ކ. މާލެ
|
29 ޑިސެންބަރ 2017 | ހުކުރު 11:33
އެޓްލެޓިކޯގެ ޖާޒީގައި ގްރީޒްމަން
އެޓްލެޓިކޯގެ ޖާޒީގައި ގްރީޒްމަން
ގޫގުލް
ގްރީޒްމަންގެ ޓްރާންސްފާ
ގްރީޒްމަންގެ އަގަކީ 200 މިލިއަން ޔޫރޯ
އެޓްލެޓިކޯއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު
ރިލީސް ފީއެއްގެ ގޮތުގައި ކޮންޓްރެކްޓްގައި ކަނޑައަޅާފައި ވަނީ 200 މިލިއަން ޔޫރޯ

އެޓްލެޓިކޯ މެޑްރިޑްގައި ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަންގެ އަގަކީ 200 މިލިއަން ޔޫރޯ ކަމަށް އެ ކްލަބުގެ ޗީފް އެގްޒެކްޓިވް މިގުއެލް އެންޖެލް މާރިން ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެޓްލެޓިކޯ އިން ވަނީ އެ ކްލަބުގެ ހުއްދަ ހޯދުމަކާއި ނުލައި އެ ކްލަބުގެ ވާދަވެރި ބާސެލޯނާއިން ގްރީޒްމަންއާ މަޝްވަރާކުރި ކަމަށް ބުނެ އެ މައްސަލަ ފީފާއަށް ހުށަހަޅާފައެވެ. ބާސާގެ ޑިރެކްޓަރު ވެސް ވަނީ މިފަދަ ކަމެއް ހިނގާފައިވާ ކަމުގެ އިޝާރާތެއް ދީފައެވެ. ބާސާގެ އިތުރުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ވެސް އަންނަނީ އުމުރުން 26 އަހަރުގެ ފޯވާޑުގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި ސީޒަން ފެށުމުގެ ކުރިން އޭނާގެ ސޮއި ހޯދުމަށް ޔުނައިޓެޑުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެންމެ ފަހު ވަގުތު އޭނާ ވަނީ އެޓްލެޓިކޯގައި މަޑުކޮށްފައެވެ.

އެޓްލެޓިކޯގެ ކޯޗު ވެސް ވަނީ އޭނާ އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާ ނަމަ އެކަމަށް ހުރަސް ނާޅާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެ ކްލަބުގެ ޗީފް އެގްޒެކްޓިވް ވިދާޅުވީ ފިނި މޫސުމުގެ ޓްރާންސްފާގައި ވިޔަސް ނުވަތަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް އޭނާ އެހެން ކްލަބަކަށް ވިއްކާލުމުގެ ހިޔާލެއް ނެތް ކަމަށާއި އޭނާއަކީ ކްލަބަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނާއާ އެކު އެ ކްލަބަށް ވެސް ކާމިޔާބު ހޯދިފައިވާ ކަމަށާއި އުއްމީދަކީ އޭނާއާ އެކު އަދިވެސް އިތުރު ކާމިޔާބު ހޯދުން ކަމަށް މިގުއެލް ވިދާޅުވިއެވެ.

އެޓްލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ކޮންޓްރެކްޓްގައި ކަނޑައަޅާފައި ވަނީ 200 މިލިއަން ޔޫރޯއެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ ޖުލައި މަހަށް ފަހު މި އަދަދު 100 މިލިއަން ޔޫރޯއަށް ދަށްވެގެން ދާނެއެވެ.

ކުޅުންތެރިން ނުގަނެވޭ ގޮތަށް ފީފާއިން އެޓްލެޓިކޯއާ ދެކޮޅަށް އަޅާފައިވާ ސަސްޕެންޝަން އަންނަ ޖެނުއަރީ މަހު ހަމަވުމާ އެކު އެ ކްލަބުގެ ފޯވާޑް ލައިނުން ބްރެޒިލްގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ފެނިގެންދާނެއެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިގުއެލް ވިދާޅުވީ މިއީ އެޓްލެޓިކޯއަށް ހެޔޮ ފާލެއް ކަމަށާއި މި ދެ ކުޅުންތެރިންނަކީ ނަތީޖާ ނެރޭނެ ދެ ކުޅުންތެރިން ކަމަށެވެ. އެޓްލެޓިކޯ މިވަގުތު އޮތީ ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ ނުވަ ޕޮއިންޓް ފަހަތުން ތާވަލުގެ ދެވަނައިގައެވެ.

ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފޯވާޑް ރެއާލް ސޮސިއެޑާޑް ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 123 މެޗުގައި 65 ލަނޑު ޖަހަދީފައެވެ.

- ކޮމެންޓް