މިހާރު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ފާހަގަ ކުރެވެނީ އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވާ ކަންތައްތަކުގައި ވަރަށް އަވަހަށް ބަޔާން ނެރުއްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ދީނީ ނަޒަރަކުން ބައްލަވާ އެކަން އޮންނަ ގޮތް ވިދާޅުވެ ދީނާ ހިލާފު ކަންތައް ނުކުރުމަށް މިނިސްޓަރު ޒިޔާދު ގޮވާލައްވަ އެވެ.
އޭގެ ތެރެއިން މިނިސްޓަރު ޒިޔާދު ނެރުވި ބައެއް ބަޔާންތައް ފާހަގަ ކޮށްލާނަމެވެ. ހުކުރު ނަމާދަށްފަހު ބަޔަކު މީހުން ކުރާ ދުއާ ހުއްޓާލުމަށް ގޮވާލައި އިސްލާމިކް މިނިސްޓަރު މީގެ ކުރިން ބަޔާނެއް ނެރުއްވާފަވެ އެވެ. އެ ކުރާ ދުއާއަކީ ބަދު ދުއާއެއް ކަމަށް ވިދާޅުވެ އެ ދުއާ ކުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށް ކަންބޮޑުވުންތައް އޮއްސާލެއްވި އެވެ. މިނިސްޓަރުގެ ބަޔާނަށް ބަލާލާއިރު ހީވަނީ އެއީ ޕީޕީއެމް އޮފީހުން މީހަކު ރުޅި ގަދަވެގެން ފޮނުވާފައި އޮތް މެސެޖެއްގައި ދީނީ ކުލަ ކޮޅެއް ހާކާލައި ގިރިޓީ ކޮށްލާފައި އޮތް ހެނެވެ.
ނަމަވެސް ފަހުން ހަމަ އެ ދުއާ އެގޮތައް ކުރަމުންދިޔައިރު މިހާރު އެއީ މައްސަލައަކަށްނުވެ އެވެ. އެ ދުއާ އެގޮތައް ކުރަމުންދާއިރު މިނިސްޓަރަކަށް މިހާރު އެނގިވަޑައިގަންނަވާ ހެން ހީވެސްނުވެ އެވެ.
އޭގެ ފަހުން ދުވަސްކޮޅެއް ކޮށްލާފައި އަނެއްކާވެސް އިސްލާމިކް މިނިސްޓަރު ބަޔާނެއް ނެރުއްވި އެވެ. މި ފަހަރު ބަޔާނުގައި އޮތީ ް ކޮށްލާފައި އަނެއްކާވެސް ީހުން މީހަކު ރުޅި ގަދަވެގެން ފޮނުވާފައި އޮތް މެސެޖެއްގައި ދީނީ ކުލަ ކޮޅެއް ހާކާލައި ގިރިޓީ އިސްލާމްދީން ނޫން އެހެން ދީންތަކަށް މަގުފަހިވާ ވާހަކަތައް މުޖުތަމައުގައި ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ. އިސްލާމިކް މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވަނީ ކޮން ސަބަބަކާއި ހުރެކަމެއް ބަޔާނުގައި ބަޔާންކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް އިސްލާމްދީން އާއި ބެހޭގޮތުން ކުރެއްވި ޓްވީޓެއްގެ މައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ.
އިސްލާމިކް މިނިސްޓަރަށް ފާޑުކިޔުންތައް އަމާޒުވަނީ އިސްލާމް ދީނުގެ ހުކުމްތަކާއި ހިލާފު ކަންތައްތައް ކުރައްވަމުން ގެންދަވާއިރު އެކަމަށް އެއްޗެއް ވިދާޅުނުވާތީ އެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ދުއާއާމެދު ކަންބޮޑުވެ ލައްވައިގެން ނެރުއްވި ބަޔާނާއި މިއަދާ ހަމައަށް ކިތައް ކަންތައް ހިނގައިފިތޯ އެވެ. އިސްލާމީ ނަޒަރަކުން ބައްލަވާ އިހްލާސްތެރި ވަޒީރަކަށް ފެންނާން ޖެހޭ ކިތައް ކަންތައް މި ގައުމުގައި ހިނގައިފި ތޯ އެވެ. ނަމަވެސް އިސްލާމިކް މިނިސްޓަރު ހުންނެވީ ހަނެވެ.
ކްރިސްމަސްއާ ދިމާކޮށް ރިސޯޓުތަކުގައި ބޮޑެތި ބުދުތައް ބެހެއްޓައި ރިސޯޓްތައް ތައްޔާރުކޮށްލީއިރު އިސްލާމިކް މިނިސްޓަރުގެ އަޑެއް ނީވެ އެވެ. ދިވެހިން ކްރިސްމަސް ފާހަގަ ކޮށްދޭން އެމީހުންގެ އީދުގައި ބައިވެރިވެ ކްރިސްމަސް ހެދުން އަޅައިގެން އުޅުނުއިރު އިސްލާމިކް މިނިސްޓަރު ހުންނެވިތަނެއް ނޭނގެ އެވެ. ނުވިތާކަށް އާ އަހަރު ފާހަގަ ކުރުމަށް ބޮޑެތި ޝޯތައް އިންތިޒާމް ކުރަމުންދާއިރު އިސްލާމިކް މިނިސްޓަރުގެ ނަޒަރު އެކަމުގައި ހުރީ ކިހިނެތްތޯ ބަލާލަން މީހުން ބޭނުން ވެ އެވެ.
ދިވެހިން ބެންކޮކަށް ގޮސް ހިލޭ އަންހެނުންނާއެކު ޒިނޭ ކޮށް ބަދު އަހްލާގީ އަމަލުތައް ހިންގާ ކަމަށްބުނެ ވާހަކަ އެގޮތައް ނުދެއްކުމަށާއި އެއީ ހިލޭ އަންހެނުން ނޫން ކަމަށް ދައުލަތުގެ އެންމެ އިސް ވެރިއެއްގެ މަގާމުގައި ހުންނަވައިގެން ރައީސް އަބްދުﷲ ޔާމިން ވިދާޅުވުމަކީ ޒުވާނުންނަށް ދެވޭ ކިހާ ބޮޑު ހިތްވަރެއްކަން އިސްލާމިކް މިނިސްޓަރަށް އެނގިވަޑައިނުގަންނަވާނެތޯ އެވެ. އެފަދަ ވާހަކަތައް ނުދެއްކުމަށް ގޮވަލާ ބަޔާން ނެރުއްވަން ހުރަސްއެޅީ ކޮން ބޭފުޅެއްތޯ އެވެ.
ރައީސް އަބްދުﷲ ޔާމިނަށް ވޯޓު ދިނުމަކީ ދީނީ ވާޖިބެއް ކަމަށް ވިދާޅުވެ އިސްލާމް ދީނަށް ހުތުރުވާ ގޮތައް ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރު ވާހަކަ ދައްކަވާއިރު ކުރައްވާނެ އިލްތިމާސްއެއްވެސް މިނިސްޓަރަކަށް އެނގިވަޑައިނުގަތެވެ. ދީނަށް ފުރައްސާރަކުރާ މީހުންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަންވެސް މިނިސްޓަރަށް އެނގިވަޑައިގަންނަވަނީ ވަކި ބަޔަކު ދައްކާ ވާހަކައިންނެވެ.
ތައުލީމީ ނިޒާމައް މި ސަރުކާރުން ގެނައި ބަދަލުގެ ތެރެއިން ސާނަވީ ތައުލީމް ނިންމައި އެސްއެސްއީ އިމްތިހާނުގައި އިސްލާމް މާއްދާ އަކީ އިހްތިޔާރީ މާއްދާއަކަށް ވަނީ ހަދާފަ އެވެ. އަދި އެސްއެސްއީ އިމްތިހާނުގައި އިސްލާމް ޓެސްޓް ނަހަދާ ކިތައް ކުދިން ތައުލީމީ މަރުހަލާ ނިންމާލިކަން އެނގިވަޑައިގަންނަވާތޯ އެވެ. އެއީ ކަންބޮޑުވުމަކަށް ނުވާއިރު ދެން އިސްލާމް ދީން ނޫން ދީނެއް ނޯންނާނެ އޭ ވިދާޅުވެ ކޮން ވާހަކައެއްތޯ އެވެ. މުސްލިމުންނަށްވީތީ މި ގައުމުގައި ކުރުން މަނާ އޮތީ މަދު ކަމެއް ނޫންތޯ އެވެ. އިސްލާމް ކަމަށްބުނެ އޮރިޔާން ހާލު މަގުމަތީ އުޅޭ އަންހެނުން ހުއްޓިވިއްޖެތޯ އެވެ. މީގެ ކިތަންމެ ލިސްޓެއް ވެސް ކީދާނެ އެވެ. އެހެންވީމަ ދެއުޅިއެއްނުވާ ބަޔާންތައް ނެރުއްވައިގެން ސިޔާސީ މަގުސަދު ހާސިލް ކުރުމަށްވުރެ އިހްލާސްތެރިކަމާއެކު ދީނާ ހިލާފު ކަންތައް ހުއްޓުވަން އެންމެ ގާތުން ފެށިގެން މަސައްކަތް ކުރުން މާ މުހިންމެވެ.
ގައުމުގައި ހުރި ދީނީ ބޮޑެތި މައްސަލަތައް ބަހައްޓާފައި މިނިސްޓަރ ބާގިރު އުޅުއްވަނީ އެހެން ކަންތަކެއްގަ އެވެ. އުޅުއްވަނީ އެމްޑީޕީން އެއްޗެއް ކިޔާ އަޑު އިވޭތޯ އެވެ. އެމީހުން ބުނާ އެއްޗަކުން ކިރިޔާވެސް ދީނާ ގުޅުވާ ބަޔާނެއް ނެރުއްވުމުގެ ފިކުރުގަ އެވެ.