ޣައްޒާގެ ތެރެއިން ފޮނުވާލި ރޮކެޓެއް އިސްރާއީލަށް އަމާޒުވުމުން ރައްދުގައި. ޣައްޒާގައި ހުންނަ ހަމާސްގެ އަމާޒުތަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ޓޭންކަރު ބަޑިންނާއި ވައިގެ މަގުން ހަމަލާދީފި ކަމަށް އެ ގައުމުން ބުނެފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ޓްވިޓަރގައި ހުކުރު ދުވަހު ބުނެފައިވަނީ ޣައްޒާއިން ފޮނުވާލީ ދެ ރޮކެޓެއް އިސްރާއީލުގެ މިސައިލުން ދިފާއުވާ ނިޒާމް، އަޔަން ޑޯމް ބޭނުން ކޮށްގެން ހުއްޓުވާލާފައިވާ ކަމަށެވެ.
ޣައްޒާގައި ތިބި ފަރާތްތަކަކާއި ހަވާލާދީ ފަލަސްތީނުގެ ނޫސް އޭޖެންސީ ވަފާއިން ބުނީ އިސްރާއީލުން ހަ މިސައިލެއް ފޮނުވާލި ކަމަށެވެ.
އެ އެޖެންސީން ރިޕޯޓްކޮށްފައިވާގޮތުގައި ހަމަލާތައް އަމާޒުކުރެވުނު އެއް ސަރަހައްދުކަމަށްވާ ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ތުއްފާ ސަރަހައްދުން ދުން އަރަމުންދިޔައެވެ.
އިސްރާއިލްގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓް ކޮށްފައިވާގޮތުގައި ހަމަލާއާއި ގުޅިގެން އެއްވެސް މީހަކަށް ހާނީއްކައެއް ވެފައެއް ނުވެއެވެ.
ނަމަވެސް ތިންވަނަ ރޮކެޓާއެކު އިމާރާތަކަށް ގެއްލުން ލިބިފައިވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހަމަލާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.