ކ. މާލެ
|
29 ޑިސެންބަރ 2017 | ހުކުރު 18:12
ލައިބީރިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވިއާ
ލައިބީރިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވިއާ
އަނަދޮލޫ
ލައިބީރިއާ
ކަންކަން ބަދަލުވާން ފަށައިފި: ޖޯޖް ވިއާ
އަންގާރަ ދުވަހު ލައިބީރިއާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ 98.1 އިން ސައްތަ ވޯޓު ގުނާނިމިފައިވާ އިރު އޭގެތެރެއިން 61.5 އިން ސައްތަ ވޯޓު ޖޯޖް ވިއާ ވަނީ ހޯއްދަވާފައި

"ކަންކަން ބަދަލުވާން ފަށައިފި" ކަމަށް ލައިބީރިއާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ފުޓްބޯޅަ ތަރި ޖޯޖް ވިއާ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި ޖޯޖް ވިއާ ޓްވިޓާ މެދުވެރިކުރައްވާ ވިދާޅުވީ ގައުމުގެ އިހުސާސް އެމަނިކުފާނަށް ފުރިހަމައަށް އިހުސާސްކުރެއްވޭ ކަމަށާއި އެމަނިކުފާނާ ކުރިމަތިވެވަޑައިގެންފައިވާ މަސްއޫލިއްޔަތު ގެ ބޮޑުކަން ވަޒަން ކުރެއްވޭ ކަމަށެވެ. އަދި ކަންކަން ބަދަލުވާން ފަށައިފިކަމަށްވެސް ޖޯޖް ވިއާ ވިދާޅުވިއެވެ.

ވިއާ އިތުރަށް ވިދާޅުވީ ލައިބީރިއާ ގެ ރައްޔިތުން އެބައިމީހުންގެ ނިންމުން ހާމަކޮށްފިކަމަށާއި އަދި އިންތިޚާބު ބޭއްވުނު މުޅި ނިޒާމާ ދޭތޭރޭ ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ލައިބީރިއާގެ ރިޔާސީ އިންތިޚާބާ ބެހޭ ދަ ލައިބީރިއަން ނެޝެނަލް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައި ވަނީ އަންގާރަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ 98.1 އިން ސައްތަ ވޯޓު ގުނާނިމިފައިވާ އިރު، އޭގެތެރެއިން 61.5 އިން ސައްތަ ވޯޓު ޖޯޖް ވިއާ ހޯއްދަވާފައިވާ ކަމަށެވެ.

އިންތިޚާބުގައި ޖޯޖް ވިއާ ކުރިހޯއްދެވީ ނައިބު ރައީސް ޖޯސެފް ބޯކައި ގެ މައްޗަށް ކަމަށްވާއިރު މިއީ ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި ގައުމުގައި ކުރެވުނު ދެ ދާހިލީ ހަނގުރާމައަށްފަހު ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ހުކުރު ދުވަހުގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށް ގައުމުގެ ދަ ލައިބީރިއަން ނެޝެނަލް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ލައިބީރިއާގެ މިހާރުގެ ރައީސާ އެލެން ޖޯންސަން ސިރްލީފްގެ ހަ އަހަރުގެ ދެވަނަ ދައުރު ނިމުމާއެކު، ލައިބީރިއާގެ ރިޔާސަތާއި ޖޯޖް ވިއާ ހަވާލުވުން ވެގެންދާނީ 1944 ވަނަ އަހަރުގެ ފަހުން އެގައުމުގައި ޑިމޮކްރެޓިކް އުސޫލުން ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރަށެވެ.

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ލައިބީރިއާގެ ފުރަތަމަ އަންހެން ރައީސާ ސިރްލީފް، ރިޔާސީ ދެވަނަ ދައުރަކަށް 2005 ވަނަ އަހަރު އިންތިޚާބުވީ، އެ އިންތިޚާބުގެ ދެވަނަ ބުރުގައި ޖޯޖް ވިއާގެ މައްޗަށް ކުރި ހޯއްދެވުމަށްފަހު އެވެ. ލައިބީރިއާގެ ގާނޫނު އަސާސީ ބުނާ ގޮތުން، އެއް ބޭފުޅަކަށް ދެ ދައުރަށްވުރެ އިތުރަށް ވެރިކަމުގައި ހުންނެވޭނެ ފުރުޞަތު ނެތުމާއެކު، މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ސިރްލީފް އަށް ވަނީ ބަންދުވެފައެވެ.

އޮކްޓޯބަރު މަހު ބޭއްވި ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 51 އަހަރުގެ ވިއާ އަށް ލިބިފައިވަނީ 38.4 އިންސައްތަ ވޯޓެވެ. ފުރަތަމަ ބުރުން ދެވަނަ ހޯއްދެވި 73 އަހަރުގެ ބޯކާއީ އަށް ލިބިވަޑައިގެންނެވީ 28.8 އިންސައްތަ ވޯޓެވެ.

ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޖޯޖް ވިއާ އަކީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ފީފާ ވޯލްޑް ޕްލޭޔަރ އޮފް ދަ އިޔަރ އަދި ބެލޮންޑޯ އެވޯޑް ހޯދި އެފްރިކާގެ ފުރަތަމަ އަދި ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭނާގެ ކާމިޔާބު ފުޓްބޯޅަ ކެރިއަރުގައި އިޓަލީގެ އޭސީ މިލާން، އިނގިރޭސިވިލާތުގެ ޗެލްސީ، މެންޗެސްޓަރ ސިޓީ އަދި ފްރާންސްގެ މޮނާކޯ، ޕެރިސް ސެއިންޓް ޖަމައިން ފަދަ ދުނިޔޭގެ ބޮޑެތި ކްލަބްތަކަށް ކުޅެފައިވެއެވެ.

- ކޮމެންޓް