުން ހިމެނޭ ގޮތަށް، ޖުމްލަ 245 މެންބަރުން ތިއްބަވާ ރާޖިޔަ ސަބާއިން ވެސް މި ޤާނޫނު ފާސްވާނެ ކަމަށް ބެލެވެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް