ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 05:26
ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޯއީ
ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޯއީ
ބީބީސީ
ކެޓަލޯނިއާ-ސްޕެއިން
ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ޖެނުއަރީ 17 ގައި ފެށުމަށް ސްޕެއިންގެ ބޮޑުވަޒީރު ގޮވާލައިފި
ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރު އެކުލަވާލުމަށް ފާއިތުވި ހަފްތާގައި ބޭއްވި އިންތިޚާބުގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ޕާޓީތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވޭ
ކެޓަލޯނިއާ ސަރަހައްދުގެ އައު ރައީސެއް ހޮވުމަށް ނަގާ ވޯޓު، ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ފަށާތާ 10 ދުވަހުގެ ތެރޭގައި ބޭއްވުމަށް ރަޚޯއީ ގޮވާލެއްވި
އައު ސަރުކާރު އެކުލަވާލުމާއެކު، ސްޕެއިންގެ މައި ސަރުކާރުން ނަގާފައިވާ ބާރުތައް ސަރަހައްދީ ސަރުކާރަށް ލިބިގެންދާނެ

ކެޓަލޯނިއާގެ ސަރަޙައްދީ ގާނޫނު ހަދާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޯއީ ގޮވާލައިފި އެވެ.

ކެޓަލޯނިއާގެ މިނިވަން ދައުލަތެއް އުފެއްދުމަށް ކުރި މަސައްކަތާއި މިނިވަންކަން އިއުލާން ކުރުމާއި ގުޅިގެން ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރާއި ގާނޫނު ހަދާ މަޖިލިސް ސްޕެއިންގެ މައި ސަރުކާރުން ވަނީ އުވާލާފައެވެ.

ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރު އެކުލަވާލުމަށް ފާއިތުވި ހަފްތާގައި ބޭއްވި އިންތިޚާބުގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ޕާޓީތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވެއެވެ.

އަހަރުގެ ނިމުން ފާހަގަ ކުރުމަށް ހުކުރު ދުވަހު ގައުމާއި މުޚާތަބް ކުރައްވާ ވާހަކަ ދައްކަވަމުން ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޯއީ ވިދާޅުވީ، ސްޕެއިންގެ ސަރުކާރާއެކު މަޝްވަރާތައް ބޭއްވުމަށް ކެޓަލޯނިއާގެ ހުރިހާ ރައްޔިތުން ތަމްސީލްކުރާ ސަރުކާރެއް ދާދި އަވަހަށް އެކުލަވާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދި ކެޓަލޯނިއާ ސަރަހައްދުގެ އައު ރައީސެއް ހޮވުމަށް ނަގާ ވޯޓު، ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ފަށާތާ 10 ދުވަހުގެ ތެރޭގައި ބޭއްވުމަށް ރަޚޯއީ ގޮވާލެއްވިއެވެ.

ކެޓަލޯނިއާގެ އައު ސަރުކާރެއް އެކުލަވާލެވެންދެން އެސަރަހައްދުގެ ބާރުތައް ސްޕެއިންގެ މައި ސަރުކާރުން ވަނީ ނަގާފައެވެ. ސްޕެއިންގެ ގާނޫނު އަސާސީގެ 155 ވަނަ މާއްދާގެ ދަށުން ނަގާފައިވާ ބާރުތައް، ކެޓަލޯނިއާގެ އައު ސަރުކާރު އެކުލަވާލައި، ރައީސަކު އައްޔަން ކުރުމާއެކު އުވިގެންދާނެ އެވެ.

އެހެންނަމަވެސް އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ކެޓަލޯނިއާގެ އައު ސަރުކާރެއް އެކުލަވާލުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް