ލައިފްޖެކެޓް ތުރުނުކުރައްވައި ޑިންގީއެއް ދުއްވެވުމުގެ ސަބަބުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކޮމް ޓާންބުލް ހޫނު ފެނަށް ވެއްޓިއްޖެއެވެ.
ޓާންބުލް އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވީ ސިޑްނީގެ ބަނދަރު ސަރަހައްދުގައި ލައިފްޖެކެޓް ތުރުނުކުރައްވައި ޑިންގީއެއް ދުއްވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އާންމުވުމާ ގުޅިގެންނެވެ. ނިއު ސައުތު ވޭލްސްގެ ގާނޫނު ބުނާ ގޮތުން ކޮންމެ އުޅަނދެއްގައި ވެސް އެކަށީގެންވާ އަދަދަށް ލައިފްޖެކެޓް ހުންނަން ޖެހެއެވެ. ހަމައެހެންމެ 4.8 މީޓަރަށް ވުރެ ކުރު އުޅަނދެއް ދުއްވާ ނަމަ ލައިފްޖެކެޓް އެޅުމަކީ ކޮންމެހެން ލާޒިމް ކަމެކެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ އާންމު ރައްޔިތުން އެފަދަ ކަމެއް ކޮށްފި ނަމަ އަދަބު ލިބޭ ކަމަށާއި އެހެން ކަމުން ގައުމުގެ އެންމެ އިސްވެރިޔާ ވެސް ގާނޫނުތަކާށް ބޯލަނބަންވަނެ ކަމަށެވެ. އަދި ގާނޫނާ ހިލާފު ވެއްޖެ ނަމަ ހުރިހާ އެންމެންނާ މެދު ވެސް އަމަލުކުރަންޖެހޭނީ އެއް އުސޫލަކުން ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ،
މި މައްސަލަ ފެންމަތިވުމާ ގުޅިގެން ޓާންބުލް ވިދާޅުވީ އޭނާއަށް ގަވާއިދުތަކާ ހިލާފަށް ކަމެއް ކުރެވުނު ކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި ޑިންގީ އިން ދަތުރުކުރެއްވީ ވަރަށް ކުރު ރާއްސާތާއަކަށް ކަމަށެވެ. އަދި ނިއު ސައުތު ވޭލްސްގެ މެރިޓައިމް ސޭފްޓީ އޭޖެންސީއާ ވާހަކަ ދެއްކެވި ކަމަށާއި މިހާރު އެކަމާ ގުޅޭ ގޮތުން ލިބިވަޑައިގަންނަވަން ޖެހޭ ހުރިހާ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ކަމަށް ޓާންބުލް ހާމަކުރެއްވިއެވެ. މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ޓާންބުލް ވަނީ ފެންމަތީގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ނިއު ސައުތް ވޭލްސްގެ ކަމާ ގުޅޭ އިދާރާތަކުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ލައިފް ޖެކެޓް ނާޅައި ލޯންޗު ދުއްވުމުގެ އަދަބެއްގެ ގޮތުން ޓާންބުލްއަށް 250 ޑޮލަރުގެ ޖޫރިމަނާއެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.