ރައީސް ޔާމީނަކީ ވަރަށް މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. އެމަނިކުފާނުގެ ވާހަކަފުޅުގެ ތެރޭގައި ވަރަށް ސީރިއަސްކަމާ އެކު، ނުވަތަ ހިނިފުޅުވަޑުވަމުން ބައެއް ފަހަރު އެދައްކަވާ ވާހަކަތަކަކީ އެހެން ވެރިޔަކު އެވާހަކަ ދެއްކެވި ނަމަ، އެމަނިކުފާނު މާދަމާ ނިކުމެވަޑައިގެން ޖުމްހޫރީ މައިދާނުގައި ބޮޑު ދިދަ ދޮށުގައި މެގަފޯން ހިއްޕަވައިގެން ހުންނަވައި އެވެރިޔަކު މަޤާމުން ދުރުކުރަން ގޮވާލައްވާނެ ފަދަ ވާހަކަތަކެވެ. ގެޔަށް ވަންނަނީ ޙަލާލު ފައިސާ ނޫން ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގައި ބޮޑެތި ކޮރަޕްޝަން ހިންގި ކަމަށާއި، ބެންކޮކަށް ގޮސް އަންހެނުން ހޯދަނީ ހިލޭ ނޫން ކަމަށާއި ދެން މިހެން ގޮސް ވަރަށް ގިނަ ވާހަކަ އެމަނިކުފާނު ވިދާޅުވިއެވެ. ކޮންމެ ފަދަ ވާހަކައެއް ދެއްކެވިޔަސް އެޖަލްސާއެއްގެ ކުރީ ގޮނޑިބަރީގައި ތިއްބަވާ ބޭފުޅުން އަތްޖައްސަވައި، ހިނިފުޅުވަޑުވައެވެ. ބައެއް ފަހަރު އެބޭފުޅުންނަށް ރައީސް ޔާމީން ވިދާޅުވި އެއްޗެއް ފަހުމުވި ބާވައޭ ހިތަށް އަރައެވެ.
މިކަހަލަ މޮޅެތި ވާހަކަތައް ދައްކަވަމުން ގޮސް، ދާދި ފަހުން އުތުރުގެ އަތޮޅުތަކަށް ކުރެއްވި ޒިޔާރަތެއްގައި ރައީސް ޔާމީން މާމޮޅު ވާހަކައެއް އަނެއްކާ ވެސް ދައްކަވައިފިއެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލާން ޖެހޭ ގޮތް ރައީސް ބުނެދެއްވީއެވެ. ވޯޓުލާއިރު ވިސަނަންޖެހޭ ތިން ކަމެއް ކަމަށް ވިދާޅުވެ، މާމޮޅު ފޯމިއުލާއެއް ރައްޔިތުންނަށް ބުނެދެއްވިއެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ދީނީ މިންގަނޑެވެ. އަދި އެ އަށް ފަހު ވެރިކަންކުރުމުގެ ތަޖުރިބާ އާއި، ދައްކަވާ ވާހަކަތަކުގެ މޮޅުކަމެވެ. މި ތިން ކަމަށް ބެލުމަށް ފަހު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލީމާ ހުންނާނީ ރަނގަޅަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވުމުން، އަޅުގަނޑު ހިތަށް އެރި ސުވާލަކީ، "އަންނަ އަހަރު ރިޔާސީ އިންތިޚާބު އޮންނާނެތޯ" އެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ބޭއްވި އިންތިޚާބުން ފެށިގެން އަދި މިއަދާ ހަމައަށް އައި އިރު، ބާއްވަން ޖެހޭ ތާރީޚެއްގައި އިންތިޚާބެއް ބާއްވާފައެއް ނެތެވެ. އިންތިޚާބު ބާއްވަން ޖެހޭ މުއްދަތުގައި އިންތިޚާބު ނުބޭއްވުމުގެ ސަބަބުން ލާމަރުކަޒީ ނިޒާމާއި، ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ ތެރޭގައި މިވަނީ ގަޑުބަޑު އުފެދިފައެވެ. މިހާރު މިހިނގަމުންދާ ރިޔާސީ ދައުރު ނިމެން ޖެހޭނީ ޤާނޫނުތައް ބުނާ ގޮތުން އަންނަ އަހަރުގެ ނޮވެމްބަރު 10 ގައެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ފަސް އަހަރު ވާނީ އޭގެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ރާއްޖެ ދާނީތޯ، ނުވަތަ އެކަން ހުއްޖަތެއް ގޮތުގައި ނަންގަވާ އެމަނިކުފާނު އެހެން އިންތިޚާބުތައް ފަސްކުރެއްވި ފަދައިން ރިޔާސީ އިންތިޚާބު ވެސް ލަސްކުރައްވާނީތޯ ކުރެވޭ ސުވާލު އަންނަ އަހަރު ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދާނެއެވެ.
ކޮންމެއަކަސް، ރައީސް ޔާމީން މި 3 ފޯމިއުލާއެއްގެ ވާހަކަ ވިދާޅުވުމުން، އެކަމުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ވިސްނުން ހުރި ގޮތް އެޕާޓީގެ ޗެއަރޕަރސަން ހަސަން ލަތީފް އަރިހުން އަހާލީމެވެ.
ހަސަން އެއަށް ދެއްވީ ވަރަށް ސާދާ ޖަވާބެކެވެ. "އަޅުގަނޑުވެސް ރައީސް ޔާމީނަށް ތިން ފޯމިއުލާއެއް ދަންނަވާލާނަން. އެއީ، ވައްކަން، ކޮރަޕްޝަން އަދި އަނިޔާވެރިކަން. މި ތިން ކަމަށް ބެލުމަށް ފަހު 2018 ގައި ރައީސް ޔާމީން ވެސް އަދި ރައްޔިތުން ވެސް ވޯޓު ލައްވާ،" މިއީ ހަސަންގެ ޖަވާބެވެ.
އަނިޔާވެރިކަން
ރައީސް ޔާމީންގެ ސަރުކާރަކީ އިދިކޮޅު ފަރާތްތަކުން ސިފަކުރާ ގޮތުގައި އަނިޔާވެރި ސަރުކާރެކެވެ. ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަނެ، ރައްޔިތުންގެ މިނިވަންކަން ނަގާލާފައިވާ ސަރުކާރެކެވެ. ޤާނޫނު އަސާސީގެ އަސާސީ ހައްޤުތަކާއި މިނިވަންކަމުގެ ބާބުން ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އެތަކެއް ހައްޤުން ހުރިހާ ދިވެހިން މަޙްރޫމްކޮށްފައިވާއިރު، އިތުރު އެތައް ބަޔަކު ވަކިވަކި ހައްޤުތަކުން މަހުރޫމްކޮށްފައިވާ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އެގޮތުން އެއްވެ އުޅުމުގެ މިނިވަންކަމާއި، އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ހައްޤާއި، ޚިޔާލު ފާޅުކުރުމުގެ ހައްޤުތައް ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާއިރު، އެތައް ރައްޔިތުންނެއް އެއްވެސް އިންސާފެއް، ހަމައެއް، ލަމައެއް ނެތި ޖަލުގައި ތިބިކަން ފާހަގަކުރެވެއެވެ. އަދި ރައީސް ޔާމީނާއި ސިޔާސީ ގޮތުން ވާދަކޮށްފާނެ އަދި ކުރަމުންދާ އެންމެންނަށް ވެސް ޖަލު ޙުކުމްތައް އިއްވައި، ރައީސް ޔާމީން ނޫން އެހެން މީހަކަށް ވެރިކަމަށް ނާދެވޭނެ ފަދަ ގޮތަކަށް ވެރިކަމުގެ ނިޒާމް މުށުތެރެއަށް ލައްވަމުން ގެންދަވާ ގެންދެވުމަކީ އަނިޔާވެރިކަމެއް ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. ހަސަން ލަތީފް ވިދާޅުވީ މިކަމަށް 2018 ގައި ރައްޔިތުން ވިސްނުމަށެވެ.
ވައްކަން
މިއިން ޒަމާނަކު ރާއްޖޭގައި އަދި ދުނިޔޭގައި ވެސް ނުހިނގާ ޒާތުގެ އަދި ސައިޒުގެ ވައްކަންތައް ރާއްޖޭގައި ދަނީ ހިނގަމުންނެވެ. ދައުލަތުން އެތައް ބިލިއަން ރުފިޔާއެއް ވަގަށް ނަގާފައިވާއިރު، އެފައިސާތަކަށް ވީނުވީއެއް ނޭނގެއެވެ. އިންޓެލިޖެންސް ރިޕޯޓްތަކުގެ މައްޗަށް ބިނާކޮށް ރިޔާސީ އިންތިޚާބުތައް ލަސްކުރަމުންދާ މިރާއްޖޭގެ ފުލުހުންނަށް މިދެންނެވި ފައިސާ ވީ ތަނެއް ހޯދިފައެއް ނެތެވެ. އެފައިސާ އަކީ މި ދިވެހި ސަރުކާރުގެ އިސް ވެރިން އަޑީގައި ތިއްބަވައިގެން ދިވެހި ދައުލަތުގެ މާލިއްޔަތުން ކުރެއްވި ވައްކަމެވެ. އެކަމަކު ދެތިން ބޭފުޅަކު ޖަލަށް ލާފައި ދެން އެހިސާބުން އެވާހަކަ ނިންމަވާލެއްވީއެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފި ނަމަ ދައުލަތުގެ ތިޖޫރީ ހުރި ތަނުގައި ހުންނާނީ ބޮޑު ވަޅުގަނޑެއް ކަމަށް ވިދާޅުވި ބޭފުޅަކު، އެވަޅުގަނޑު ބަޔަކު ހެދިއިރު ވެސް އަޅާވެސް ނުލައްވައި، އެކަން ހުއްޓުވޭނެ މަޤާމެއްގައި ހުންނެވި މަންޒަރު މިދިވެހި ތާރީޚު ދެކެފިއެވެ. ރައްޔިތުން ދާއޮހޮރުވައިގެން ހޯދައި ފައިސާއިން ދެއްކި ޓެކްސް ފައިސާއިން ވައްކަންކުރި ބަޔަކަށް ވެރިކަން ދިނުމުގައި އަނެއްކާ ވެސް ރައްޔިތުން ވިސްނާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ކޮރަޕްޝަން
މިސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހިންގެވިކަމަށް ވިދާޅުވަނީ ހަސަން ލަތީފް އެކަންޏެއް ނޫނެވެ. ސަރުކާރު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި، ރައްޔިތުންނަސް ފޯމިއުލާތައް ވިދާޅުވެދެއްވުމުގެ އެންމެ އުހުގައި ހުންނެވި ރައީސް ޔާމީން ވެސް ވިދާޅުވަނީ މިސަރުކާރުގައި ކޮރަޕްޝަން އެބަ އޮތް ކަމަށެވެ. އެކަން ހުއްޓުވަން ކުރައްވާނެ ކަމެއްގެ ވާހަކަ ވިދާޅެއްނުވެއެވެ. ކޮންމެ ދުވަހަކު އަޑު އިވެނީ ސަރުކާރުގެ ކޮންމެވެސް އިދާރާއެއްގެ ނުވަތަ ކުންފުންޏެއްގެ ކޮރަޕްޝަންގެ ވާހަކައެވެ. ހާހަކުން ނުވަތަ ލައްކައަކުން ކޮރަޕްޝަން ހިންގާ ވާހަކައެއް ނޫނެވެ. މިލިއަނުން ނުވަތަ ބިލިއަނުން ކޮރަޕްޝަން ހިންގާ ވާހަކައެވެ. ކޮރަޕްޝަން ހިންގެވި ބޭފުޅެއް ވިއްޔާ، އެބޭފުޅެއްގެ މައްސަލަ ބަލާ ވާހަކަ އަޑު އިވޭނެއެވެ. އެބޭފުޅަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ދެން އިވޭނީ އެހެން އޮފީހެއްގެ ނުވަތަ ކުންފުންޏެއްގެ މަތީ މަޤާމަކަށް އެބޭފުޅަކު ބަދަލުކުރި ވާހަކައެވެ. މިއީ ޙާލަތެވެ. ކޮރަޕްޝަން ހުއްޓުވުމުގެ ބަދަލުގައި ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހުންގެ އަނގަ ބަންދުކުރުން ނޫން ކަމެއް ނެތެވެ. ހަސަން ލަތީފް ވިދާޅުވަނީ ރައްޔިތުން ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގައި އެކަމަށް ވިސްނާނެކަމަށެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކޮންމެ ބޭފުޅަކު މިނެރުއްވާ ފޯމިއުލާ ވެސް ވަރަށް ސަޅިއެވެ. ރައީސް ޔާމީންގެ ފޯމިއުލާ ވެސް ސަޅިއެވެ. ހަސަން ލަތީފްގެ ފޯމިއުލާ ވެސް ސަޅިއެވެ. ފޯމިއުލާތައް އެޕްލައި ކުރާނީ ރައްޔިތުންނެވެ. ގޮތެއް ކަނޑަޅާނީ ރައްޔިތުންނެވެ.