އީރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ސިޓީތަކުގައި ބޮޑެތި މުޒާހަރާތަކެއް ފަށައިފި އެވެ.
އެގައުމުގެ އުތުރުގެ ރާޝްތާއި ހުޅަނގުގެ ކަރްމަންޝާހު އަދި އިސްފަހަން، ހަމާދަން އަދި އެހެން ބައެއް ސަރަހައްދުތަކުގައި މުޒާހަރާތައް ބާއްވާފައިވެއެވެ. ރާޝްތާއި ކަރްމަންޝާހުގައި ބުރާސްފަތި ދުވަހު ފެށި މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.
ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން ފެށި މުޒާހަރާތަކުގެ ބައިވެރިން ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ކިޔާފައިވެއެވެ.
މުޒާހަރާތަކާއި ގުޅިގެން ވެރިރަށް ތެހެރާނުން ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ތެހެރާނުން ހައްޔަރު ކޮށްފައިވަނީ، ސިޓީ ސްކެއަރ އަށް އެއްވެ އަޑު އުފުލި 50 ހަކަށް މީހުންގެ ތެރޭގައި ހިމެނޭ ބަޔަކު ކަމަށް ތެހެރާނުގެ ޑެޕިއުޓީ ގަވަރަނަރ ޖެނެރަލް އާ ހަވާލާދީ އީރާނުގެ ލޭބަރ ނިއުސް އޭޖޭންސީ އިން ބުނެއެވެ.
އެމެރިކާގެ ޚާރިޖިއްޔާ އިން ވަނީ، އީރާނުގައި މުޒާހަރާ ކުރި ފަރާތްތައް ހައްޔަރު ކުރި މައްސަލަ ކުށްވެރިކޮށް، އެކަމަށް ފާޑު ކިޔާފައެވެ. އެގޮތުން އީރާނުގެ އާއްމު ރައްޔިތުންގެ އަސާސީ ހައްގުތައް ހޯދައިދިނުމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް ގޮވާލާ ކުރާ ޑިމާންޑްތަކަށް ހުރިހާ ގައުމަކުން ވެސް ތާއީދު ކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ގޮވާލާފައިވެއެވެ.
މި މުޒާހަރާތައް އެންމެ ފުރަތަމަ ފަށާފައިވަނީ އީރާނުގެ ދެވަނަ އަށް އެންމެ ބައިބޯ ސަހަރު ކަމަށްވާ އެގައުމުގެ އިރުއުތުރުގެ މަޝްހަދުގައެވެ.
ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވުމުގެ މައްސަލާގައި ފެށި މުޒާހަރާތަށް ފުޅާވެ، ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައިވާއިރު، މުޒާހަރާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ރައީސް ހަސަން ރޫހާނީގެ އިސްތިއުފާ އަށްވެސް ގޮވާފައިވެއެވެ. މީގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ފުލުހުންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.
އަދި އީރާނުގެ ސަރުކާރުން ކުރަން ނުޖެހޭ ޚަރަދުތައް ކުރަމުންދާ ކަމަށް ބުނެ، އީރާނުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. މުޒާހަރާގެ ބައިވެރިން މިމޭރުމުން އަޑު އުފުލާފައި ވަނީ، ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާއި، އީރާގާއި ސީރިއާ އަދި ޔަމަނުގެ ހަނގުރާމާގައި ހަރަކާތްތެރިވާ ޝިއައީންގެ ގްރޫޕްތަކާއި، ފަލަސްތީނުގެ ހަމާސް ޖަމާއަތަށް އީރާނުން ޚަރަދު ކުރާ މައްސަލާގައެވެ.
ދުނިޔޭގެ ބާރުތަކާއެކު އީރާނުން 2015 ވަނަ އަހަރު އެކުލަވާލި ނިއުކްލިއަރ އެއްބަސްވުމާއި ގުޅިގެން އެގައުމުގެ އިޤްތިޞާދަށް ދިރުން ލިބިގެންދާނެ ކަމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީ ކުރިން ވިދާޅުވެފައިވެއެވެ.
ނިއުކްލިއަރ އެއްބަސްވުމާއި އެއް ގޮތަކަށް، ބައިނަލްއަޤްވާމީ މުޖުތަމައުއިން އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލި ނަމަވެސް، އެގައުމުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް މިހާރުވެސް ހުރީ 12.4 އިންސައްތައިގައެވެ.